ވިޔަފާރި

އޮންލައިންކޮށް ހިއްސާ ގަނެ ވިއްކޭގެ ގޮތް ހަދަނީ

އޮންލައިންކޮށް ހިއްސާ ގަނެ ވިއްކޭގެ ގޮތް ހެދުމުގެ މަޝްރޫއެއް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން (އެމްއެސްއީ) އިން ފަށައިފި އެވެ.

ހިއްސާގެ ބާޒާރުގައި ފުރަތަމަ ފަހަރަށް އަމިއްލަ ކުންފުންޏެއް ލިސްޓު ކުުރުމާ ގުޅިގެން ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެމްއެސްއީގެ ސީއީއޯ ހަސަން މަނިކު ވިދާޅުވީ ސްޓޮކް އެކްސްޗޭންޖުގައި ކުރާ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމެއް ގާއިމް ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި ގޮތުން މާލެ އާއި ރައްރަށުގައި އަޅުގަނޑުމެންގެ ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސަން ދަނީ މަސައްކަތް ކުރަމުން. މީގެ ތެރެއިން އެމްއެސްޑީ އެކައުންޓް ހުޅުވުމާއި ގޭގައި ތިބެގެން އޮންލައިންކޮށް ނޫނީ މޮބައިލް ވޮލެޓް މެދުވެރިކޮށް ނުވަތަ އެސްއެމްއެސްގެ ޒަރިއްޔާ އިން ބޮންޑު ގަނެ، އައިޕީއޯ ސަބްސްސްކްރައިބް ކުރުމުގެ ފުރުސަތު ލިބޭނެ. މާތްﷲގެ އިރާދަފުޅުން މި އަހަރު ތެރޭގައި ކާމިޔާބު ވާނެ،" މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޓޮކް އެކްސްޗޭންޖުގެ މަގުސަދަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ހިއްސާގެ މުއާމަލާތްތައް ހިންގުން ކަމަށެވެ.

"ސްޓޮކް އެކްސްޗޭންޖަކީ އެންމެ ޕްރިފާޑް އޮޕްޝަންކަމަށް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން. އެކަމުގައި އަޅުގަނޑުމެންނަށް ތިން ޗެލެންޖެއް ފާހަގަ ކުރެވި އެކަމަށް އެޑްރެސް ކުރެވެމުން މިދަނީ،" މަނިކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިއްސާގެ ބާޒާރުގައި ލިސްޓުކުރި ފުރަތަމަ އަމިއްލަ ކުންފުންޏަކަށް "ސްޕެކްޓްރާ" ވުމަކީ މުހިންމު ނިންމުމެއް ކަމަށެވެ.