ފިތުރު ޒަކާތުގެ ގޮތުގައި މާލެއިން ލިބުނު ފައިސާ ފަގީރުންގެ ގޮތު މާލޭގައި ރަޖިސްޓްރީވި މީހުންނަށް މިއަދު ބަހަން ފަށައިފި އެވެ. މާލެ އާއި ވިލިމާލެ އާއި ހުޅުމާލެއިން 5900 މީހުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވެއެވެ. ފަގީރުންގެ ތެރެއިން މި އަހަރު ބޮލަކަށް ޖެހެނީ 500ރ. އެވެ.
މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން މާދަމާ ވެސް ކުރިޔަށް ގެންދާ އިރު ޒަކާތުގެ ފައިސާ މިއަދުން ފެށިގެން މާލޭ ސިޓީގެ ފަގީރުންނަށް ބަހަން ފެށުމާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ފައިސާ އާ ހަވާލުވާން ގޮސްފަ އެވެ. ޒަކާތު ފައިސާ ބަހަނީ އިސްލާމިކް މިނިސްޓްރީންނެވެ. އަތޮޅުތަކުގައި ޒަކާތުގެ ފައިސާ ދޫކުރަނީ އެ ރަށެއްގެ ކައުންސިލްގެ އިދާރާ އިންނެވެ.
އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައި ވަނީ ޒަކާތު ފައިސާ ހޯދަން ބަދަލުގައި މީހަކު ފޮނުވާނަމަ، ފަގީރެއްގެ ގޮތުގައި ރަޖިސްޓްރީވި ފަރާތުގެ އައިޑީކާޑު ގެންދިއުމުން ވެސް ފައިސާ ދޫކުރާ ގޮތަށެވެ.
އަދި ފައިސާއާ ވާލުވާން ދާއިރު ފަގީރުންގެ ލިސްޓްގައި ހިމެނޭ ކަމުގެ ސްލިޕްކޮޅާއި ހަވާލުވާ މީހާގެ އައިޑީކާޑު ވެސް ގެންދަން ޖެހެ އެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުގެންދާ ނަމަ ފަހުން އެ ފައިސާ ހަވާލު ނުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
މި އަހަރު 2.7 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައި ވެއެވެ.