ބޮލީވުޑް

ކަރީނާގެ ކުރިއަށް ހުރި ފިލްމުތަކަށް ވާނީ ކިހިނެއް؟

Jul 3, 2016

ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ބަނޑުބޮޑުކަން އޭނާގެ ފިރިމީހާ ސައިފް އަލީ ހާން އިއްޔެ ވަނީ ޔަގީންކޮށްދީފަ އެވެ.

ކަރީނާ ބަނޑުބޮޑު ކަމުގެ ވާހަކަތައް ދެކެވެމުން އަންނަތާ ދުވަސްގަނޑެއްވީ ފަހުން ދެތަރިން އެކުގައި ނެރުނު ސްޓޭޓްމަންޓެއްވަނީ އެދެތަރިންގެ ފުރަތަމަ ދަރިފުޅު ޑިސެމްބަރު މަހުގެ ތެރޭގައި ވިހާނެ ކަމަށް ވެސް ބުނެފަ އެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާ ކަމަށްވާ ކަރިނާ ބަނޑުބޮޑު ހަބަރު ސައިފް ޔަގީންކޮށްދިނުމާއެކު މިހަބަރު ވަނީ ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދާފަ އެވެ. އެންމެ ކާމިޔާބު ބަތަލާގެ އިތުރުން އެންމެ ބިޒީ އެއް ބަތަލާގެ ގޮތުގައި ހިމެނޭ ކަރިނާ ބަނޑުބޮޑުވެ ޑިސެމްބަރުގައި ވިހާފަހުން ދުވަސްތަކަކަށް އޭނާ ބެލުންތެރިންގެ ލޯމަތިން ގެއްލޭނެ އެވެ.

ބަނޑުބޮޑުވިއިރު ކަރީނާ ކުޅެން ސޮއިކޮށްފައި އޮތީ ސޯނާމް ކަޕޫރާއި ސްވަރާ ބާސްކަރް އަދި ޝިކާ ޓަލްސާނިއާ އާއެކު ކުޅޭ "ވީރޭ ދި ވެޑިން" އެވެ. މިފިލްމުގެ އިތުރުންވެސް ބައެއް އެހެން ފިލްމުތަކުން ވެސް ކަރީނާ އަށް ހުށަހެޅުން ލިބިފައިވާ ކަމަށްވެ އެވެ. އެހެންކަމުން ކަރީނާ ބަނޑަށް މިހާރު ހަތަރު މަސްވެފައިވާ ކަމަށް ލަފާކުރެވޭއިރު، "ވީރޭ ދި ވެޑިން" މިފިލްމު އޭނާ ކުޅޭނެ ތޯ މިއީ އެންމެ ގަދަޔަށް ދެކެވެމުން އަންނަ ވާހަކަ އެވެ.

ކަރީާ ބަނޑުބޮޑު ހަބަރަކީ އޭނާގެ ފޭނުންނަށް ބޮޑު ހައިރާންކަމެއް ގެނުވި ހަބަރެއް ނަމަވެސް ބޮލީވުޑްގެ ގިނަ ފިލްމު އުފައްފާ ފަރާތާއި ކަރީނާ އާއި ސައިފްގެ އެކުވެރިންނަށް މިހަބަރު މާކުރިން އޮތީ އެނގިފަ އެވެ. އެގޮތުން "ވީރޭ ދި ވެޑިން" ގެ ދެޕްރޮޑިއުސަރުން ކަމަށްވާ ރީއާ ކަޕޫރާއި އެކްތާ ކަޕޫރު އެކުގައި ނެރުނު ސްޓޭޓްމަންޓެއްގައި ވަނީ ކަރީނާ އާއި ސައިފް އަށް އެމީހުން މަރުހަބާ ކިޔާ ކަމަށާއި އަދި މިފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް ބުނެފަ އެވެ.

އަންނަ މަހުގެ ތެރޭގައި "ވީރޭ ދި ވެޑިން" ގެ ޝޫޓިން ފަށައި ސެޕްޓެމްބަރު ނިމުމުގެ ކުރިން މިފިލްމުގައި ކަރީނަ ނަގަން ޖެހޭ މަންޒަރުތައް ނަގައި ނިންމަން ފިލްމު އުފައްދާ ފަރާތުން ބޭނުންވެ އެވެ. ސަބަބަކީ ސެޕްޓެމްބަރުގައި ކަރީނާގެ ދެވަނަ ޓްރެމިސްޓާ ފެށޭއިރު އޭނާގެ ބަނޑުވެސް އެނގޭވަރަށް ބޮޑުވާނެތީ އެވެ.

ބަނޑުބޮޑު ހަބަރު ކަރީނާ އާއި ސައިފް އާންމުކުރުމުން މިފިލްމު ކަރީނާ ނުކުޅެ ދޫކޮށްލާފައިވާ ކަމުގެ ވާހަކަތަކެއްވެސް ވަނީ ދެކެވިގެން ގޮސްފަ އެވެ. ނަމަވެސް އެވާހަކަތައް ރީއާ ވަނީ ދޮގުކޮށްފަ އެވެ.

މިފިލްމުގެ އިތުރުން ކަރީނާ އަށް ރޯހިތު ޝޭޓީގެ "ގޯލްމާލް 4" އިން ހުށަހެޅުމަކާއި އަޖޭ ދޭވްގަންގެ "ބާދްޝާހޯ" އިން ވެސް ހުށަހެޅުމެއް ލިބިފައިވާ ކަމަށްވެ އެވެ. ނަމަވެސް މިދެފިލްމަށް އޭނާ ސޮއިނުކުރާ ކަމަށްވެ އެވެ.

ބުނެވޭ ގޮތުގައި ވިހެއުމަށް ބްރޭކެއް އޮކްޓޯބަރުގައި ނެގުމުގެ ކުރިން ކަރީނާ ފިލްމުތަކުގެ ހުރިހާ މަސައްކަތާއި އޭނާ އެންޑޯޒްކުރާ ބްރޭންޑްތަކުގެ އިޝްތިހާރުތައްވެސް ނަގައި ނިންމާނެ އެވެ. އުމުރުން 35 އަހަރުގެ ކަރީނާގެ ދެފިލްމެއް މިއަހަރުގައި ވަނީ ރިލީޒްވެފަ އެވެ. އެއީ "ކީ އެންޑް ކާ" އާއި "އުޅްތާ ޕަންޖާބް" އެވެ.

ކަރީނާ ބަނޑުބޮޑުއިރު، ކުރީގެ ލޯބިވެރިޔާ ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުތް ވެސް އިނީ ބަލިވެ އެވެ. އެދެމީހުން ދަރިފުޅު ވިހާނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރުގަ އެވެ.

ސައިފް އާއި ކަރީނާ ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރެވެ. މިއީ ކަރީނާގެ ފުރަތަމަ ދަރިފުޅެވެ. ނަމަވެސް ސައިފަށް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށް ދެ ދަރިން ލިބިފަ އެވެ. އެއީ ސާރާ އާއި އިބްރާހީމް އެވެ.

ޕްރިޔަންކާ އާއި ދިޕިކާ ހޮލީވުޑް ފިލްމު ކުޅެ ހޯދަމުން އަންނަ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަމުން ކަރީނާ ވަނީ ހޮލީވުޑަށް ދިއުމުގެ ވިސްނުމެއް އޭނާގެ ނެތް ކަމަށާއި އެމީހުންނާއި އޭނާގެ މަގްސަދު ތަފާތު ކަމަށް ބުނެފަ އެވެ. އަދި އޭނާ އަކީ ކައިވެންޏެއްކޮށް، ފިރިއެއް ވެސް ހުރި މީހެއް ކަމަށާއި އެމީހުންނާއި އޭނާގެ ޒިންމާތައް ވެސް ތަފާތު ކަމަށް ބުނެފަ އެވެ. މީގެއިތުރުންް ވެސް ކަރީނާ ވަނީ ކުއްޖަކު ހޯދައި އާއިލާއެއް ބަލަހައްޓން ޝައުގުވެރިކަން އޭނާގެ ހުރި ކަމަސް ބުނެފަ އެވެ.