ހަބަރު

އަނގައިން ނުބައިވަސް ދުވަނީ، ހައްލު މި އޮތީ!

އިންސާނުންނަކީ ސާފުތާހިރުކަމަށް ލޯބިކުރާ ބައެކެވެ. ރީތި ވަހާއި ރީތި ގޮތްތަކާއި ރީތި އެއްޗިއްސަށް ލޯބިކުރާ ބައެކެވެ. އެހެން މީހުންގެ ތެރެއަށް ނިކުންނަ އިރު ތިމާ ހުރީ އެހެން މީހުންނަށް ފެންނަން އެންމެ ރަނގަޅު މިންވަރެއްގައިތޯ ޗެކު ކޮށްލެވޭ ސަބަބަކީވެސް އެއީ އެވެ. މީރު ވަސްދުވާ ސެންޓާއި، ދާ ހިއްލުން ކޮންޓްރޯލްކުރާ ފާޑު ފާޑުގެ ސްޕްރޭއާއި މައުތު ވޮޝް ފަދަ ސާމާނަށް މުސާރައިން މިންވަރެއް ކޮންމެ މަހަކުވެސް ހޭދަކޮށްލެވެ އެވެ. އާންމުކޮށް ދާ ހިއްލުމާއި ގައިން ނުބައިވަސް ދުވުމާއި، އަދި ހާއްސަކޮށް އަނގައިން ނުބައި ވަސް ދުވުމަކީ، އެ މައްސަލަތައް ދިމާ ވާނަމަ ކޮންމެ މީހަކުވެސް ކަންބޮޑުވުމެއްގެ ތެރެއަށް ފައްތާލާ ވަރުގެ ނާޒުކު ސިއްހީ މައްސަލަތަކެކެވެ. ނާޒުކު މައްސަލަތަކެކޭ ބުނަން ޖެހޭ ސަބަބަކީ މިފަދަ ކަންކަމަކީ ބައެއްފަހަރު މީހާއަށް މުޖުތަމައުގެ މަލާމާތްލިބި އެކަހެރި ދިރިއުޅުމެއްގެ އިހުތިޔާރު ވެސް ދީފާނެ ކަންކަމަށް ވުމެވެ.

ހެލިޓޯސިސް، ނުވަތަ އަނގައިން ނުބައިވަސް ދުވުމަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އާބާދީއަށް ކުރިމަތިވެފައިވާ އާންމު ސިއްހީ މައްސަލައެކެވެ. އަނގައިން ނުބައިވަސް ދުވާ ބައެއް މީހުންނަކީ އެކަން އިހުސާސް ނުކުރެވި ދުވާލުގެ ބޮޑު ބައެއް ހޭދަކޮށްލާ ބައެކެވެ. މިއީ އޭގެ ސަބަބުން މީހާއަށް މުޖުތަމައުގެ ފުރައްސާރަ ލިބި، ބައެއް ފަހަރު ދިމާއަށް ވެސް މަލާމާތް ރައްދުވާ ފަހަރު އާދެއެވެ. ނަމަވެސް ކަންބޮޑުވާނެ ކަމެއް ނެތެވެ. ކުޑަ ހިއްވަރަކާއެކު މިއީ ވެސް ރަނގަޅުކޮށްލެވިދާނެ ކަމެކެވެ.

މައުތު ވޮޝް އަށް ބަރޯސާ ވާން ވީތަ؟ ތި ވިސްނަނީ އަދި މުޅިއަކުން ރަގަޅަކަށް ނޫނެވެ. މި ފަހަކަށް އައިސް ބާޒާރުން ގިނައިން ފެންނަ މައުތު ވޮޝް ތަކަކީ އޭގައި ސޯޑިއަމް ކްލޮރައިޓް ނުވަތަ ކްލޮރިންޑައި އޮކްސައިޑް ކިޔާ މާއްދާއެއް ހިމެނޭ އުފެއްދުންތަކެކެވެ. މި މާއްދާ ގެ ސަބަބުން އަނގައިގެ ވަސް މަދުވެގެން ހަ ގަޑި އިރަށް ތާޒާކޮށް ހިފަހައްޓާ ކަމަށް މިތަކެތި އުފައްދާ ފަރާތްތަކުން ދައުވާ ކުރި ނަމަވެސް، ސޯޑިއަމް ކްލޮރައިޓްގެ ވަސް ގަޑި އިރެއްގެ ތެރޭގައި ފިލައިގެންދާ ކަމަށް މިނިވަން ދިރާސަތަކުން ދައްކައެވެ. މައުތު ވޮޝްގެ އިތުރަށް ސްމާޓް މައުތު ކިޔާ އުފެއްދުމެއްވެސް މިކަމުގެ ހައްލަކަށް ބޭނުންކޮށް އުޅެއެވެ. އޭގައި އެކުލެވޭ ސޯޑިއަމް ކްލޮރައިޑާއި އެއްކޮށްފައިވާ ޒިންކް ކްލޮރޮއިޑް މާއްދާގެ ސަބަބުން އަނގައިގެ ތެރޭގައި ހުންނަ ބެކްޓީރިއާތަކުގެ ވަރު ދެރަކޮށް ގޭސް އުފެއްދުމަށް އިރުކޮޅަކަށް ދަތިކޮށްލައެވެ. ނަމަވެސް އެއީވެސް އިރުކޮޅަކަށެވެ. އަނގައިން ނުބައިވަސް ފިލުވަން ބޭނުންކުރާ އެހެނިހެއް އުފެއްދުންތަކަކީވެސް ކުޑަ އިރުކޮޅެއްގެ ފަރުވާއެކެވެ. އެހެންކަމުން މިކަމަށް ދާއިމީ ހައްލެއް ހޯދަން އެބަ ޖެހެއެވެ.

