ވާހަކަ

ކުރު ވާހަކަ: ލޯބީގެ ކުށްހީ

ލޯބީގެ ކުށްހީއަކުން ފަށައިގަންނަމާ ހިނގާށެވެ. ދެ ހިތެއް ބައްދަލުވެ، އެކަތި އަނެކައްޗަށް ބަންޑުންވެ ލޯބީގެ ކިލަނބު ކަމެއް އޭގައި އުފެދޭއިރު ވަރަށް ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮންނަނީ އެންމެން ލޯބިވަނީ އެއްގޮތަކަށް ކަމަށެވެ. ލޯބީގެ މި ކިލަނބު ކަމެއްގެ ތެރެއަށް އަރަގުވެގެން ދިއުމުގެ އެންމެ ފުރަތަމަ ސަބަބަކީ ވެސް ހަގީގަތުގައި މި ކުށްހީއަށް ތަވާބެ ބަރޯސާވެވޭ ވެވުމެވެ.

މިއީ ލޯބީގެ ކުށްހީ އެކެވެ. ތިމާ މީހާ ލޯބިވާ ގޮތަށް އެ ލޯބި އަނބުރާ ނުދޭ މީހާގެ ހިތުގައި ލޯތްބެއް ކުލުނެއް ނުވަތަ އިހްތިރާމްގެ ކަންފުޅެއް ވެސް ނެތީ އެވެ. ލޯބީގެ މި ކުށްހީގައި ބެދި ނޭވާ ހޮޅިއަށް އެޅިފައިވާ ނަފުސަށް ވިސްނިފައި އޮންނަ ގޮތަކީ މިއީ އެވެ.

އެކަމަކު ލޯބީގައި މި ހުންނަނީ އެތައް ވައްތަރެކެވެ. މީހުން މީހުން ދެކެ ލޯބިވާ ގޮތް ނުވަތަ މީހުންނަށް މީހުން ކަމުދާ ގޮތް ވެސް އެކަކަށް ކަމުދާ ގޮތާއި އެކަކު ލޯބިވާ ގޮތާ ތަފާތެވެ. އިންސާނާގެ ދިރިއުޅުން ޝައުގުވެރިކުރުވަނިވި ވަށްބުރަކަށް ބަދަލުވެގެން ދަނީ މިފަދަ އެތައް ސަބަބެއް ނުވަތަ އެތައް ކުލައެއް އޭގައި ޖެހިފައިވާތީ އެވެ.

ދެން ކޮންމެވެސް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްގެ ވާހަކައިން ފަށައިގަންނަމާ ހިނގާށެވެ.

** ** ** **

"އަހަރެމެން ދެ މީހުން ޑޭޓްކުރަން ފަށައިފި ނަމަ ވާނީ ކިހިނެތް؟،" އަންހެން ކުއްޖާ ސުވާލުކުރި އެވެ.

"ދެ ބިޓުންނަކަށް ނޫންތަ؟،" ފިރިހެން ކުއްޖާ އޭނާގެ ޖަވާބު ފޮނުވާލި އެވެ.

ދެ މީހުން ތިބީ ދެ ތިން ހަތަރު މޭލު ދުރުގަ އެވެ. އަންހެން ކުއްޖާ އޮތީ މާފަންނުގައި ހުރި އޭނާގެ އެޕާޓްމަންޓްގެ ކުޑަ ނަލަ ކޮޓަރި ތެރޭގަ އެވެ. އެނދުމަތީގައި އޮށޯވެލައިގެން، ފަޑިއާ ދިމާލުން ފާރަށް ދެ ފައި ނަގައި ހުރަސްކޮށްލައިގެން އައިފޯނު އަނގަމައްޗަށް ނަގައިގެން ސުވާލުތަކެއްގެ ތެރެއަށް ވަދެ ގެއްލިފަ އެވެ. އެކަނިވެރި އެ ހަޔާތުގައި ބީހެމުން ދިޔަ ހަމައެކަނި އިހްސާސަކީ ފާރުގައި ކުރަހާފައިވީ މާ ސިންގާ ޑްރީމް ކެޗާސްތަކެވެ. ފަންކާގެ ވަޔަށް އެ ކުރެހުން ހަރަކާތްކުރާ ކަމަށް ހީކޮށްލައިގެން އަންހެން ކުއްޖާ އޮތީ އެވެ.

