ކޮލަމް

އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ދައުވާ ލިބެނީ ކިތައް މީހުންނަށް؟

ޔަގީން ކަށަވަރެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އެ ދައުވާ ލިބެ އެވެ. އެކަމަކު އެ މައްސަލާގައި އަދި އެހެން ބައެއްގެ މައްޗަށް ވެސް ހަމަ ނަޝީދުގެ މައްޗަށް އައި ދައުވާ ލިބެ އެވެ. އެކަމަކު އެ ދައުވާއާ ހެދި ނަޝީދު ނޫން ބޭފުޅަކު ކަންބޮޑުވެ ވަޑައިގަންނަވައިގެން އުޅުއްވާތީއެއް ނުފެނެ އެވެ. ނަޝީދުގެ މައްޗަށް ދައުވާ ކުރާތީ ކަންބޮޑުވާ މީހުން ވެސް ގިނަ އެވެ. އެކަމަކު އެހެން މީހުންގެ މައްޗަށް ހަމަ އެ ދައުވާ އަންނާތީ އެ ވާހަކަ ދައްކާ މީހަކު ވެސް ނެތެވެ؛ ނަޝީދު ނޫން ބޭފުޅެއްގެ ސިޔާސީ ކުރިމަގެއް ނެތީމާ ކަމަށް ވެދާނެ އެވެ.

ކުށް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ އިތުުރުން، ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ. މި ބޭފުޅުންގެ ތެރެއިން މޫސާ އަލީ ޖަލީލަކީ މިހާރު ޑިފެންސް މިނިސްޓަރެވެ. އިބްރާހިމް ދީދީ އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ.

ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުރާ މި ދައުވާ ލިބޭ ފަސް ބޭފުޅުންގެ ޝަރީއަތް ވެސް ކުރިއަށް ގެންދަނީ ވަކިވަކިންނެވެ. ނަމަވެސް 2012 ވަނަ އަހަރު އެ ޝަރީއަތް ފެށުމާ އެކު ނަޝީދުގެ ފަރާތުން އެ ޝަރީއަތް އެކި ގޮތްގޮތުން ފަސްކުރަން ހުށަހެޅި އިޖުރާއީ މައްސަލަތަކުގެ ސަބަބުން ޝަރީއަތް އަދިވެސް އޮތީ ފެށި ގޮތަށް ހުއްޓިފަ އެވެ. ނަޝީދުގެ މައްސަލަ ބަލަން ހުޅުމާލޭ ކޯޓުގައި އެކުލަވާލި ފަނޑިޔާރުންގެ ބެންޗު ސައްހަ ނޫން ކަމަށް ބުނެ ހުށަހެޅި މައްސަލަ ބަލައި ނިމެންދެން އަސްލު ޝަރީއަތް މެދުކަނޑާލާފައި ވަނިކޮށް، ނަޝީދު އެދިވަޑައިގަނެގެން އެ މަނިކުފާނަށް ހައި ކޯޓުން 360 ވަރަކަށް ދުވަސް ވަނީ ޝަރީއަތް އެކި ފަހަރުމަތިން ފަސްކޮށްދެއްވައިފަ އެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުވާ ލިބޭ އެންމެންގެ ޝަރީއަތަށް ވެސް ނަޝީދުގެ އިޖުރާއީ މައްސަލަތަކުގެ ސަބަބުން އަސަރު ކުރާނެތީ ނަޝީދު ހައްދަވާ ގޮތެއް އެނގިގެން ނޫނީ އެހެން ބޭފުޅުންގެ ޝަރީއަތްތަކެއް ވެސް ކުރިއަށް ގެންދެވޭކަށް ނެތެވެ. އެކަމަކު މިހާރު ނަޝީދުގެ މައްޗަށް އޮތް އަސްލު ދައުވާ ވެސް އަދި އެ ދައުވާ ލިބޭ އެހެން ބަޔަކު ތިބިކަން ވެސް މިހާރު މި ވަނީ "ހަނދާން ނެތިފަ" އެވެ. ހައި ކޯޓުން ނުބެލޭނެ ކަމަށް ބުނުމުން އަނެއްކާ ސިވިލް ކޯޓަށް ހުށަހަޅައިގެން އުޅެނީ ނަޝީދުގެ މައްޗަށް މީހަކު ކުރާ ދައުވާއެކޭ ވެސް ބައެއް މީހުންނަށް އެބަ ހީވެ އެވެ. އެކަމަކު އެއީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ހުޅުމާލޭ ކޯޓުގައި ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގުމަށް ހަމަޖައްސާފައިވާ ގޮތް ސައްހަ ނޫން ކަމަށް ބުނެ ނަޝީދު ކުރާ ދައުވާއެކެވެ.

