މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

"ފެންވަރުގެ ހިދުމަތް ދޭ ތަނަކަށް އެމްޕީއެލް ބަދަލު ކޮށްލާނާން"

Jun 28, 2016
3
  • އަމާޒަކީ ހިދުމަތް އަވަސް ކުރުން
  • އާ ވެހިކަލްތަކުން 100 މިލިއަން ރައްކާކުރެވޭ
  • ޝަކުވާ 80 ޕަސެންޓް މިހާރު މަދުވާނެ

ވިޔަފާރިވެރިން އަބަދުގެ ޝަކުވާއަކީ މިއީ އެވެ؛ މާލެ ވިޔަފާރި ބަނދަރުގެ ހިދުމަތް ލަސްވުމެވެ. މުދާ ބޭލުން ލަސްވެގެން، މުދާ ކޮޅު ހަލާކުވަނީ އެވެ. މި ޝަކުވާ އަށް ނިމުމެއް ގެންނަން ވިޔަފާރި ބަނދަރު ބަލަހައްޓާ ކުންފުނި، އެމްޕީއެލްގެ އާ ސީއީއޯ މުހައްމަދު ޖުނައިދު ހުރީ އަޒުމު ކަނޑައަޅުއްވައިގެންނެވެ.

"އަޅުގަނޑު ނުބުނާނަން މިކަން ކުރެވޭތޯ ބަލާނަމެކޭ. އަޅުގަނޑު ބުނާނީ މާތްﷲ ގެ އިރާދަފުޅާ މިންވަރު ފުޅުން މިކަން ކޮށްފައި ދައްކާނަމޭ،" ރާއްޖޭގެ މައި ވިޔަފާރީގެ ބަނދަރު ހިންގާ އެމްޕީއެލްގެ ސީއީއޯ ޖުނައިދު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ބަނދަރުގެ މިހާރުގެ ހާލަތު ވަރަށް ދަށް؟

ސީއީއޯ ޖުނައިދު ވިދާޅުވީ އެމްޕީއެލްގައި ބޭނުންކުރާ ބަރު އުޅަނދު ފަހަރުގެ ހާލަތު ވަނީ ހީވެސް ނުކުރާހާ ދަށުދަރަޖައިގައި ކަމަށެވެ.

"އެންމެ ބޮޑު ދައްޗަކީ މުދާ ބާލަން ބޭނުންކުރާ އުޅަނދުތަކުގެ ދަތިކަން. މިހާރު މުދާ ބޭލުމެއް މިއޮތީ ދެ އުޅަނދެއް. އޭގެ ތެރެއިން އެކަތި ހަލާކު ވިއަސް އަޅުގަނޑުމެންނަށް ދުވާލު ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ،" ޖުނައިދު ވިދާޅުވި އެވެ. "އަޅުގަނޑު ހިތާމަކުރަން ގައުމުގެ މިވަރުގެ ތަނެއްގެ ހާލަތު މި ވަރަށް ވައްޓާލާފައި އޮތީމަ. ވައްޓާލާފައޭ މިދެނެވީ، މިއަދު މިހާލަތައް ވެއްޓިގެން ނުވާނެ. މިސާލަކަށް އަޅުގަނޑުމެންގެ އަތުގައި އޮތް ދެ ރީސްޓިކާ. އޭގެ ތެރެއިން އެކަތީގެ ތެޔޮ ހޮޅިއެއް ފަޅައިގެން ދިޔައީ. އެއަށް ކޮންމެ ފަދަ ކަމެއް ދިމާވެދާނެ. މީގެ ނަތީޖާއެއްގެ ސަބަބުން ހިދުމަތް ލަސްވޭ."

މި ގެއްލުމުން ކުންފުނި ސަލާމަތް ކޮށްދިނުމަށްޓަކައި، އެމްޕީއެލްއިން ވަނީ ހާއްސަ ޕްލޭނެއް ހަދައި މަސައްކަތް ފަށާފަ އެވެ. މިގޮތުން ބަނދަރުތަކުގައި ބޭނުންކުރާ ބަރު އުޅަނދުފަހަރު އުފައްދަން މަޝްހޫރު ސެނޯ ކުންފުންޏަށް ވަނީ 22 އުޅަނދެއް ހޯދަން ހަވާލުކޮށްފަ އެވެ. މެދުވެރިއެއް ބޭނުން ނުކޮށް ސީދާ ސަނީ ހެވީ އިންޑަސްޓްރީއާ ހަވާލުކޮށްގެން 140 މިލިއަން ރުފިޔާގެ އުޅަނދު ހޯދުމަށް އޯޑަރުކޮށްފަ އެވެ.

ޖުނައިދު ވިދާޅުވީ އޭގެ ސަބަބުން ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ރައްކާ ކުރެވޭއިރު އުޅަނދަކުން ހަތް މިލިއަން ރުފިޔާވަރު ކުންފުންޏަށް ސަލާމަތް ކުރެވޭނެ ކަމަށެވެ.

ޖުނައިދު ވިދާޅުވި ގޮތުގައި އަލަށް ގެންނަ 22 އުޅަނދު ތިން މަސް ދުވަހުގެ ތެރޭގައި މާލެ ގެނެވި ހިދުމަތް ދޭން ފެށުމުން މިހާރު އަންނަ ޝަކުވާ 80 ޕަސެންޓް މަދުވެގެންދާނެ އެވެ.

"ޕަސެންޓޭޖް ވައިސްކޮށް ދަންނަވާނަމަ ބުނެވޭނީ 80 ޕަސެންޓް ކުރިއެރުމެއް ލިބޭނެ. ބޮޑު ކުރިއެރުމެއް ލިބޭނެ،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަނދަރުގެ މައުލޫމާތު މީގެ ކުރިން ސަރުކާރަށް ދީފައިވަނީ ވެސް މުޅިން ރަނގަޅަށް ނޫން ކަމަށެވެ.

"ކުރީގެ ތިއްބެވި ބޭފުޅުންގެ ވިސްނުމާ އެއްގޮތަށް ހުރީ. ކުރިން އަބަދުވެސް ކިޔަނީ ހައްލަކީ ތިލަފުއްޓަށް ޕޯޓް ދިއުމޭ. ނަމަވެސް މިކަމަށްވެސް ތިން އަހަރު ވަރު ނަގާނެ. މި ދުވަސްތަކުގައި ކީއްތޯ ކުރަންވީ،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޕީއެލްގެ މިހާރު ވިސްނުމަކީ ވިޔަފާރިވެރިންގެ މުދާ ބަނދަރުގައި ބަހައްޓައިގެން ޑެމެރޭޖް އެރުވުން ނޫން ކަމަށާއި، ވީ އެންމެ އަވަހަށް މުދާ ދޫކުރުން ކަމަށެވެ.

"ބަނދަރުގެ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޖެއްސުންކޮށްގެން. ނޫނި ކޮންޓެއިނާތައް ޑެމެރޭޖް އަރުވައިގެން ނޫން އެމްޕީއެލްއަށް ފައިދާ ހޯދޭނީ. ހިދުމަތް ހޯދަން އަންނަ މީހުން ބޭނުންވާ ފެންވަރުގެ ހިދުމަތެއް ދީގެން ރަނގަޅު ފައިދާއެއް ހޯދޭނެ،" ޖުނައިދު ވިދާޅުވި އެވެ.