ވިޔަފާރި

ގެސްޓް ހައުސް ކޮންފަރެންސުގެ އޮންލައިން ނިއުސް ޕާޓްނަރަކަށް "އަވަސް"

Jun 30, 2016
2
  • ގެސްޓް ހައުސް ކޮންފަރެންސް އޮތީ ސެޕްޓެމްބަރު 24 ގައި
  • ގިނަ ގެސްޓް ހައުސްތަކުން ބައިވެރިވޭ
  • ކޮންފަރެންސް އޮންނާނީ ވިލާ ކޮލެޖުގައި

މޯލްޑިވްސް ގޭޓްއަވޭޒް އިން ބާއްވާ ގެސްޓް ހައުސްތަކުގެ ކޮންފަރެންސުގެ އޮންލައިން ނިއުސް ޕާޓްނަރަކަށް "އަވަސް" އޮންލައިން ހަމަޖައްސައިފި އެވެ.

މި އަހަރުގެ ސެޕްޓެމްބަރު 24 ވަނަ ދުވަހު ބާއްވާ "ގެސްޓް ހައުސް ކޮންފަރެންސް" އޮންނާނީ ވިލާ ކޮލެޖުގަ އެވެ. މި އެއްބަސްވުމުގައި "އަވަސް" އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރު މާކެޓިން އެންޑް ސޭލްސް އަމިނަތު މުހައްމަދު އެވެ. އަދި ގެސްޓް ހައުސް ކޮންފަރެންސް ބާއްވާ މޯލްޑިވްސް ގެޓް އަވޭސްގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރު ބިޒްނަސް ޑިވްލޮޕްމަންޓް ޑރ. ހުސެއިން ސަނީ އުމަރު އެވެ.

ގެސްޓް ހައުސް ކޮންފަރެންސަކީ ގެސްޓް ހައުސް ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް އެއް ފުރާޅެއްގެ ދަށަށް ގެނެސް މި ވިޔަފާރީގައި ހުރި މައްސަލަތަކާއި ހުރި ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށް ބާއްވާ ކޮންފަރެންސެކެވެ. މި ބައްދަލުވުން ބާއްވަނީ ގިނަ ކުންފުނިތަކެއްގެ އެއްބާރުލުމާއެކުގަ އެވެ. މި ކޮންފަރެންސުގެ ޕާޓްނަރުންގެ ގޮތުގައި ހިމެނެނީ:

  • އެންޑޯސިން ޕާޓްނަރު: އެމްއެމްޕީއާރުސީ
  • އެންޑޯސިން ޕާޓްނަރު: މީރާ
  • އޮންލައިން ނިއުސް ޕާޓްނަރު: އަވަސް އޮންލައިން
  • މެރިން ޕާޓްނަރު: ހަސަން މެރިން
  • ބޯޓް ބިލްޑިން ޕާޓްނަރު: އަލް ސާލީ މެރިން މޯލްޑިވްސް
  • ޓެލެކޮން ޕާޓްނަރު: ދިރާގު
  • ފިއުލް ޕާޓްނަރު: ފިއުލް ސަޕްލައި މޯލްޑިވްސް
  • ޓީވީ ޕާޓްނަރު: ޕީއެސްއެމް

މޯލްޑިވްސް ގޭޓްއަވޭޒް އިން ސަނީ އުމަރު ވިދާޅުވީ، ކޮންފަރެންސްގެ މަގުސަދަކީ ގެސްޓް ހައުސްތަކާއި ދާއިރާގެ ފަރާތްތަކާ އެކު އޮންނަ ގުޅުންތައް ބަދަހިކޮށް، ގެސްޓް ހައުސްތަކަށް ދިމާވާ އެކި ގޮންޖެހުންތައް ނައްތާލުމަށް މަޝްވަރާކޮށް އެހީތެރިވެދިނުން ކަމަށެވެ. އެގޮތުން ބުކިން ޑޮޓްކޮމް އާއި އިންޓަނޭޝަނަލް ޓުއާ އޮޕަރޭޓަރުން ވެސް އެ ކޮންފަރެންސްގައި ބައިވެރިވާނެ އެވެ. ސަނީ ވިދާޅުވި ގޮތުގައި މިއީ ގެސްޓް ހައުސްތަކަށް ބޭރުގެ މާކެޓްތަކަށް އިތުރަށް ވަނުމަށް ހުޅުވޭނެ ރަނގަޅު ފުރުސަތެކެވެ.

"ކޮންފަރެންސު މިދަނީ އެއް ދުވަހަށް. ކޮންފަރެންސުގެ ތެރޭގައި މި ދާއިރާއާ ގުޅުންހުރި ބައެއް ޕްރޮޑަކްޓްތައް ލޯންޗް ކުރުން ވެސް އޮންނާނެ،" ސަނީ ވިދާޅުވި އެވެ.

ސޮއި ކުރި ޕާޓްނަޝިޕާ ގުޅޭ ގޮތުން، "އަވަސް އޮންލައިން"ގެ މެނޭޖާ މާކެޓިން އެންޑް ސޭލްސް އައިމިނަތު މުހައްމަދު ވިދާޅުވީ އެ ކޮންފަރެންސާއި ގުޅޭ ހަބަރުތައް އަވަސްގެ އިންގްލިޝް އެޑިޝަން އާއި ދިވެހި އެޑިޝަންގައި ޝާއިއު ކުރަމުން ގެންދާނެ އެވެ. އެގޮތުން އެކްސްކްލޫސިވް ރިޕޯޓްތަކާއި ފޮޓޯ އަދި ވީޑިއާ ގެނެސްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ޕާޓްނަޝިޕްގައި "އަވަސް" އިން ބައިވެރިވީ އެންމެ މުހިންމު ސަބަބަކީ، އައިމިނަތު ވިދާޅުވި ގޮތުގައި ގެސްޓް ހައުސް އިންޑަސްޓްރީ ފުޅާކުރުމަށް އެހީތެރިވުމަށް ކުރާ މިފަދަ ބޮޑު ކަމަށް އެހީތެރވެދީ އެ ދާއިރާގެ މުރިއެރުމަށް މަސައްކަތް ކުރުމެވެ.

މި ކޮންފަރެންސް ބާއްވާ ގެޓް އަވޭސްގެ ފަރާތުން އަންނަނީ، ގެސްޓް ހައުސްތަކަށް ހާއްސަކޮށްގެން ގެސްޓްހައުސަސް މޯލްޑިވްސް ކިޔާ މަޖައްލާ ރާއްޖޭގައި ނެރެމުންނެވެ. މީގެ އިތުރަށް އީޓްޑޮޓް އެމްވީގެ ނަމުގައި މަޖައްލާ އަކާއި އޮންލައިން ވެބްސައިޓެއް ވެސް އެ ކުންފުނިން ނެރެ އެވެ. ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެ ޕްރޮޑަކްޓްތައް މާކެޓް ކުރުމުގައި އަވަސް އޮންލައިން އިން މުހިންމު ދައުރެއް އަދާކުރާނެ އެވެ.

ގެސްޓް ހައުސް ވިޔަފާރިއަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ފުޅާކޮށް ކުރިއަށްދާ ވިޔަފާރި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 300 އަށްވުރެ ގިނަ ގެސްޓް ހައުސް ހިންގަ އެވެ.