ސިޔާސީ ލީޑަރުންގެ ހަނދާނުގައި ވެސް ނަޝީދު ނޫން ބޭފުޅެއްގެ މައްޗަށް ގާޒީގެ މައްސަލާގައި ދައުވާ އޮތްކަން ހަރުލާފައި ނެތް ކަހަލަ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރައުޔަކީ ނަޝީދު އިސްތިއުފާ ދެއްވީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ކުރިމަތިވި ކަންކަމާ ހެދި ކަމަށް ވާތީ އެއީ ނަޝީދަށް އަދަބު ދެވުނީ ކަމަށް ބަލާފައި ދައުވާ އަނބުރާ ގެންދިއުމެވެ. މާނަ އަކީ ކުށެއްގެ ތުހުމަތުގައި ވަޒީފާ ދޫކޮށްލައިފި މީހަކަށް ދައުވާ ނުކުރުމެވެ. އެހެންވެ ގާސިމްގެ އެ ވިދާޅުވާ ގޮތުން ނަމަ ނަޝީދާ އެކު ދައުވާ ލިބޭ އަނެއް ހަތަރު ބޭފުޅުންގެ މައްޗަށް ހުކުމް އަންނަން ވާނެ އެވެ. އެއީ ނަޝީދުއާ އެކު އެ ބޭފުޅުން އިސްތިއުފާ ނުދެއްވުމުންނެވެ. އިސްތިއުފާ ދެއްވި ބޭފުޅަކު ވެސް ދެއްވީ ވެރިކަން ބަދަލުވެސް ވީ ފަހުން ކަމަށްވާތީ އެވެ. މިގޮތަށް މާނަ ނެގެނީ ނަޝީދު ފިޔަވައި ދެން ތިއްބެވި ބޭފުޅުންގެ މައްޗަށް އޮތް ދައުވާ ގެންދަން ގޮވާ ނުލެއްވުމުންނެވެ.

އަބްދުﷲ ގާޒީ ގެންގޮސް ގިރިފުށީގައި މަހެއްހާ ދުވަހު އެކަހެރި ކޮށްފައި ބެހެއްޓުމުން ދައުވާ ލިބޭ ފަސް މީހުންގެ ތެރެއިން ޝަރީއަތް އަވަަހަށް ނިންމާލާފައި ކޮންމެވެސް އެއްކޮޅެއްގައި ޖެހެން ބޭނުންވަނީ ކިތައް މީހުން ކަމެއް ނޭނގެ އެވެ. މައްސަލަ އަވަސްކުރަން ނަޝީދު ކޯޓަށް ސިޓީ ފޮނުއްވަ އެވެ. އެކަމަކު އަނެއް ދުވަހު ސިޔާސީ ޕޯޑިއަމެއްގައި ވިދާޅުވާ ވާހަކަ ދިމަލެއް ނުވެ އެވެ. ދެން ތިއްބެވި ހަތަރު ބޭފުޅުން ޝަރީއަތާ މެދު ޗުއްޕު ބުނާތީ ވެސް ނީވެ އެވެ. އެ ބޭފުޅުންނަށް ކޮންމެ ގޮތެއް ވެސް ވަރިހަމައީ ކަމަށް ވެދާނެ އެވެ. އެކަމަކު ޝަރީއަތް ލަސްވަމުން ދިއުމުން، ދައުވާ ލިބޭ މީހުންގެ ނުވަތަ އޭގެ ތެރެއިން ކޮންމެެވެސް އެއް ބައެއްގެ ހައްގު އެބަ ގެއްލެ އެވެ. ދައުވާ އަނބުރާ ގެންގޮސްފި ނަމަ އަބްދުﷲ ގާޒީގެ ހައްގު ކޮބައިހެއްޔެވެ؟ އަބްދުﷲ ގާޒީ އަށް ހައްގު ދޭކަށް ނުޖެހޭ ކިޔާފައި ސިޔާސީ ކޮށްލީމާ ހުރިހާ ކަމެއް ނިމުނީ ދޯ އެވެ؟