ތަރިންގެ މައްޗަށް އެކުލެވިފައިވާ ބެލްޖިއަމް 3-1އިން ބަލިކޮށް ވޭލްސް ތާރީހީ ކާމިޔާބީއަކާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިއީ ބޮޑު މުބާރާތެއްގެ ސެމީ ފައިނަލަށް ވޭލްސް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ސެމީފައި ވޭލްސް ކުޅޭނީ މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނޭ ޕޯޗުގަލްއާ އެވެ. މިހެންވެ މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ދެ ކުޅުންތެރިން ކަމަށްވާ ރޮނާލްޑޯ އާއި ގެރެތް ބޭލްގެ ކުރިމަތިލުމަކެވެ.
މުހިންމު ޑިފެންޑަރުންނަށް އަނިޔާވުމުގެ ސަބަބުން ފަހަތް ބަލިކޮށް އޮތް ބެލްޖިއަމްކޮޅަށް ވޭލްސްގެ ފުރަތަމަ ގޯލު ޖަހައި 1-1އިން ނަތީޖާ ހަމަހަމަކޖުރީ ކެޕްޓަން އޭޝްލީ ވިލިއަމްސް އެވެ. އޭގެ ކުރިން މެޗުގެ ފުރަތަމަ ލަނޑު ޖެހީ ބެލްޖިއަމްގެ ރަޖާ ނައިން ގޯލަން އެވެ.
ވޭލްސް ލީޑް ނެގީ ހާލް ރޮބްސަން ކާނޫ ޖެހި ގޯލުންނެވެ. އޭގެ ފަހުން މެޗުގެ ފަހު ލަނޑު ބެލްޖިއަމް ކޮޅަށް ޖެހީ 85 ވަނަ މިނިޓްގައި ވޯކްސް އެވެ.
މެޗަށް ފަހު ވޭލްސްގެ ކޯޗު ކްރިސް ކޯލްމަން ބުނީ މިއީ މީގެ އަށް އަހަރު ކުރިން ގައުމީ ޓީމާ ހަވާލުވިއިރު އޭނާ އުއްމީދު ވެސް ކުރި ކާމިޔާބީއެއްނޫން ކަމަށެވެ.
"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް،. އަހަރެން ހުރީ މީގެ އަށް އަހަރު ކުރިން މަގާމު ގެއްލޭ ހިސާބުގައި. މިހާރު އަހަރުމެން މިދަނީ އުފާފާޅު ކުރަން. ޓީމެއްގެ ގޮތުގައި އަހަރުމެން މަސައްކަތްކޮށްގެން ކާމިޔާބި މިހޯދީ،" ކޯލްމަން ބުންޏެވެ.
މެޗަށް ފަހު ރޮބްސަން ކާނޫ ބުނީ މިއީ ވަރަށް ފުރިހަމަ ކާމިޔާބީއެއް ކަމަށާއި ޓީމެއްގެ ގޮތުގައި ކާމިޔާބު ހޯދަން ކުޅުންތެރިން ވަރަށް މަސައްކަތް ކުރި ކަމަށެވެ.
މި މެޗުގައި ދެެއްކި ރީނދޫ ކާޑާއެކު ވޭލްސްގެ އާރޮން ރަމްސޭއަށް ސެމީ ފައިނަލުގައި ނުކުޅެވޭނެ އެވެ. އޭނާ އަށް ވަނީ ދެ ކާޑު ހަމަވެފަ އެވެ.