ބޭރު ކުޅިވަރު

ސްޕޭނުގެ ކޯޗުކަމުގައި ނުހުންނާނަން: ޑެލްބޮސްކޭ

ސްޕޭނުގެ ކޯޗުކަމުން އޭނާ ވަކިވާން ނިންމިފި ކަމަސް ކޯޗު ވިސެންޓޭ ޑެލްބޮސްކޭ ބުނެފި އެވެ.

ސްޕޭނުގެ ރޭޑިއޯއަކަށް ވާހަކަ ދައްކަމުން އޭނާ ބުނީ ޔޫރޯގެ ދެ ވަނަ ބުރުން ސްޕޭން ކަޓާފައިވާއިރު ކޮންމެ ނަތީޖާއެއް އެ މުބާރާތުގައި ނުކުތަސް ކޯޗުކަން ދޫކޮށްލަން އޭނާ ނިންމާފައިވާ ކަމަށެވެ.

ސްޕޭނުގެ ކޯޗުކަމާ ޑެލްބޮސްކޭ ހަވާލުވީ 2008 ވަނަ އަހަރުގެ ޔުރޯ ކާމިޔާބުކޮށްދިން ކޯޗު ލުއިސް އަރަގޯނީސް އެ މުބާރާތަށް ފަހު ވަކިވުމުންނެވެ. އޭގެ ފަހުން ޑެލްބޮސްކޭ ވަނީ 2010ގެ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ސްޕޭނަށް ކާމިޔާބުކޮށްދީފަ އެވެ. ނަމަވެސް އެންމެ ފަހުގެ ވޯލްޑް ކަޕުގެ ފުރަތަމަ ބުރުން އަދި މިއަހަރުގެ ޔޫރީގެ ދެ ވަނަ ބުރުން ސްޕޭން ވަނީ ކަޓާފަ އެވެ.

ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން އިސްތިއުފާދޭން ޑެލްބޮސްކޭ ނިންމި އެވެ. ނަމަވެސް ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު މަގާމުގައި ދެމިހުރީ ސްޕޭނުގެ އެފްއޭއިން އެދިގެންނެވެ.

އޭނާ ބުނީ ބޮޑު ދެ މުބާރާތަކުން ސްޕޭން ކެޓި ނަމަވެސް ރަނގަޅު ކުޅުންތެރިންނާއި ރަނގަޅު އޮނިގަނޑެއް ސްޕޭނުގައި އެބައޮތް ކަމަށެވެ.