އިންޑަސްޓްރިއަލް ވިލެޖް

ތިން ދުވަހުން ސިނާއީ އަވަށުގެ ބިން ހިއްކާ ނިންމާލައިފި

މާލޭގެ ކުންޏާއި ވެހިކަލްތަކުގެ ތޮއްޖެހުމަށް ހައްލެއް ގެނައުމަށް މާލެއާ ގުޅުވައިގެން ހުޅަނގު ދެކުނު ފަރާތުން ސިނާއީ އަވަށެއްގެ ގޮތު ހިއްކަންފެށި 4.9 ހެކްޓަރުގެ ބިން، މަސައްކަތް ފެށިތާ ތިން ދުވަސް ތެރޭގައި ހިއްކާ ނިންމާލައިފި އެވެ. ސިނާއީ އަވަށް ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހިއްކާ ނިމުނީ ރޭ މެންދަމު އެވެ.

މިމަހުގެ 26 ވަނަ ދުވަހަށް ނިންމަން މަސައްކަތް ކުރަމުންދާ ސިނާއީ އަވަށަކީ ހައުސިން މިނިސްޓްރީން މާލޭގެ ތަރައްގީއަށް ކުރަމުންދާ އެންމެ މުހިއްމު އެއް މަސައްކަތެވެ. އެ މަސައްކަތް 72 ގަޑި އިރުގެ ތެރޭގައި ނިންމާފައި އެވަނީ 24 ގަޑިއިރު މެދު ނުކެނޑި މަސައްކަތް ކުރިއަށް ގެންގޮށްގެނެވެ. މާލޭގެ ސިނާއީ އަވަށުގެ ބޮޑު މިނަކީ 6.9 ހެކްޓަރެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު މިއަދު ވިދާޅުވީ، ސިނާއީ އަވަށުގެ ބިން ހިއްކާ ރޭ ނިނުމާއެކު މަގު ހެދުމުގެ މަސައްކަތް ފަށާނެ ކަމަށާއި ރޭ ދަންވަރު މަސައްކަތް ހިއްކާ ނިމުނު ނަމަވެސް ވެލި ފެތުރުމާއި ނެރުގެ މަސައްކަތް އަދި އެބައޮތް ކަމަށެވެ.

"އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހަށް މި ވިލެޖުގެ މައިގަނޑު މަސައްކަތް ނިންމާލަން އަމާޒު ހިފާފައިވަނީ. މަގުގެ މަސައްކަތް ވެސް މަހެއްހާ ދުވަސްތެރޭ ނިންމަން އަމާޒު ހިފާފައިވަނީ " މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސިނާއީ އަވަށުގެ ބޭރު ތޮށި ހުންނާނީ ކުރިން ހުރި ވަރަށް ވުރެ އުސްކޮށް ފުޅާކޮށް ކަމަށެވެ. އަދި ވިދާޅުވީ ޓެޓްރާޕޮޑް ތިންފައިކަށިލީ ގެރިގަލާއި ބޮޑުހިލަވެސް ބޭރުތޮށީގައި ބޭނުންކުރާނެ ކަމަށެވެ.

ސިނާއީ އަވަށް އެއްކޮށް ނިމުމުން މާލެގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތާއި ނުރައްކާތެރި ކެމިކަލްތައް ބޭނުންކުރާ ވޯކްޝޮޕްތަކާއި އަދި މީހުން އުޅޭ ސަރަހައްދުގައި ހުންނަން ނުޖެހޭ ވޯކްޝޮޕްތަކާއި ގުދަންތައް ގެންދާނީ އެ ތަނަށެވެ.

ސިނާއީ އަވަށް ތަރައްގީކުރުމުގެ މަޝްރޫއަކީ ސަރުކާރުން 159 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާ މަޝްރޫއެކެވެ. ބޮޑު ބަޖެޓެއް މަސައްކަތަށް ހަރަދުވި ނަމަވެސްއެ ހަރަދަކީ ޕްރޮޖެކްޓު ނިމުމަށް ފަހު ބިން ކުއްޔަށް ދީގެން ހަތަރު އަހަރު ތެރޭގައި ފައިސާ އަނބުރާ ލިބޭނެ ފައިދާހުރި ޕްރޮޖެކްޓެއް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެެ.