ފެރޭރޯ، ނަޓެއްލާ އަދި ކިންޑަ ފަދަ ޗޮކްލެޓްގެ މަޝްހޫރު އެތައް ނަމެެއްގެ ބާނީ މިޝެލް ފެރޭރޯ އުމުރުން 89 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.
އިޓަލީގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުރި ފެރޭރޯ މަރުވީ ދުވަސްކޮޅަކު ބަލިވެ އުޅުއްވުމަށް ފަހުގައި ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. މިދިޔަ އަހަރު ފޯބްސް އިން އެކުލަވާލި ބިލިއަނަރުންގެ ލިސްޓުގެ 30 ވަނާގައި އޮތް ފެރޭރޯ އަކީ ފޮނިކާތަކެތި އުފެއްދުމުގެ ވިޔަފާރީގައި ދުނިޔޭގެ ރަސްގެފާނެވެ. އޭނާގެ މިލްކިއްޔާތު 26.7 ބިލިއަން ޑޮލަރަށް އަރަ އެވެ.
ފެރޭރޯ ގްރޫޕުން އުފައްދާ ބާވަތްތަކުގެ ތެރޭގައި ޓިކް ޓެކްސް އާއި ކިންޑަ ޗޮކްލެޓް އެގްސް ވެސް ހިމެނެ އެވެ. މި ގްރޫޕްގެ އެންމެ މަގުބޫލު އެއް އުފެއްދުން ކަމަށްވާ ނަޓެއްލާ އަކީ ފެރޭރޯގެ ބައްޕަ ޕިއޭޓްރޯ 1964 ވަނަ އަހަރު ކުޑަ ކޮކޯ ކޮޅަކާއި ބައިވަރު ހޭޒެލްނަޓް އަޅައިގެން އުފެއްދި އެއްޗެކެވެ. އެއީ ޗޮކްލެޓްގެ އަގު ވަރަށް ބޮޑު ދުވަސްވަރެކެވެ. އެއީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭ ކޮކޯ ލިބުން ދަތިވެ، ބޮލަކަށް ވަކި މިންވަރަކަށް ކޮކޯ ބެހި ޒަމާނެކެވެ.
ޕޭސްޓްރީ ކާނާ އުފައްދާ ޕިއެޓްރޯ އެންމެ ފުރަތަމަ ޗޮކްލެޓް ލެބޯޓަރީއެއް ހުޅުވީ 1942 ވަނަ އަހަރު އިޓަލީގެ އަލްބާގަ އެވެ. އޭނާ 1949 ގައި މަރުވުމުން ފެރޭރޯ އަށް އެ ވިޔަފާރި ވާރުތަވީ އެވެ.
ފެރޭރޯ ކިންޑަ ޗޮލްކެޓް އުފެއްދީ 1968 ވަނަ އަހަރު އެވެ. އަދި ޖެހިގެން އައި އަހަރު ޓިކް ޓެކްސް އަދި 1982 ވަނަ އަހަރު ފެރޭރޯ ރޯޗާ އުފެއްދި އެވެ.
ފެރޭރޯ ގްރޫޕްގެ ވިޔަފާރި 1997 އިން ފެށިގެން ހިންގަމުން އައިސްފައި ވަނީ ފެރޭރޯގެ ދެ ފިރިހެން ދަރިންނެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ހާޓް އެޓޭކެއް ޖެހިގެން 2011 ވަނަ އަހަރު ވަނީ މަރުވެފަ އެވެ.