ފިރިހެން ކުއްޖާ އެ އޮތީ ހުޅުމާލޭގެ ރޯ ހައުސްއެއްގަ އެވެ. ހިތް އެދި ރޮނީ ހުވަފެނަށް މަޅި ޖަހައިގެން ކޮޓަރިއެއްގައި ބަންދުވެގެން އޮތް އަންހެން ކުއްޖާ އަށެވެ. އެކަމަކު މި ދެ ހިތް ވަރަށް ވެސް ބީރައްޓެއްސެވެ. ފަސޭހައިން ގުޅޭނެ ދެ ހިތް ކަމަކަށް ނުބެލެވެ އެވެ.

އެހެންވީމަ މިހައި ހިސާބުން އަނެއްކާވެސް އެ ދެ މީހުންގެ ވާހަކަ އަށް އެނބުރިގަންނަމާ ހިނގާށެވެ.

"އަހަރެން ބުނީ އަހަރެމެން ދެ މީހުން ޑޭޓްކުރަން ފަށައިފި ނަމަ ދެން ވާނީ ކިހިނެތް ހެއްޔެވޭ؟،" ކުރިން ވެސް ކުރި ސުވާލަށް ދެ ތިން ހަތަރު ލަފުޒެއް އިތުރުކޮށް އަންހެން ކުއްޖާގެ ފޯނުން އަނެއްކާވެސް ފިރިހެން ކުއްޖާ އަށް ފޮނުވާލައިފި އެވެ.

"ދެ ބިޓުންނަކަށް ނޫންތަ؟،" ފިރިހެން ކުއްޖާގެ ޖަވާބުވީ ހަމަ އެކައްޗަކަށެވެ.

އަންހެން ކުއްޖާއަށް އެ ޖަވާބެއް ކަމު ނުދިޔަ އެވެ. ދެން ވީއްލައިލީ އެންގްރީ ފޭސްއަކުންނެވެ.

"އަހަންނާ މެރީކުރާނަންތަ؟،" އަންހެން ކުއްޖާގެ ހިތް އޮތްގޮތަށް ނަގައި ޕާރުސަލްކޮށް ފިރިހެން ކުއްޖާގެ އުނގަށް ފޮނުވައިލި އެވެ. ހުރިހާ ވެސް ޝުކުރެއް މެސެންޖާ އަށެވެ.

ދެން އެރީ މެސެޖު ސީން އެވެ. ފިރިހެން ކުއްޖާގެ ރިޕްލައިއެއް ނައެވެ. ފާރުގައި ކުރަހާފައި ހުރި ޑްރީމް ކެޗާތައް ދިރިގެން ނެއްޓިގެން، ނުކުމެގެން އައިސް އެނދުގައި އޮތް އަންހެން ކުއްޖާއާ މައްލަވަކޮށް ޖެއްސުންކުރަން ފެށީ އެހިސާބުންނެވެ.

"ހުވަފެން ނުފެންނަނީސް އަނެއްކާވެސް ހަގީގަތަށް ހަދަން ހިފައިލީދޯއެވެ." އަންހެން ކުއްޖާގެ ކަރުދަށުގައި ބީހެމުން ގޮސް ކަންފަތް ދަށުގައި ބޮސްދެމުން ޑްރީމް ކެޗާއެއް ބުނެލި އެވެ.

މިހައިހިސާބުން އޭގެ ދެ ގަޑިއިރު ފަހަށް ޖެހިލަމާ ހިނގާށެވެ.

ސީހައުސްގެ ކުޑަ ކޮފީ މޭޒެކެވެ. ފަނޑު އައްޔެވެ. ލަވާޒާ ކޮފީގެ ވަހާއި ރެޑްބުލްގެ ފިނިކަމާއި ދުންފަތުގެ އޮލަކަމެވެ. ވެއިޓަރަށް މީހުން ގޮވާ އަޑާއި އެމީހުންގެ އޯޑަރުތައް ގެނެސް މޭޒުމަތީގައި އަތުރާ އަޑާއި މީހުން އަނގަތަޅާ އަޑާއި ދެބައޮޑުވަމުން ހޭ އަޑާއި ސިނގިރޭޓަށް ލައިޓަރު އަޅާ އަޑާއި ސިނގިރޭޓަށް ދަމާ އަޑެވެ. ދެ މޫނު ޖެހޭހާ ގާތުގައި ތިބި ލޯބިވެރިންނާއި ފްރެންޑް ޒޯންކޮށްފައި ތިބި "ބޭއިންނާއި" ސޯޝަލް މީޑިއާގެ އައްޔަށް ގެނބި އަރަގުވެފައި ތިބި މީހުންނެވެ.

"ޑޯން ޔޫ ހޭޓް ދިސް ޕްލޭސް،" ޑެކްމަތި ތޮއްޖައްސައިގެން ތިބި މީހުންގެ ހަރަކާތްތަކަށް ފާރަލަމުން ގޮސް ކައިރީގައި އިށީނދެލައިގެން އިން ފިރިހެން ކުއްޖާގެ މޫނަ ހުއްޓިގަންނަމުން އަންހެން ކުއްޖާ އަހާލި އެވެ.

"ބޭރަށް ދާ ކޮންމެ ފަހަރަކު އަހަރެމެން ދެ މީހުން މިތަނަށް އަންނަން ޖެހޭތަ؟"

ވެއިޓަރު ގެނެސް ބެހެއްޓި އައިސް ލެމަން ޓީން ފޮދުވަރެއް ބޯލުމަށް ފަހު ވެސް އަންހެން ކުއްޖާ ފިނިވާ ގޮތެއް ނުވި އެވެ.

މިއީ މީގެ ދެ ގަޑިއިރުކުރިން ޑްރީމް ކެޗާ ކޮޓަރި ތެރޭގައި ފޫހިވެފައި އޮތް އަންހެން ކުއްޖާ އެވެ. އޭރު އޭނާ ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އަސްލު ބިޓަކާއެއް ނޫނެވެ. އަސްލު ބިޓު މިހުރީ އޭނާ ގޮވައިގެން ސީހައުސްގެ ހަލަބޮލި މާހައުލަށް ވަދެ އެވެ. މި ފިރިހެން ކުއްޖާގެ ނަމަކަށް އަހަރެމެން ދޭނީ ޒަޔާން އެވެ. އެކަހަލަ ނަމެއް ކީމަ، ހިތާވެގެން މި އުޅޭ ދެ މީހުންނަކީ ވިހި ފަންސަވީހުގެ ދެ މީހުންކަން ވެސް ދެނެގަތުމަށް ފަސޭހަވާނެ އެވެ.

"އަހަރެމެން ދަމެއް ނޫން އޮކްސިޖަން އަށް ވެސް،" އަންހެން ކުއްޖާ އަށް އެންމެ މީރު ކެއުން ލިބޭ ތަނުގެ މަތިން ހަނދާންކޮށްލަދެމުން ފިރިހެން ކުއްޖާ ބުނެލި އެވެ.

މިހައި ހިސާބުން މި ވާހަކައިގައި މި ވަނީ ކިހިނެތްތޯ ބަލައިލަމާ ހިނގާށެވެ. ވަރަށް ސިމްޕަލް އެވެ. ފޫހިވެފައި ހުރި އަންހެން ކުއްޖެކެވެ. ސީރިއަސް ބޯއިފްރެންޑެއް އެބަހުއްޓެވެ. އެކަމަކު ދެ މީހުންގެ ހިތް އެހާ އެހާއެއް ނޫނެވެ. ދެން މި އުޅެނީ ދެ ތިން ހަތަރު މޭލު ދުރުގައި ކައި ނިދައި އުޅޭ ފިރިހެން ކުއްޖެކެވެ. އޭނާގެ ހިތް މި އަންހެން ކުއްޖާ އަށް އެދި ރޮނީ އެވެ. އެކަމަކު އެ ދެ މީހުންގެ ހިތް ވެސް ވަރަށް ބީރައްޓެސެވެ.

ވެގެން މިއުޅޭ ގޮތަކީ، ދެ ހިތް ބައްދަލުވެ އެކަތި އަނެކައްޗަށް ބަންޑުންވިޔަސް އޭގައި ޝައްކާއި ވަސްވާހުގެ ކިލަނބުކަމެއް އުފެދިގެންނެވެ. ދެ ތިން ހަތަރު މޭލުން އަންހެން ކުއްޖާ މިސްވެގެން އުޅޭ ފިރިހެން ކުއްޖާ އަށް މި އަންހެން ކުއްޖާގެ ހިތް ލެނބިފައި އޮތަކަސް އޭގައި އަސްލެއް ނެތެވެ. ނުވަތަ އެ ފިރިހެން ކުއްޖާ އަންހެން ކުއްޖާ ދެކެ ލޯބިވާ ގޮތް އޭނާ އަށް ކަމުނުދަނީ އެވެ.

