ބިދޭސީ މުވައްޒިފުން ބޭރަށް ފޮނުވާ ފައިސާއިން ތިން ޕަސަންޓުގެ ރެމިޓެންސް ޓެކްސް ނަގަން ހުށަހެޅި އިސްލާހު ރައްޔިތުން މަޖިލީހުން ބަލައިގެންފި އެވެ.
ވަޒީފާބެހޭ ގާނޫނަށް ސަރުކާރު ފަރާތުން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ހުށަހެޅި މި އިސްލާހު ބަލައިގަތީ 41 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް އެ ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވީ 16 މެންބަރުންނެވެ. އެހެން ކަމުން ރިޔާސަތުން ވަނީ އެ ބިލު ބަލައިގަތް ކަމަށް ކަނޑައަޅައި އިޖްތިމާއީ ކޮމިޓީއަށް ފޮނުވައިފަ އެވެ.
މި އިސްލާހު ހުށަހަޅަމުން ވަހީދު ވިދާޅުވީ މިއީ މި އަހަރު މަޖިލީހަށް ހުށަހެޅި ބަޖެޓަށް އާމްދަނީ ހޯދުމުގެ ގޮތުން ބިދޭސީ މުވައްޒިފުން މުސާރައިގެ ގޮތުގައި ބޭރަށް ފޮނުވާ ފައިސާއިން ތިން ޕަސަންޓް ރެމިޓެންސް ޓެކްސް ގޮތުގައި ނެގުމާބެހޭ އުސޫލް ކަނޑައެޅުމަށް ހުށަހެޅި އިސްލާހެއް ކަމަށެވެ. އަދި ބިދޭސީ މުވައްޒިފުންނަށް ވަޒީފާ ދޭ ފަރާތްތަކުން މުސާރައާއި ސާވިސް ޗާޖް ގޮތުގައި ދެވޭ ފައިސާގެ އަދަދު ދިނުމުގެ އުސޫލުތަކެއް ތައާރަފް ކުރުމާއި އެ ފަރާތްތައް އަދާކުރަން ޖެހޭ ޒިންމާތަކާ ތަކުރާރުކޮށް ހިލާފުވުމުން އަޅަން ޖެހޭ ފިޔަވަޅުތައް ތައާރަފް ކުރުންވެސް މި ބިލުގައި ހިމެނެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި މި އިސްލާހުގައި ބުނެފައި ވަނީ ބިދޭސީން ބޭރަށް ފޮނުވާފައިސާގެ ތިން ޕަސަންޓު ރެމިޓަންސް ޓެކްސް ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ކަމަށާއި އެ ޓެކްސްއަށް ރެޖިސްޓްރީކޮށްފައިވާ ފަރާތްތައް ކޮންމެ މަހަކު ރެމިޓެންސް ޓެކްސް ގޮތުގައި މީރާ އަށް ދައްކަން ޖެހޭ މިންވަރު ހިސާބު ކުރުމަށް ފަހު އެ ޓެކްސް ބަޔާން ކުރާ ބަޔާނެއް މީރާއަށް ހުށަހަޅަން ޖެހެއެވެ.
ރެމިޓެންސް ޓެކްސް ނުދައްކައި އެކަމުން ބަރީއަވާން މަސައްކަތް ކުރާ ފަރާތްތަކަށް ބިދޭސީ މުވައްޒިފަކު ބޭރަށް ފޮނުވި ފައިސާއާ އެއް އަދަދަކަށް ޖޫރިމަނާ ވާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެކަން ކުރީ ވިޔަފާރިއަކުން ނަމަ ޖޫރިމަނާގެ އިތުރުން ވިޔަފާރި ކުރުމުގެ ހުއްދަވެސް ވަކި ވަގުތީ ގޮތުން ނެގުމުގެ ބާރު ދައުލަތުގެ އިދާރާއަކަށް ލިބިފައިވެއެވެ.
މީގެ އިތުރުން ބިދޭސީ މުވައްޒިފުންނަށް މުސާރަ ދިނުމަގެ އުސޫލުތަކާއި އެއާ ހިލާފުވާ ފަރާތްތަކަށް އަމަލު ކުރާނެ ގޮތްތަކެއް ވެސް މި ބިލުގައި ކަނޑައަޅައިފަވެ އެވެ. އެގޮތުން ބިލު ތަސްދީގު ކުރުމަށް ފަހު ބިދޭސީ މުވައްޒިފަކަށް މުސާރަ ދޭން ޖެހޭނީ ރަޖިސްޓްރީކޮށްފައިވާ ބެންކެއްގައި އެ މުވައްޒިފެއްގެ ނަމުގައި ހުޅުވިފައިވާ އެކައުންޓެއް މެދުވެރިކޮށެވެ. އެނޫނީ އެ ބެންކެއްގެ ޗެކަކުން އެމުވައްޒިފެއްގެ އެކައުންޓަށް ޖަމާކޮށްގެނެވެ. އަދި އެކަމަށް ވަޒީފާ ދޭ ފަރާތްތަކުން ހިލާފުވެއްޖެ ނަމަ 10،000 އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އެއިސްލާހުގައި ބުނެފައިވެއެވެ.