މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލް އިން ހިތަދޫގައި 100 އެނދުގެ ގެސްޓް ހައުސްއެއް އަަޅަނީ

Jul 2, 2016
6

އައްޑޫ އާއި ފުވައްމުލަކުގައި ދަތުރުފަތުރުގެ ހިދުމަތްދޭ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިތަދޫގައި 100 އެނދާއި 200 އެނދާ ދެމެދު އަދަދަކަށް އެނދު ހިމެނޭ ގެސްޓް ހައުސްއެއް ތަރަައްގީ ކުރަން ނިންމައިފި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ އައްޑޫގައި ބަހުގެ ހިދުމަތް ފެށުމާ ދިމާކޮށް، 100 ނޫނީ 200 އެނދުގެ ގެސްޓް ހައުސްއެއް އަޅަން ނިންމާފައިވާ ކަމަށާއި އެއީ ރައީސުލް ޖުމްހޫރިއްޔާ ވަރަށް ބޮޑަށް އެދިވެޑައިގެންފައިވާ ކަމެއް ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީންގެ އެދިލެއްވުމެއް އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށް ދިނުމަކީ. އެގޮތުން އައްޑު އަތޮޅު ގެސްޓް ހައުސްއެއް އަޅަނީ،" ޖުނައިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގެސްޓް ހައުސްގެ މަސައްކަތް ފަށާނެ އިއުލާނު ކުރުން މިވަގުތަށް ފަސްކޮށްފައިވާ ކަމަށެވެ.

އެމްޕީއެލް އިން ވަނީ އައްޑޫ އާއި ފުވައްމުލަކުގައި ބަހުގެ ހިދުމަތް ފެށުމުގެ ގޮތުން 13 ބަސް ރާއްޖެ ގެނެގެސް އައްޑޫއަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

"ރައީސްގެ ވަރަށް ބޮޑު އެދިލެއްވުމަށް އައްޑޫ ފުވައްމުލަކުގައި ދަތުރުފަތުރުގެ ރަނގަޅު ނިޒާމެއް ގާއިމް ކޮށްދިނުމަކީ. އެހެންވެ މި ހިދުމަތް ފަށަނީ،" ޖުނައިދު ވިދާޅުވި އެވެ. "އައްޑޫ އާއި ފުވައްމުލަކުގައި ދޭ ދަތުރުފަތުގެ ނިޒާމު ހިންގަނީ ކުންފުންޏަށް ފައިދާތަކެއް ލިބޭ ގޮތަކަށް ނޫން. ގެއްލުމުގައި. ނަމަވެސް ގެސްޓް ހައުސް ހެދީމަ ގެއްލުން ކުޑަ ވެގެން ދާނެ. މީގެ އިތުރުން ވަޒީފާގެ ފުރުސަތު ވެސް އުފެދިގެންދާނެ. މީގެ ސަބަބުން ކުންފުންޏަށް ލިބޭ ގެއްލުން ކުޑަވާނެ،"