ބޮލީވުޑް

ރަންބީރު ކަޕޫރުގެ "ރޯއީ" އަށް ރަނގަޅު ފެށުމެއް

ވިކްރަމްޖީތު ސިންގު ޑައިރެކްޓްކޮށްފައިވާ "ރޯއީ" އަކީ ބޮލީވުޑްގެ ތަރި، ރަންބީރު ކަޕޫރުގެ އާ ފިލްމެވެ. މި ފިލްމަށް ފާޑުކިޔުންގެ މާ ބޮޑު ތައުރީފެއް ނުލިބުނަސް ފިލްމު ވަނީ މިދިޔަ ހުކުރު ދުވަހު ސިނަމާތަކަށް ނުކުމެ ފެށުން ރަނގަޅުކޮށްފަ އެވެ. ދެ ދުވަސް ތެރޭގައި ފިލްމަށް ލިބުނު ބޮކްސް އޮފީހުގެ ޖުމްލަ ވަނީ 21.56 ކްރޯޑް ރުޕީސް (3.4 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ.

މިއީ ގާތްގަނޑަކަށް ފިލްމުގެ ބަޖެޓްގެ ދެ ބައިކުޅައެއްބަ އެވެ. ފިލްމަކީ 40 ކްރޯޑްގެ ފިލްމެކެވެ.

ފިލްމުގައި ރަންބީރުގެ އިތުރުން ލީޑް ރޯލުތައް ކުޅެފައި ވަނީ އަރްޖުން ރާމްޕާލް އާއި ޖެކުއިލީން ފެނާންޑޭޒް އެވެ. ފާޑުކިޔުންތެރިންގެ ތައުރީފެއް ކިރިޔާވެސް ލިބިފައި ވަނީ ފިލްމުގައި ރާމްޕާލް ކުޅެފައިވާ ރޯލަށެވެ. މީގެ އިތުރުން ފިލްމުގެ ލަވަތައް ވެސް އުޅެނީ އާންމުންގެ މެދުގައި ނިކަން މަޝްހޫރުކޮށެވެ.

މި ފިލްމަކީ ރޮމޭންޓިކް ތްރިލާ އެކެވެ. ފިލްމުގައި ރާމްޕާލް ކުޅެފައި ވަނީ ފިލްމު އުފައްދާ މީހެއްގެ ރޯލެވެ. އޭނާގެ މަޝްހޫރު ފިލްމު ސިލްސިލާ އަކީ "ގަންސް" ނަމަކަށް ކިޔާ އުފެއްދުންތަކެކެވެ. މި ސިލްސިލާ އަކީ ވަގެއްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ފިލްމުގައި ރަންބީރު ފެނިގެން ދަނީ އަގުބޮޑެތި ކުރެހުންތައް ވަގަށް ނަގާ "ޕްރޮފެޝަނަލް ވަގެއް" ގެ ރޯލެވެ.

މި ފިލްމަކީ ވިކްރަމްޖީތު ސިންގު ޑައިރެކްޓްކުރި ފުރަތަމަ ފިލްމެވެ.

ބޮލީވުޑްގެ ބޮކްސް އޮފީހަށް ބަލާއިރު މިފަހުން ނުކުތް ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަކީ އަކްޝޭ ކުމާރުގެ "ބޭބީ" އެވެ. މި ފިލްމަށް 17 ދުވަސް ތެރޭގައި 98 ކްރޯޑް (16 މިލިއަން ޑޮލަރު) ލިބިފައިވާއިރު ފިލްމުގެ ފޯރި އަދިވެސް ނުކެނޑެ އެވެ.

މި ފިލްމަށް ފާޑުކިޔުންތެރިންނާއި ބެލުންތެރިންގެ ތައުރީފު އޮހެމުން އަންނައިރު ފިލްމުގައި އަކްޝޭ ކުމާރު އަދާކޮށްފައިވާ ރޯލަށް ވެސް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ. މި ފިލްމަކީ އިންޑިއާއާ ދެކޮޅަށް ދޭން މަސައްކަތްކުރާ ޓެރަރިސްޓް ހަމަލާއެއް ނާކާމިޔާބުކޮށްލުމަށް "ބޭބީ" ގެ ނަމުގައި ހިންގާ ސިއްރު ހަރަކާތެކެވެ.