ޑެންގީ

ރިޕޯޓް ކުރުން މަދު، އެކަމަކު ޑެންގީ ކޮންޓްރޯލެއް ނުވޭ: ހެލްތު

ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ ނިސްބަތް މަދުވެފައިވާ ކަމަށާއި ނަމަވެސް އަދިވެސް ޑެން ހުން މުޅިން ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށް ހެލް މިނިސްޓްރީން ބުނެފި އެވެ.

ފާއިތުވެދިޔަ ދެ މަހެއްހައި ދުވަސްތެރޭގައި ރާއްޖޭން ޑެންގީ ޖެހިގެން ރިޕޯޓުކުރާ މީހުންގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައިވާއިރު، އެ ބަލީގައި ތުއްތު ކުއްޖަކާއި ދެ މީހަކު ވަނީ މަރުވެފަ އެވެ. ހުސްވި ދެ މަހުގެ ތެރޭގައި 600 އަށްވުރެ ގިނަ މީހުންނަށް ޑެންގީ ޖެހިފައިވެ އެވެ.

ހެލްތު މިނިސްޓްރީގެ ތަރުޖަމާން ތަސްލީމާ އުސްމާން ވިދާޅުވީ، ޑެންގީ ހުން ކޮންޓްރޯލް ނުވި ނަމަވެސް އެކަށީގެންވާ ކުރިއެރުމެއް ލިބެމުން އަންނަ ކަމަށެވެ. ބަލި ޖެހިގެން ރިޕޯޓްކުރާ މީހުންގެ ނިސްބަތަށް ފާއިތުވި ތިން ހަފުތާގައި ވެސް ބޮޑު ދަށްވުމެއް އައިސްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ހަފުތާގެ ކުރީ ހަފުތާގައި ޑެންޖީ ޖެހިގެން ރާއްޖެއިން އައްޑިހައެއްހާ މީހުން ރިޕޯޓުކުރި އިރު، އެ އަދަދު 43 އަށް ނިމުނު ހަފުތާގައި ދަށްވެފައިވާ ކަމަށެވެ.

"މީގެ ދެ ހަފުތާ ކުރިން އެ އަދަދު ދިޔައީ 71 އަށް. އޭގެ ފަހުން ހަފުތާގައި 80 އަށް އަނެއްކާ އިތުރުވީ. އެހެންވީމަ އަދިވެސް ސްޓޭބަލް އެކޭ ނުބުނާނަން. ހަމަ އެހެންމެ ބައްޔާމެދު ފަރުވާތެރިކަން ކުޑަކޮށްލުންވެސް އަދި ރައްކާތެރިއެއް ނޫން،" ތަސްލީމާ ވިދާޅުވިއެވެ.

ޑެންގީ ހުން ޖެހޭ މިންވަރު ކޮންޓްރޯލް ނުވި ނަމަވެސް ފާއިތުވި ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ބަލި ޖެހިގެން ސީރިއަސް ކޭސްއެއް ރިޕޯޓް ކޮށްފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޑެންގީ ހުން އެންމެ ގަދަޔަށް ފެތުރެން ފެށީ ނިމުނު އޭޕްރިލް މަހުގެ ފަހުކޮޅުގައެވެ. އަދި އެ އަދަދު މޭ މަހުގައިވެސް ވަނީ ހަމަ އެ ސްޕީޑުގައި އިތުރުވެގެން ގޮސްފަ އެވެ.