ބޭރު ކުޅިވަރު

އިނގިރޭސި ވަގުތީ ކޯޗަކަށް ސައުތު ގޭޓް ހަމަޖައްސަނީ

އިނގިރޭސި ގައުމީ ކޯޗު ކަމަށް އެގައުމުގެ 21 އަހަރުނަ ދަށުގެ ކޯޗު ގެރެތް ސައުތުގޭޓް ހަމަޖައްސަން އުޅޭ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސި އެފްއޭއާ ހަވާލާދީފައިވާ ރިޕޯޓްތައް ބުނާގޮތުން ސައުތުގޭޓަށް ވަގުތީ ގޮތުން ކޯޗުކަން ދެނީ ސެޕްޓެމްބަރު އޮންނަ ވޯލްޑް ކަޕް ކޮލިފައިން އަށް ޓީމު ތައްޔާރު ކުރުމަށެވެ.

ސައުތު ގޭޓަކީ ގައުމީ ކޯޗުކަމަށް ގެންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ފަރާތެވެ. ނަމަވެސް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ބުނަނީ އެމީހުން ބޭނުންވަނީ ރަނގަޅު މީހަކު ކޯޗަކަށް ގެންނަން ކަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަށެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ އޭނާގެ މަގާމުގެ ފަހު އަހަރު ގުނަން ފަށާފައިވުމުން ގައުމީ ކޯޗުކަން އޭނާ އަށް ދީފާނެތޯ އެހުމުން އިނގިރޭސި އެފްއޭއިން ވަކި އެއްޗެއް ނުބުނެ އެވެ.

އިނގިރޭސި ޓީމުގެ ކޯޗުކަން ހުސްވީ ޔޫރޯގެ ދެ ވަނަ ބުރުން ޓީމު ކެޓުމުން ކޯޗުކަމުން ރޯއި ހޮޖްސަން އިސްތިއުފާދިނުމުންނެވެ. އަދި އާ ކޯޗަކު ހޯދުމަށް އެފްއޭ ތެރެއިން މަސައްކަތް ކުރާނީ ޗީފް އެގްޒެކްޓިވް މާޓިން ގްލެން އާއި ބޯޑު މެމްބަރު ޑޭވިޑް ޖިލް އާއި ޓެކްނިކަލް ޑައިރެކްޓަރު ޑޭން އޭޝްވޯތެވެ.

އާކޯޗަކަށް ދެން އަންނާނީ އިންގްލޭންޑް މީހެއް ކަމަށް އެފްއޭއިން ކުރިން ބުނެފައިވީ ނަމަވެސް އެނިންމުން ބަދަލުވެދާނެ ކަމަށް ވެސް މާޓިން ވަނީ ބުނެފަ އެވެ.

"ރަނގަޅު މީހަކު ގެނަންނަ ބޭނުންވަނީ. އެކަމަަށް ވަގުތު ނަގާނެ. އެހެންވީމަ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ވޯލްޑް ކަޕް ކޮލިފައިން އަށް ތައްޔާރުވުން. އެ މެޗުތަކަށް ވަގުތީ މީހަކު ހަމަޖެއްސިދާނެ،" މާޓިން ބުންޏެވެ.