ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާ އޯޑިއޯ ވިޝުއަލްކޮށް ޕީއެސްއެމް އިން މިއަދު ނެރެފި އެވެ. އެ ތަރުޖަމާ ނެރެދެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީން އެވެ.
ޕީއެސްއެމް އިން މިއަދު ނެރުނު ގުރުއާންގެ އޯޑިއޯ ވިޝުއަލް ތަރުޖަމާއަށް އަޑު އަޅައި ދެއްވާފައި ވަނީ، ޑރ. މުހައްމަދު ހަނީފް އެވެ. އޭނާ ވަނީ ޓީވީއެމް އިން ދައްކަމުން އަންނަ މުހައްމަދު ރަސޫލުﷲ ޑްރާމާ ސިލްސިލާގެ އިބްރާހިމްގެފާނުގެ ބަޔަށް ވެސް އަޑުއަޅާ ދެއްވާފަ އެވެ. ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން، މީގެ ކުރިން ވެސް ގުރުއާންގެ ވަކިވަކި ސޫރަތްތަކަށް އަޑުއަޅައިގެން ގެނެސްދީފައިވެ އެވެ.
ޕީއެސްއެމްގެ ޑެޕިއުޓޯ މެނޭޖިން ޑިރެކްޓަރު، މުހައްމަދު އިކްރާމް އަބްދުއްލަތީފް ހަފްލާގައި ވިދާޅުވީ، މުޅި ގުރުއާނުގެ ދިވެހި ތަރުޖަމާގެ އޯޑިއޯ ވިޝުއަލްއެއް ތައްޔާރު ކުރުމަށް ނިންމީ، ޓެކްނޮލޮޖީގެ ޒަރިއްޔާ އިން ގުރުއާނުގެ ތަރުޖަމާ ގިނަ ބަޔަކަށް އަޑުއިވޭނެ ގޮތް ހެދުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއީ ވަރަށް ބުރަ އުނދަގޫ މަސައްކަތެއްކަން ފާހަގަ ކުރައްވާ އިކްރާމް ވިދާޅުވީ އެޕްލިކޭޝަނެއްގެ ޒަރިއްޔާ އިންނާއި އަދި ޔޫއެސްބީ އާއި ސީޑީ ފަދަ ތަކެއްޗަށް ގުރުއާންގެ ތަރުޖަމާ އަޅައިދިނުމުގެ ހިދުމަތް ވެސް ޕީއެސްއެމް އިން ދެމުން ގެންދާނެ ކަމަށެވެ.
ޓީވީއެމްގެ ފަރާތުން އެ މަސައްކަތުގައި އިސްކޮށް އުޅުއްވީ، ޓެކްނިކަލް ޑިޕާޓްމަންޓުން، އައްޔޫބު އަލީ އެވެ. އޭނާގެ މަސައްކަތުގެ އަގު ވަޒަންކޮށް ޕީއެސްއެމްގެ ފަރާތުން އޭނާއަށް ދިން ހަދާނީ ފިލާ ހަވާލުކޮށްދެއްވީ، ރައީސް އަބްދުﷲ ޔާމީން އެވެ. އަދި ތަރުޖަމާއަށް އަޑުއަޅާދެއްވި، ޑރ. ހަނީފް އަށް ވެސް ވަނީ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަދާނީ ފިލައެއް ރައީސް ހަވާލުކޮށްދެއްވައިފަ އެވެ.