އެކުގައި އުޅޭތާ ހައެއްކަ މަސްވެފައިވާ ޒަޔާންއާ އެކު އުޅެން ކިތަންމެ ބޭނުންވިޔަސް އަންހެން ކުއްޖާ އެންމެ ހިތްއެދޭ ސިފަތަކެއް އޭނާގެ ކިބައިގައެއް ވެސް ނެތެވެ. އަންހެން ކުއްޖާއާ ކައިވެނިކުރަން އެއްބަސްވާ ސިފަ ފިޔަވައި ޒަޔާންގެ ކިބައިގައި ކަމުދާ އިތުރު ސިފައެއް ނެތެވެ.

"ދެން ކަލޭ ކީއްވެތަ އޭނައާ އެކު ތިއުޅެނީ؟،" މިއީ އަންހެން ކުއްޖާގެ ބެސްޓް ފްރެންޑް ރީމާ އެވެ.

"ނޭނގެ މަށަކަށް،" ގައިން ވަރުދޫކޮށް ކަންނެތްކަމުގައި ގޮސް އަންހެން ކުއްޖާ އެނދު މައްޗަށް ވެއްޓިގަތެވެ.

"ހާދަ ރީތި ޑްރީމް ކެޗާތަކެއް. ކާކު ކުރެހީ،" ފާރުގައި ކުރަހާފައި ހުރި ޑްރީމް ކެޗާތަކުގައި އިނގިލިތައް ދުއްވަމުން ރީމާ އަހާލި އެވެ.

"އޭނަ،" ފޫހިވެފައިވާ ރާގެއްގައި އެހެން ބުނުމަށް ފަހު އަންހެން ކުއްޖާގެ މޫނު ބާލީހުގައި ވަޅުލައިގަތީ އެވެ.

** ** ** **

ލޯބީގެ ކުށްހީއަކުން ފަށައިގަންނަމާ ހިނގާށެވެ. މި ވާހަކައިގައި މި އުޅޭ އަންހެން ކުއްޖާ އަށް ބޭނުންވަނީ ބިޓެއް ނޫނެވެ. ސާފު ތެދުވެރި ޕިއްޒާއެކެވެ. ނުވަތަ ނޭވާލެވޭހާ މީރު އޮކްސިޖެން އަލެ ކީވް އެކެވެ.

އެއީ ދޮގެކެވެ. އެކަމަކު ބައެއް ފަހަރަށް ވާގޮތަކީ، ދިރިއުޅުމުގައި މާ ބޮޑަށް ފޫހިވީމަ، ވަރަށް ގިނަ މީހުންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވެފައި އޮންނަނީ ކެއުމެވެ. ކޮންމެއަކަސް މި ވާހަކަ މި ވާހަކައިގެ މި ހިސާބުގައި މުހިންމުކޮށްލީ އެހެންވެގެންނެވެ. އެއަށް ފަހު އަނެއްކާވެސް ލޯބީގެ ކުށްހީއަކުން ފަށައިގަންނަމާ ހިނގާށެވެ. – ޒަޔާން އެވެ.

މިއީ ވަރަށް ގިނަ އަންހެން ކުދިންގެ ހަޔާތަށް އަންނަ ކެރެކްޓާއެކެވެ. ހަޔާތުގެ ދަތުރުގައި "ޒަޔާން" އާ ބައްދަލުވެފައި ތިބި އަންހެން ކުދިން ވަރަށް ވެސް ގިނަވާނެ އެވެ. މި ޒަޔާނެއް އައިސް އަންހެން ކުއްޖާގެ ހިތް ފުރަތަމަ ނަޒަރުން ފަތަހަކޮށްލަނީ އެވެ. އޭނާގެ ރީތިކަމާއި ބަސްއެހުމާއި އަހުލާގާއި ވިޔާނުދާ ސިފައިން ވެސް އަންހެން ކުއްޖާ ލޯބީގައި ކަނުކޮށްލަނީ އެވެ. ކައިވެންޏަށް ވެސް ފުރަތަމަ އަހާނީ މި ވައްތަރުގެ ޒަޔާންތަކެވެ.