ގިނަ ފަހަރަށް އަނގައިން ނުބައިވަސް ދުވަނީ ދަތާއި ހިރުގަނޑާ ދޭތެރޭ އަށަގަންނަ ބެކްޓީރިއާއެއްގެ ސަބަބުންނެވެ. މީގެ ތެރެއިން ބައެއް ބެކްޓީރިއާ އަކީ ހިރުގަނޑަށް ބަލިޖެއްސުން ވަރަށް ކައިރި ބެކްޓީރިއާތަކެކެވެ. ހިރުގަނޑުގެ މައްސަލަތަކަކީ ވެސް އަނގައިން ނުބައިވަސްދުވަން މެދުވެރިވާ ކަމެކެވެ. ހާއްސަކޮށް ހިރުގަނޑަށް ބަލި ޖެހި ހިރުގަނޑުން ލޭ އަންނަ ނަމަ ލޭގެ އަސަރު އަނގައިގެ ތެރޭގައި ހުރެ ލޭ ނުބައިވުމުގެ ސަބަބުން ކެތްކުރަން ދަތި ވަހެއް އަނގައިގެ ތެރޭގައި ހަރުލާގޮތްވެ އެވެ. އެހެން ނަމަވެސް ވިސްނާލަންޖެހެނީ މިފަދަ މައްސަލަތައް ދިމާވާންޖެހެނީ ރަނގަޅަށް ހުންނައިރު ފަރުވާކުޑަކޮށްލެވުމުގެ ސަބަބުންނެވެ. އަނގައިގެ ސާފުތާހިރުކަމަށް ސަމާލުކަން ނުދެވުމުން ކަމެވެ.

ދިރިއުޅުމުގެ ބައެއް ކަހަލަ ނުރަނގަޅު އާދަތަކަކީ މިކަމުގައި ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. ބައެއް ފަހަރަށް ކެވޭ އެއްޗެހީގެ ސަބަބުންވެސް އަނގައިގަ ނުބައި ވަސް ހަރުލާގޮތްވެ އެވެ. އަދި މަސްތުވާ ތަކެތިން އަމަލުކުރުމާއި، ދުންފަތުން އިސްތިއުމާލުކުރުމަކީ ވެސް މައިގަނޑު ބައެއް ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މީގެ އިތުރުން ގޮހޮރުގައި ހުންނަ ރަނގަޅު ބެކްޓީރިއާއަށްވުރެ ގޯސް ބެކްޓީރިއާގެ އަދަދު އިތުރުވެ، އިމްބެލެންސް ވުމަކީވެސް އަނގައިން ނުބައިވަސް ދުވުމާއި ހަށިގަނޑުން ނުބައިވަސް ދުވަން މެދުވެރިވެދާނެ ސަބަބެކެވެ.

އެހެން ބަލިތަކެކޭވެސް އެއްގޮތަށް މިކަމަށްވެސް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ފައިދާހުރި ކާނާ ބޭނުންކުރުމެވެ. ކާބޯ ހައިޑްރޭޓްސް ހިމެނޭ ކާނާއާއި ވިޓަމިން ލިބިދޭ ކާނާ މީގެ ތެރޭގައި ހިމެނުން މުހިންމެވެ. ޕެކެޓް ކެއުންތައް މަދުކުރާށެވެ. ހަމަ އެއާއެކު ގަޑިން ގަޑިއަށް ދަތް އުނގުޅުމާއި ދަތް އުނގުޅާއިރު ހިރުގަނޑަށް ފަރުވާތެރިވުމަކީވެސް މުހިއްމު ކަމެކެވެ. ހަމަހަމަ މުއްސަނދި ކެއުމެއް ހިޔާރުކުރުމުން އަނގައިގެ ވަސް ކެނޑުމުގެ އިތުރަށް ގޮހޮރުގެ ސިއްހަތު ރަނގަޅުވެ، ހަޖަމުގެ ނިޒާމް ދުޅަހެޔޮކޮށްދެ އެވެ. އަދި ލޭމައްޗަށް ދިއުން ފަދަ ކަންކަމުން ވެސް ދުރުހެލިކޮށްދޭނެ އެވެ.