އަހުމަދު ނިހާން ހުސައިން މަނިކު

ޓޫރިޒަމް ބިލަށް ޕީޕީއެމްގެ މެމްބަރުން ތާއީދުކުރޭ: ނިހާން

ރިސޯޓު ހެދުމަށް ރަށްތަކާއި، ބިންބިމާއި، ފަޅުތައް ބީލަމާ ނުލައި ކުއްޔަށް ދޫކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ޕީޕިއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތާއީދު ނުކުރެއްވިޔަސް ޕީޕީއެމްގެ މެމްބަރުން ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު، ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ވެސް ނިހާން ކަމަށެވެ. އަދި ވިދާޅުވީ މައުމޫން ފިޔަވައި އެއްވެސް މީހަކު ދެކޮޅު ނުހަދާ ކަމަށާއި ދެކޮޅު ހެއްދެވުން އެއީ އެމަނިކުފާނުގެ ހައްގެއް ކަމަށެވެ.

"ބާކީ ތިބި ގިނަ މެމްބަރުންނަށް މިކަން ރަނގަޅުވެފައި އެކަމުގެ މައުލޫމާތު ލިބިފައި މި ވަނީ. އެމަނިކުފާނުގެ ފުރިހަމަ ހައްގެއް އެއީ. ދެކެވަޑައިގަންނަވާ ގޮތާ ޚިލާފު ކަމުގައިވާނަމަ އެކަން އަޅުގަނޑުމެންނާ ހިއްސާ ކުރުން. އަޅުގަނޑުމެން އެކަން ބަލައިގަންނަން،" ނިހާން ވިދާޅުވި އެވެ.

ޓެރަރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު ބަންޑާރަ ނައިބު އަދި ފުންނާބު އުސް ގާނޫނީ ވަކީލުންނާ މަޝްވަރާކުރި ކަމަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތްތަކުން ޕީޕީއެމްގެ ތެރޭގައި ހިޔާލު ތަފާތުވުން އުފެދޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. މިއީ އަލަށް ރާއްޖޭގައި ކުރާ ކަމެއް ނޫން ކަމަށާއި ފާއިތުވެދިޔަ ތިން ސަރުކާރުގައިވެސް އެކަން ކޮށްފައިވާ ކަމަށެވެ.

" މިހާރު މިކުރާ ކަމަކީ ހަމަ އެކަނި ގާނޫނެއްގެ ތެރެއަށް ޖައްސާލައި މިކަން ހަމައަކަށް އަޅުވާލަނީ" ނިހާން ވިދާޅުވި އެވެ.

ރައީސް މައުމޫން ރޭ މެންބަރުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ރަށްތައް އިއުލާނުކުރުމެއް ނެތި ދޫކުރުމަކީ ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފު ކަމެއް ކަމަށާއި އެހެންކަމުން އެފަދަ އިސްލާހަކަށް ވޯޓު ނުދިނުމަށް އެންގުމަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އޭގެއިތުރަށް ރައީސް މައުމޫން ވިދާޅުވީ، ގުދުރަތީ ވަސީލަތްތަކުގެ މުއްސަނދިކަން އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ލިބިދީގެން ރައްޔިތުން ތަނަވަސްކަމާ ތިޔާގިކަމުގައި ދިރިއުޅެވޭނެ ގޮތްތަކެއް ހެދުމަކީ ޕީޕީއެމްގެ އެންމެ ބޮޑު އެއް މަގުސަދު ކަމަށެވެ.