އެކަމަކު ލޯބީގެ ކުނި ވާހަކަތަކުގައި ދުވަސްތައް ހަފުތާތަކަށް، ހަފުތާތައް މަސްތަކަށް ބަދަލުވަމުން ދާ އުސޫލުން ގޮސް މި ޒަޔާނެއްގެ އަސްލު ކުލަތައް ފާޅުވެ އޭނަ މަތިން އަންހެން ކުއްޖާ ފޫހިވަނީ އެވެ.

މި ވާހަކައިގެ އަންހެން ކުއްޖާގެ ހަޔާތަށް އައި ޒަޔާން މަތިން އޭނާ ފޫހިވިއިރު ދެ މީހުންގެ ކައިވެންޏަށް ތާރީޚު ކަނޑައަޅައި ހެދުން ވެސް ކަނޑައި ނިމިއްޖެ އެވެ. އެކަމަކު މި ވާހަކައެއްގެ މިހައި ހިސާބަށް އައިސް އަންހެން ކުއްޖާ އާއި ޒަޔާންގެ ލޯބީގެ ވާހަކަ އަށް ނިމުމެއް މި އަންނަނީ އެއްގޮތަކަށް ވެސް އެ ދެ މީހުން އެކަކު އަނެކަކު ދެކެ ލޯބިނުވާތީކީއެއް ނޫނެވެ.

އެކަކު އަނެކަކު ދެކެ ލޯބިވާ ގޮތް ތަފާތުވީމަ އެވެ. ލޯބިވެވުނު ގޮތް ތަފާތުވީމަ އެވެ.

"އަހަންނަކަށް ހީއެއް ނުވޭ ޒަޔާން އަހަރެން ދެކެ މިހާރު ލޯބިވާހެނެއް،" ބާލީހުގައި ބޯއަޅައިގެން އޮވެ އަންހެން ކުއްޖާ ބުނީ މިހެންނެވެ.

ވަރަށް މަޝްހޫރު ސައިކޮލޮޖިސްޓަކު ވެސް ބުނެފައިވެ އެވެ. ސައިކަލް ބުރު ޖަހަން ނުދާ ނަމަ ލޯބި ނުވަނީ އެވެ. މި ސައިކޮލޮޖިސްޓެއްގެ ވާހަކަ އެއްގޮތަކަށް ވެސް ސީރިއަސްކޮށް ނަގާނެ ކަމެއް ނެތެވެ.

"ކަލޭ ކައިރީގަ ޑޮކްޓަރު ބުނީ އެހެން؟،" މި ޑޮކްޓަރެއްގެ ވާހަކަ އަންހެން ކުއްޖާ އޭނާގެ އެކުވެރި ރީމާ އަށް ކިޔައިދިން ދުވަހު އޭނާގެ ދެ ލޯ ބޮޑުވެގެން ގޮސް ފުންމާލީ އެވެ.

މިހައި ހިސާބުން އަނެއްކާވެސް ލޯބީގެ ކުށްހީއަކުން ފަށައިގަންނަމާ ހިނގާށެވެ. ހުޅުމާލޭގެ ރޯ ހައުސްއެއްގައި ރޯން އޮތް ހިތެވެ. އަންހެން ކުއްޖާގެ ހަޔާތުގައި ޓަކި ދިން އެކަމަކު ހިތްނުކިޔުނު ފިރިހެން ކުއްޖާ އެވެ. އެކަމަކު މިފަހަރު އޭނާ އަށް ހާއިއެއް ޖެހީ އެގޮތް ބޭނުންވެގެންނެވެ.

"އަހަރެމެން ދެ މީހުން ޑޭޓްކުރަން ފަށައިފި ނަމަ ވާނީ ކިހިނެތް؟،" އަންހެން ކުއްޖާގެ ވާހަކަ ފެށީ އަބަދުވެސް އެ ދެ މީހުންގެ ވާހަކަތައް ފަށާ ސުވާލުންނެވެ.

"އަވަހަކަށް ކައިވެންޏެއް ނުކުރާނެ،" ފިރިހެން ކުއްޖާ ދިން ޖަވާބު މިފަހަރު ތަފާތެވެ.

"އޯކޭ. ލެޓްސް ގޯ އައުޓް ދެން،" އަންހެން ކުއްޖާގެ ޖަވާބު ވެސް ތަފާތުވީ އެވެ. (ނިމުނީ)


--ނޯޓް: މި އަންހެން ކުއްޖާ އާއި ފިރިހެން ކުއްޖާގެ އެހެން އެޕިސޯޑެއް ފަހަރެއްގައި އަތުވެދާނެ އެވެ.