ފިނިޕޭޖް

މަންޑޭގެ ނިއު ލުކް: އެންމެ ރީތީ ކޮން މަންޑޭއެއް؟

  • މަންޑޭ އެއައީ އުމްރާ އަށް ގޮސްފައި، ބޯ ކޮށާލީ އެހެންވެ
  • ޓްރޭޑްމާކް އިސްތަށިގަނޑު އެނބުރި އަންނާނެ ކަމަށް ބުނޭ

ދެ ހާސް ދިހަ ވަނަ އަހަރު ޓީވީއެމުން ފެށި ބޮޑުބެރު ޗެލެންޖަކީ ދިވެހި ބޮޑުބެރަށް އިންގިލާބެއް ގެނައި އަހަރެކެވެ. ވަޅު ޖެހިފައި އޮތް ބޮޑުބެރު އަނެއްކާވެސް ހޭލައްވާލީ އެވެ. ބޮޑު ބެރާއެކު ޒުވާން އަންހެން ކުދިންގެ ހިތްތަކާއިވެސް ނިކަން ގަދައަށް ވަނީ ކުޅެލާފަ އެވެ. އެއަޑެއްގައި ޖެހި ހަފުސްވެގެން ދިޔައީ ބޮޑުބެރުގެ ރަސްގެފާނު އިބްރާހިމް މަމްދޫހު (މަންޑޭ) ގެ އަޑުއިވިފަ އެވެ. އަޑާ އެއްވަރަށް މަންޑޭގެ އިސްތަށިގަނޑުވެސް ވަރަށް ބޮޑު މަގުބޫލުކަމެއް އަދި މަޝްހޫރުކަމެއް ހޯދި އެވެ.

މަންޑޭ މަޝްހޫރުވެގެން ދިއުމާއެކު އޭނާގެ ފޮޓޯތައް ޕްރޮފައިލް ޕިކްޗާއަށް ލައިގެން އުޅުނު ކުދިން ވެސް މަދެއް ނުވާނެ އެވެ. މަންޑޭ ރީތިވެގެން އޭނާ އާ ހިތާވެ ސައުވީސް ގަޑިއިރު މަންޑޭގެ ލަވަތައް އަޑުއަހަން އެނދުމައްޗަށް ވެއްޓިގަނެގެން ތިބީ ކިތައް އަންހެން ކުދިންނެއް ކަމެއް ވެސް ނޭނގެ އެވެ.

އެހެންވީމަ އެންމެ ފުރަތަމަ ވެސް މަންޑޭގެ މި ހިތްގައިމުކަމެއްގެ އެންމެ ބޮޑު ސިއްރު ކަމުގައިވާ އިސްތަށިގަނޑަކުން މި ވާހަކައެއް ފަށައިގަންނަމާ ހިނގާށެވެ. އިސްތަށިގަނޑު ދިގުކުރަން މަންޑޭގެ ހިޔާލަށް އައީ 2004 ނުވަތަ 2005 ވަނަ އަހަރެވެ. ސްކޫލް ނިންމާލާފައި މަންޑޭ ބޭނުންވީ ކުޑަކޮށް ތަފާތުވެލާށެވެ. އޭރު އޭނާ ކުރަމުން އައި ކަމަކީ ކުރެހުމެވެ. މަންޑޭ އަކީ ވަރަށް މޮޅު ކުރެހުންތެރިއެއްކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. ކޮންމެސް ވަރަކަށް ރާޅާ އަޅަންވެސް އޭރު އޭނަ ދެ އެވެ. -- އެހެންވީމަ އޮރިޖިނަލް ރާޅު ބޯއިއަކީ ވެސް މިއީއެއް ނޫން ހެއްޔެވެ؟

"ސްކޫލް ނިންމާލާފައި ހިތަށް އެރީ ދިގުކޮށްލަން. އެފަހަރު ޗުއްޓީއަށް ރަށަށް ދިޔައީމަ މީހުން އެއްޗެހިވެސް ކީ. މަންމަވެސް ބުނި ބޯ ދިގޭ. އެކަމަކު ރުޅިއެއް ނާދޭ" މަންޑޭގެ ސްޓައިލް ބަދަލުކޮށްލުމަށްފަހު އަވަސް އާ ފޯނުން ވާހަކަ ދައްކަމުން މަންޑޭ ބުނީ މިހެންނެވެ.

