އައްޑޫ ސިޓީ

އައްޑޫ އާއި ފުވައްމުލަކުގައި 13 ވަނަ ދުވަހު ބަހުގެ ހިދުމަތް ފަށަނީ

އައްޑު އަތޮޅާއި ފުވައްމުލަކަށް ބަހުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ފުރަތަމަ ޝިޕްމަންޓްގެ ތިން ބަސް މިއަދު އައްޑޫއަށް ގެންގޮސްފި އެވެ. އަދި ހިދުމަތް މިމަހުގެ 13 ގައި ފަށާނެ ކަމަށް އެމްޕީއެލުން ބުނެފި އެވެ.

އެމްޕީއެލްއިން ވަނީ އައްޑޫ އާއި ފުވައްމުލަކުގައި ބަހުގެ ހިދުމަތް ދިނުމުގެ ގޮތުން 13 ބަސް ރާއްޖެ ގެނެސްފަ އެވެ. އެ ބަސްތަކުގެ ތެރެއިން 32 ޖާގައިގެ ދެ ބަސް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކަށެވެ. އަދި ސ. ހުޅުދޫ-މީދޫ އަށް ވެސް 30 މީހުންގެ ދެ ބަސް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އައްޑޫގެ އެހެން ރަށްތަކަށް ބަހުގެ ހިދުމަތް ދިނުމުގައި 50 މީހުންގެ ޖާގައިގެ އަށް ބަސް ބޭނުން ކުރާނެ އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ނުޖައިދު މިއަދު ވިދާޅުވީ، އައްޑޫއަށް ފޮނުވާ ބަސްތަކުގެ ފުރަތަމަ ބުރު މިއަދު އައްޑޫއަށް ގޮސްފައިވާ ކަމަށެވެ. އިތުރު ޝިޕްމަންޓްތައް މިއަދާއި ކުރިއަށް އޮތް ތިން ދެ ދުވަހުގެ ތެރޭގައި މާލެއިން ފުރާނެ ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހާއި ހަމައަށް އައްޑުއާ ފުވައްމުލަކަށް ބޭނުންވާ ހުރިހާ ބަހެއް އެރަށްރަށަށް ފޮނުވައި ނިންމާނެ ކަމަށެވެ.

"ފުރަތަމަ ޝިޕްމަންޓް މިހާރު އެވަނީ އައްޑުއަށް ގޮސްފައި، ފޭދޫއަށް ބަސްތައް ބޭލުމުގެ މަސައްކަތް ކުރަމުން މިހާރު އެބަ ދޭ. އިތުރު ޝިޕްމަންޓެއް މިއަދު ހަވީރުވެސް މާލެއިން ފުރާނެ، އަޅުގަނޑުމެން އުންމީދު މިކުރަނީ އަންނަ ހޯމަ ދުވަހާ ހަމަޔަށް ހުރިހާ ރަށަކަށް ބަސްތައް ފޯރުކޮށްދެވޭތޯ،" ޖުނައިދު ވިދާޅުވި އެވެ.

ފުވައްމުލަކާއި އައްޑޫގައި ބަހުގެ ހިދުމަތް ފަށައިގަތުމުގެ ފުރަތަމަ މަރުހަލާ މިހާރު ނިމުމަކާ ގާތްވެފައިވާއިރު، ހިދުމަތް މުޅިން ފަށައިގަތުމަށް ކުރަންޖެހޭ އެހެނިހެން ތައްޔާރީތައްވެސް މިހާރު ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް ޖުނައިދު ވިދާޅުވި އެވެ. އެގޮތުން ބަސް ޓިކެޓް ޕްރިންޓުކުރުމާއި ސްޓޮޕްތައް ކަނޑައެޅުމާއި އެފަދަ އެހެނިހެންވެސް މަސައްކަތްތައް ފައިނަލްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ޖުނައިދު ވިދާޅުވީ، އައްޑޫ ސިޓީއާއި ފުވައްމުލަކަށް ގެންދާ 13 ބަހުގެ ހިދުމަތް މިމަހުގެ 13 ވަނަ ދުވަހު ފެށައިގަނެވޭނެ ކަމަށް ލަފާކުރައްވާ ކަމަށެވެ. ބަހުގެ ހިދުމަތް ފެށުމުގެ ގޮތުން އައްޑޫގައި ކުރަން ޖެހޭ ބައެއް މަސައްކަތް ކުރުމަށް އެ ކުންފުނީގެ ޓީމެއް، އެމްޑީ މުހައްމަދު ޖުނައިދު ހިމެނޭ ގޮތަށް މިހާރު ވަނީ އައްޑުއަށް ގޮސްފަ އެވެ.

އައްޑޫއާއި ފުވައްމުލަކުގައި ދަތުރުފަތުރުގެ ހިދުމަތް މީގެ ކުރިން ދެމުން އައީ އެމްވީކޭއިންނެވެ. ނަމަވެސް އެ ކުންފުނީގެ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ސަރުކާރުން ވަނީ ހިދުމަތް ދޭން އެމްޕީއެލްއާ ހަވާލުކޮށްފަ އެވެ.