ކޮނޑާއި ހަމައަށް ދިގުކޮށްލާފައި އެއޮންނަ އިސްތަށިގަނޑު މިހާރު މަޝްހޫރުވެގެން އެއުޅޭ ޝަލަބީ އިބްރާހިމްގެ އިސްތަށިގަނޑަށްވުރެ އެންމެ ތަންކޮޅެއްވެސް ދެރައެއް ނޫނެވެ. ބޯވެފައި ކަޅުކަން އަދި ވިދުންވެސް ގަދަ އިސްތަށިގަނޑެކެވެ. ފަންވެފައި ދެތިން ބަނޑިއެއްވެސް ލާފައި އޮންނަ އިސްތަށިގަނޑު އެއީ ހަމަ ގުދުރަތުންވެސް އޭނާއަށް ލިބިފައިވާ އިސްތަށިގަނޑެވެ.

"މަންޑޭ އެއީ މަގޭ ފޭވަރިޓް. އެއަޑަށްވުރެ މަށަށް ކަމުދިޔައީ މަންޑޭގެ އިސްތަށިގަނޑު، މަވެސް އިސްތަށިގަނޑު ހަމަ އެވަރަށް ކޮށާލައި ފަންކޮށްލާ އެކަހަލަ ގޮތަކަށް ބަދަލުކޮށްލިން. ހާދަ ރީއްޗޭ އޭރު" މަންޑޭގެ ލަވަތަކުގެ ދުނިޔޭގައި ރަސްކަން ކުރަމުންދާ އަންހެން ކުއްޖަކު ބުންޏެވެ.

މަންޑޭގެ އިސްތަށިގަނޑު ރީތީ ކޮންމެހެން ސެލޫން އަކަށް ގޮސްގެން ނަގާ ޓްރީޓްމެންޓު ތަކަކުން ނޫނެވެ. މަންޑޭ އަލަށްވެސް ސެލޫން އަކުން ޓްރީޓްމަންޓެއް ނެގީ 2011 ވަނަ އަހަރެވެ. އެ އަހަރުގެ އެހަނދާނުގައި ޝޯއަށް އަރާށެވެ. ކުރިން ބޯކޮށަނީވެސް އަމިއްލަ އަށެވެ.

"ކުރިން ބޯކޮށަނީވެސް އަމިއްލަ އަށް. މާބޮޑަށް ދިގުވީމަ ލޯގަނޑު ކައިރީ ހުރެފައި ކޮށަނީ. އިސްތަށިގަނޑުގެ ކޮޅުތައް ބުރިކޮށްލަނީ" މަންޑޭ ބުނީ މިހެންނެވެ.

މަންޑޭ ފުރަތަމަ ފެނުނު އިރަށްވުރެ ދެން ފެނުނު އިރު އެއަށްވުރެ އިސްތަށިގަނޑު ދިގެވެ. އެއިސްތަށިގަނޑުގެ މަސްތުގައި ޖެހި އެތައް ހިތެއް ވިރިގެން ދިޔަ އެވެ. އެތައް އަހަރެއް ވަންދެން އިސްތަށިގަނޑު ދިގުކޮށްގެން އުޅުމަށްފަހު މަންޑޭ މިފަހަރު ފެނުނީ ބޯ ކޮށާލާފައި ހުއްޓަ އެވެ. ވަރަށް ތަފާތު ލުކެކެވެ. ބައެއް އަންހެން ކުދިން ބުނީ މަންޑޭގެ މި ތަފާތު ސްޓައިލް ވަރަށް ބޮޑަށް ކަމުދިޔަ ކަމަށެވެ. މަންޑޭ އާ ބޮޑަށް ގުޅެނީވެސް އަދި މަންޑޭ ރީތީވެސް ބޯކޮށީމަ ކަމަށެވެ.

އެހާދުވަސްކޮށްލާފައި މަންޑޭ ބޯކޮށާލާ ސްޓައިލް ބަދަލުކޮށްލީ ކީއްވެހޭ ހިތައް އަރާ ނޫން ހެއްޔެވެ؟ މަންޑޭ ކައިރީ އަހާލަން ހިނގާށެވެ. ތި ހީކުރާ ކަހަލަ ކަމެއް ނޫނެވެ.

"ބޯ ކޮށާލީ އުމްރާއަށް ގޮސްފައި، ހަމަ ޒީރޯ އިން. އެއީ މިދިޔަ މާޗްމަހުގެ ތެރޭގައި،" ހިނިގަނޑެއް ޖަހާލާފައި މަންޑޭ ބުނީ މިހެންނެވެ. އޭގެ ފަހުން އަދި އޭނާ ބޯ ނުކޮށަ އެވެ. އެހަނދާނުގައި ޝޯއިން އެންމެ ފަހުން ފެނިގެން ދިޔައީ އުމްރާއަށް ގޮސް ބޯކޮށި ފަހުން އިސްތަށިގަނޑު ދިގުވި ވަރަށެވެ.

އެކަމަކު މިއީ އިސްތަށިގަނޑު ދިގުކުރުމަށްފަހު އެހާ ވަރަށް އިސްތަށިގަނޑު ކުރުކޮށްލި ފުރަތަމަ ފަހަރެއް ނޫނެވެ. ދެހާސް ހަތް ވަނަ އަހަރު އޭނާ ވަނީ ކުރުކޮށް ބޯ ކޮށާލާފާ އެވެ. އެކަންވީ އޭނާ އަށް ވަރަށް "އޮޑް ފީލް" އެއް ކުރުވި ކަމަކަށެވެ. އެތައް އަހަރެއް ވަންދެން ބޯ ދިގުކުރުމަށްފަހު ކޮށާލީމަ ކަމަށްވެސް ވެދާނެ އެވެ.

"އޭރު އޮޑް ފީލް އެއް ވި ބޯ ކޮށައިގެން. މިފަހަރުވެސް ކުޑަކޮށް ދެރަވި ކުރީގެ ފޮޓޯތައް ފެނުނީމަ. އެކަމަކު މިހާރު ދެރައެއް ނުވޭ. ދެން ދިގުވާނެތާ" މަންޑޭ ބުންޏެވެ.

މަންޑޭގެ ސްޓައިލް ބަދަލުކޮށްލުމަކީ ބައެއް މީހުންނަށް މަންޑޭ ވަކިކުރަންވެސް ނޭނގުނު ކަމެކެވެ. މި އަހަރުގެ އެހަނދާނުގައި ޝޯގައި ލަވަ ކިޔާ ނިމިގެން ހަފްތާއަކަށްވުރެ ގިނަ ދުވަސްވީއިރުވެސް މަންޑޭ ލަވަކީކަން ނުދެނަ ހުރި މީހުން ޝޯ ބެލި މީހުންގެ ތެރޭގައި ވެސް ވަރަށް ގިނަ އެވެ. އަޑުން މަންޑޭ ވަކިކުރި މީހުންވެސް އެބަތިއްބެވެ. ދެން އޮތް ސުވާލަކީ މަންޑޭ ހަމަ އެކަށް ސްޓައިލް ބަދަލުކޮށްލީ ތޯ އެވެ؟ ހީވަނީ ކިހިނެއް ހެއްޔެވެ؟ އެރީތި އިސްތަށިގަނޑު އަލުން ދިިގުކުރާންނަންތޯ އެވެ؟

މަންޑޭ ހުރީ އިސްތަށިގަނޑު އަލުން ދިގު ކުރާގޮތަށެވެ. މަންޑޭއަށް ބޮޑަށް ކަމުދަނީ ވެސް އެ ސްޓައިލެވެ.

"އިސްތަށިގަނޑު ދިގުކުރާނަން. އެކަމަކު ކުރިން ކުރި ވަރަށް މޭމަތި ފޮރުވޭ ވަރަށް އެވަރަކަށް ނުކުރާނަން. އެކަމަކު ކޮންމެސް ވަރަކަށް ދިގުކުރާނަން. މިފަހަރު ޒީރޯ އިން ދުއްވާލީމަ އާއިލާ މީހުންނަށްވެސް ނޭނގުނު، ރައްޓެހިންވެސް ކައިރިން ލާފައި ދޭ މަންޑޭ ކަމެއް ނޭނގި."