އެހެންވީމަ ދިވެހި ފިލްމު "ރަންދަރި" އަށް އިންތިޒާރުކުރުމުގެ ބޭނުމެއް މިހާރު އެބައޮތް ހެއްޔެވެ؟ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޝޯތައް ފެށުމަށް ހަމަޖެހިފައިވާ މި ފިލްމު އިޝްތިހާރުކުރުމަށް އޭގެ ޕްރޮޑަކްޝަން ޓީމުން ކުރިއަށް ގެންދާ "އާދަޔާހިލާފު ކެމްޕޭނު" ގައި އެމީހުން މި ވަނީ ފިލްމުގައި ވާނެ ގޮތް އޭގެ އަލިފުން ޔާއަށް ކިޔައިދީފަ އެވެ.
އެކަމަކު އެ ވާހަކަ އަށް ދިއުމުގެ ކުރިން އަޅުގަނޑު ވެސް މި ފިލްމު ކުޑަކޮށް އިޝްތިހާރުކޮށްލާނަމެވެ.
މިއީ ޕްރޮޑިއުސަރު މަހުމާ ހުސެއިން ރަޝީދުގެ މަޝްހޫރު ފަރިވާ ފިލްމްސްގެ ބެނާގައި އުފައްދައި މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓްކޮށްފައިވާ އަސަރުގަދަ އާއިލީ ފިލްމެކެވެ. މި ފިލްމުގައި ލީޑް ރޯލު ކުޅެފައި ވަނީ ދޮން އައްޔާގެ ނަމުން އަލީ އާޒިމްއޭ ކިޔުނު ޒުވާން މޫނެކެވެ.
ދޮން އައްޔައާ އެކު މި ފިލްމުން ނިމާލު ވެސް ވަރަށް ވަރުގަދަ ރޯލަކުން ފެނިގެންދެ އެވެ.
ބުނެވޭ ގޮތުގައި މި ފިލްމުގައި ނިމާލު އަދާކޮށްފައިވާ ރޯލަކީ އޭނާގެ ދިގު އެކްޓިން ކެރިއަރުގައި ވެސް ކުޅުނު އެންމެ ރަހުމްކުޑަ ރޯލެވެ. އެހެންވީމަ ފިލްމު "ނިއުމާ" އިން ނިމާލު ފެނުނު ވަރަށް ވުރެ ވެސް އަނިޔާވެރި އަދި ރަހުމްކުޑަ ރޯލަކުން އޭނާ ފެންނާނެ ކަމަށް ގަބޫލުކޮށްގެން ތިބޭށެވެ.
ފިލްމުގެ ޕޯސްޓަރުން އެ ފެންނަ "ބިރުވެރި" ދެ ލޮލަކީ ވެސް ނިމާލުގެ ދެ ލޮލެވެ. އެހެންވީމަ އުއްމީދު ދުއްވާލާނެ ކަމެއް ނެތެވެ.
ފިލްމުގެ ބަތަލާ އަކީ އުއްމީދީ ބަތަލާ ފާތިމަތު އާޒިފާ އެވެ. ތަންކޮޅެއް ކުރިން ލަވަ އާއި ޑްރާމާ އަދި ފިލްމުތަކުން ކޮންމެވެސް ވަރަކަށް ފެނި މަޝްހޫރުވި މޫނެއް ކަމުގައި ޖިމީ ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.
މި ފިލްމު ވެގެންދާނީ މި އަހަރުގެ ދިވެހި ސިނަމާގެ ސީޒަން ހުޅުވައިދޭ ފިލްމަށެވެ. ފިލްމުގެ ޓިކެޓް އެ ގެންދަނީ އޮލިމްޕަހުން ވިއްކަމުންނެވެ. ފިލްމުގެ ކުރި އޭގެ ޕްރޮޑަކްޝަން ޓީމުން މަރާލާފައި އޮތަސް އެ މީހުން ބުނަނީ މިއީ ކޮންމެހެން ވެސް ބަލާލަން ޖެހޭ ވަރުގެ ފިލްމެއް ކަމަށެވެ.
ދެން މި އޮތީ އެ ވާހަކަ އެވެ. ފިލްމުގެ "ޕްލޮޓާއި" އޭގެ "ޓްވިސްޓްތައް" މި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އަތަށް ގޮއްވާލި ވަރުގަދަ ކެމްޕޭނެވެ.
އެކަމަކު އެ ވާހަކަ ފެށުމުގެ ކުރިން އެހެން ވާހަކައެއް ވެސް ފާހަގަކޮށްލާނަމެވެ. ދިވެހި ފިލްމު އުފައްދާ ފަރާތްތަކުން އެންމެ ރުޅި އަންނަނީ ފިލްމުގެ ޝޯތައް ނުނިމެނީސް ފިލްމުގެ ރިވިއުއެއް ލިޔެ އާންމުކޮށް، އޭގައި ވާނެ ގޮތުގެ މިންވަރެއް ކިޔާލަދިނީމަ އެވެ.
ނަމަވެސް މިފަހަރު މި އޮތީ، ބެލުންތެރިންނާއި ނޫސްތަކުން ފިލްމުގެ ވާހަކަ ކިޔައި ނުދެނީސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އަމިއްލަ އަށް ފިލްމުގައި ވާނޭ ހުރިހާ ކަމެއްގެ ވާހަކަ ނިކަން ރަނގަޅަށް ކިޔާލަދީފަ އެވެ. ސްޕޮއިލާ އެލާޓެއް ވެސް ނުހިމަނަ އެވެ.
އެހެންވީމަ މިވަރުގެ އިޝްތިހާރުކުރުމެއް ދެކުނިން ހެއްޔެވެ؟
"ރަންދަރި" އޭ ކިޔުނު ފޭސްބުކް ޕޭޖެއް މި ފިލްމުގެ ވެރިން ހަދައިގެން ހިންގަމުން އަންނައިރު، އެހެން ފަރާތްތަކުން ވެސް އެމީހުންގެ ފިލްމުތަކުގެ ވާހަކަ ދައްކައި އާންމުން ޓީޒްކުރާ ގޮތަށް މި ޕޭޖު މެދުވެރިކޮށް "ރަންދަރި" ވެސް ޕްރޮމޯޓްކުރުމުގެ ކެމްޕޭނެއް އޭގެ ޕްރޮޑަކްޝަން ޓީމުން ފެށީ އެވެ.
އެމީހުންގެ މި ސިލްސިލާ ކެމްޕޭނަށް ދީފައިވާ ނަމަކީ "ރަންދަރި ފިލްމުގެ ހުލާސާ" އެވެ. މި ސިލްސިލާގައި ހަ ނަމްބަރެއް އެބައުޅެ އެވެ. އާއެކެވެ. މިއީ އަދި ފިލްމަށް ވުރެ ވެސް ވަރުގަދަ "ހުލާސާ" އެކެވެ.
މި "ހުލާސާއެއް" ފިލްމުގެ ފުރަތަމަ މަންޒަރުން ފަށާފައިވާއިރު "ހުލާސާގެ ސިލްސިލާ" ނިންމާލާފައި ވަނީ ފިލްމުގެ އެންމެ ފަހު މަންޒަރާ ހަމައިންނެވެ.
މިހާ ހިސާބުން "ހުލާސާ ނަމްބަރު އެކެއް" އަޅުގަނޑު ކިޔާލަ ދޭނަމެވެ.
"ރަންދަރި ދިވެހި ފިލްމު ފެށޭއިރު ޝާހިދު އާއި އައިޝާ އުޅެނީ އެކަކު އަނެކަކު ދެކެ ވަރަށް ލޯބިން ގުޅިގެންނެވެ. ނަމަވެސް އެކަން އައިޝާގެ ބައްޕައަކަށް ނޭނގެ އެވެ. ޝާހިދުގެ ޝަކުވާ އަކީ އެ ދެ މީހުންގެ ގުޅުމަށް އައިޝާގެ ބައްޕަގެ ރުހުން ނުހޯދައި އައިޝާ އުޅޭ އުޅުމެވެ. މިކަމުގެ ޝަކުވާ ޝާހިދު އަބަދުވެސް ކުރެ އެވެ. އަދި އެ ޝަކުވާކުރާއިރު އައިޝާ ދެނީ އެއް ޖަވާބެކެވެ. ބައްޕަ އައިޝާ ދެކެ ވަރަށް ލޯބިވާ ވާހަކަ އެވެ. އައިޝާގެ ހިތްއެދޭ ކަމަކަށް ބައްޕަ ދެކޮޅެއް ނަހަދާނެ ވާހަކަ އެވެ. އެ ޔަގީންކަމުގެ ވާހަކަ އެވެ."
ލެޓިނުން ލިޔެ ޕޯސްޓްކޮށްފައިވާ ފުރަތަމަ ހުލާސާއަކީ މި އެވެ. އާ ފެށުމެއް ވެސް ނެތެވެ. އާ ފެށުން މި އަންނަނީ ތިރީގަ އެވެ. އެއީ ފިލްމުގެ "ހުލާސާ ސިލްސިލާގެ ދެ ވަނަ އެޕިސޯޑެވެ."
މި ވާހަކަ ކުރިއަށްދާއިރު އައިޝާގެ ބައްޕަ އަކީ ރައްޒާގުކަން ހަނދާން ބަހައްޓައްޗެވެ. ކޮންމެއަކަސް ދެ ވަނަ ހުލާސާ ފެށޭއިރު އަޅުގަނޑުމެންނަށް އެނގިގެން ދަނީ އައިޝާގެ ބައްޕަ އަކީ އައިޝާ ބުނި ފަދަ "އޯކޭ" ބައްޕައެއް ނޫން ކަމެވެ.
ހުލާސާ ވިދާޅުވާށެވެ.
"އައިޝާ ގެއްލިގެން އައިޝާގެ ބައްޕަ ރައްޒާގު ވަރަށް ހޯދަ އެވެ. ރައްޒާގަށް އެމީހުން ފެނެ އެވެ. ފެނުނީ އައިޝާ އާއި ޝާހިދު ވަރަށް ގައިގޯޅިވެ އުޅެނިކޮށެވެ. އެ ވަގުތު ރައްޒާގު އިންތިހާ އަށް ރުޅި އައެވެ. ނަމަވެސް އައިޝާ މައާފަށް އެދި ބައްޕަ އަށް ވިސްނައި ދިނުމުން، ރައްޒާގު ޝާހިދުއާ ސުވާލުކުރެ އެވެ. އަދި ތިން ވަނަ ސުވާލުން ޝާހިދު ދެކެ ރައްޒާގު އިންތިހާ އަށް ރުޅިއައިސް، އައިޝާ ދަމާ ކޫއްތާ ގެންދެ އެވެ. ޝާހިދު ހުރީ މި ވީނުވީއެއް ނޭނގި ވަރަށް ހައިރާންވެ ދެރަވެފަ އެވެ. ޝާހިދު ދެރަވީ އައިޝާ އަށް އަނިޔާވާތީ އެވެ. ހައިރާންވީ ޝާހިދު ވަކި އަތޮޅަކަށް ނިސްބަތްވާތީ ނުރުހުން ވާން ވީ ސަބަބެއް ނޭނގޭތީ އެވެ."
ދެން މި އަންނަނީ "ހުލާސާ" ގެ ތިން ވަނަ އެޕިސޯޑެވެ. މިއީ ފިލްމުގެ ފޯރިގަނޑު ކެކިގަންނަ ހިސާބެވެ.
"އައިޝާ ޝާހިދުގެ ލޯބި ފިޔަވާ ލޯތްބަކަށް ނޭދެ އެވެ. ޝާހިދު އައިޝާ ބައްޕަ ކައިރީ އެހީ، އަހަރެން ވަކި އަތޮޅަކަށް ނިސްބަތްވުން އެއީ މައްސަލައެއްތޯ؟ ރައްޒާގު ވަރަށް ހުތުރުބަހުން ޖަވާބު ދީ ޝާހިދު ކޮއްޕާ ގަޅުވާލި. އައިޝާ ޝާހިދު އަށް އާދޭސްކޮށް އައިޝާ ގެ ގެއަށް ޝާހިދު ގެނައެވެ. ރައްޒާގު ގެއިން ޝާހިދު ފެނުމުން ބޮޑު ކަންތައްގަނޑެއް ހިންގާ ޕޮލިސް ގެންނަނީ ޝާހިދުގެ ކިބައިން އައިޝާ ސަލާމަތްކުރުމަށެވެ. ނަމަވެސް އައިޝާ އަށް 18 ޕްލަސް އެވެ."
މިހާ ހިސާބުން އޭގައި އާ ފެށުމެއް ނެތަސް އަޅުގަނޑު އާ ފެށުމެއް ދޭނަމެވެ. ކިޔާ މީހާ އަށް ފަސޭހަކޮށްލަ ދިނުމުގެ ބޭނުމުގަ އެވެ. ޓްވިސްޓެއް ވެސް އަންނާތީ މި ލިޔުންގަނޑު ވެސް ކުޑަކޮށް ރީތިކޮށްލަންވެގެންނެވެ.
"ރައްޒާގަށް މަޖުބޫރުވީ އެވަގުތު ގޮތްދޫކޮށްލާށެވެ. ނަމަވެސް، ޑޮޓް، ޑޮޓް، ޑޮޓް، ޑޮޓް. ރައްޒާގުގެ ދެ ވަނަ ރޭވުން ނިންމާލާ ގެއަށް އައިތަނުން އެނގެނީ ޝާހިދުގެ ދަރިއަކަށް އައިޝާ ބަލިވެ އިން ކަމެވެ. ރައްޒާގު ބޭނުންވީ ކުއްޖާ ވައްޓާލާށެވެ.
ދެން މި އަންނަނީ "ހުލާސާ ނަމްބަރު" ހަތަރެކެވެ. ފިލްމުގެ ކިތައް ޕަސެންޓް ކިޔައި ދެވިއްޖެ ހެއްޔެވެ؟ ކުރިއަށް ވިދާޅުވާށެވެ.
"އައިޝާ ބައްޕަ އެދުނު ފަދައިން ދަރި ވައްޓާލަން ހަމަ ހިލާ އެއްބަހެއް ނުވި އެވެ. ދެން ރައްޒާގު ދަނީ އައިޝާއަށްޓަކައި ޝާހިދުގެ ކިބައިން މައާފަށް އެދުމަށެވެ. ރައްޒާގު އެނބުރި އައިއިރު ހުރީ ވަރަށް އަނިޔާވިކަން އައިޝާ އަށް ދައްކައިގެންނެވެ. އެވަގުތު އައިޝާ އިންތިހާ އަށް ޝަހިދު ދެކެ ރުޅި އައެވެ. ދެން އައިޝާ ކިބައިން ރައްޒާގު އެދެނީ ޑޮކްޓަރު ވަސީމާ އަވަހަށް އިންނަން."
އާ ކެރެކްޓާއެއް އައީމަ ބުނެލާނަމެވެ. އޭނާ އަކީ ރައްޒާގުގެ "އެކުވެރި އާއިލާ" ގެ މެމްބަރެކެވެ. ތިރީގައި މި އަންނަނީ އެބައެވެ.
"(ވަސީމާ އިންނަން ބުނުމުން، ބައްޕަގެ އެކުވެރި އާއިލާއަކަށް އޮޅުވާލާ ބޮޑު މަކަރެއް ހަދަން އައިޝާ ފަސްޖެހުނެވެ. ރައްޒާގު އައިޝާ ކޮޓަރީގައި ބަންދުކޮށް މީހަކަށް ނުފެންނަހެން ބަލަހައްޓާ ވިއްސަ އެވެ. ވިހެއި ދަރި މަރުވި ކަމަށް ބުނެ އެއްލައިލަ އެވެ. އައިޝާ ދެރަވެ، ވިހޭ ކުއްޖާ ލޮލަށް ނުފެނުމުން މޮޔަވާވަރުވެ އެވެ. ދެން ރައްޒާގުގެ ރޭވުން ކާމިޔާބުކޮށް ޑޮކްޓަރު ވަސީމާ އައިޝާ ކައިވެނިކުރުވަ އެވެ."
މި ވަރުން ވެސް ފިލްމުގެ "ހުލާސާ" ކުރުކޮށްލަން އޭގެ ޕްރޮޑަކްޝަން ޓީމުން ބޭނުމެއް ނުވި އެވެ. ޖެހިގެން އައި ދުވަހު ޝާއިއުކޮށްފައި ވަނީ އެޕިސޯޑް ފަހެކެވެ. ގެނެސްދީފައިވާ ކޯޓޭޝަންތަކުގައި ހުރި ކުށް ބަސްތަކަށް ނުވަތަ އެތުރުންގަނޑަށް އަޅުގަނޑު މައާފަށް އެދެމެވެ.
މީގެ އޮރިޖިނަލް އަކީ "ރަން ދަރި" އެވެ. ނުވަތަ ރަނގަޅުވާނީ "ހަރާން ދަރިއޭ" ބުނިއްޔާ ހެއްޔެވެ؟
"އައިޝާގެ ކައިވެނި ޑޮކްޓަރު ވަސީމާ ކުރުވާ ރައްޒާގު ވަރަށް އުފަލުން ހުއްޓެވެ. ނަމަވެސް އެ ކައިވެނީގަ މާ ބޮޑު އުފަލެއް ނެތެވެ. ވަސީމް އަކީ ދަރިން ނުލިބޭ މީހެކެވެ. ޝާހިދު، ދަރިފުޅު މަޔަކު ނުލާ ވަރަށް ލޯބިން ކުޅެ، ބަލައި ބޮޑުކުރެ އެވެ. ނަމަވެސް މިހާރު ކުއްޖާ ސްކޫލަށް ގެންދަން ޝާހިދު ނޫޅެ އެވެ. ކުއްޖާ އުރާލައިގެން، ރުއިން ނޫން ކަމެއް ޝާހިދަށް ނޯންނަ ކަހަލަ އެވެ. ޝާހިދުގެ ދައްތަ އަށް މިކަން އެނގިގެން ދެރަވެ، ވަރަށް ހިތްވަރުދީ ނަސޭހަތްތެރިވެ އެވެ. ޝާހިދު ރޮމުން ބުންޏެވެ. ދައްތަ އަށް ވެސް އިނގޭ ނޫން މި ކުއްޖާގެ ހާލު. ޑޮކްޓަރުން މުޅިން އުއްމީދު ކަނޑައިފި މި ކުއްޖާގެ ފުރާނަ އަށް. ވީއިރު ނިކަން ވިސްލާ ބަލަ، ދެރަވާނެ ވަރު."
އާދެ ދެން މި އޮތީ ފަހު ތަޅާލުންގަނޑެވެ. ދެގަޑިއިރާއި 25 މިނެޓްގެ މި ފިލްމުގެ ނިމުމެވެ. ޝާއިއުކޮށްފައި ވަނީ "ހުލާސާ ނިމުން-6" ގެ ގޮތުގަ އެވެ.
ދެން މި އަންނަނީ ނިކަން ވަރުގަދަ ޓްވިސްޓެކެވެ. ފިލްމުގެ ޓީމުން "ސްޕޮއިލާ އެލާޓް" ނުދިނަސް އަޅުގަނޑު ދޭނަމެވެ.
"އައިޝާ ޝާހިދު މަތިން ހަނދާންނެތި ވަސީމްއާ އެކު އުޅެ އެވެ. ޝާހިދުގެ ދަރިފުޅު އައިމީ އަށް ވަނީ ކެންސަރު ޖެހިފަ އެވެ. ރައްޒާގުގެ ފުށުން ލިބުނު އަނިޔާއިންނެވެ. އައިމީ މިހާރު އެހުރީ ފަހު ސްޓޭޖުގަ އެވެ. ފަރުވާ ހޯދުމަށް މާލެ އައެވެ. މާތް ﷲގެ ކުޅަދުންވަންތަކަން ހުރިހާ ކަމަކަށް ވުރެން ބޮޑެވެ. އައިމީ އާއި އައިޝާ ވަރަށް އިއްތިފާގު ގޮތަކަށް ބައްދަލުވެ އެވެ. އައިޝާ އަށް އެހެން ކަހަލަ އިހްސާސްތަކެއްވެ، ލޯތްބެއް އެ ކުއްޖާ ދެކެ ވެވުނެވެ."
ދެން މި އަންނަނީ ސުވާލުމާކުތަކެކެވެ.
"އައިޝާ އާއި ޝާހިދުވީ ލޯތްބަށް ކިހިނެތްވާނެބާ؟ ރައްޒާގުގެ ރޭވުން ފަޅާއަރާނެބާ؟ އައިމީ އަށް މަންމަ އާއި ބައްޕަގެ ލޯބި ލިބޭނެބާ؟ އުފެދޭ ސުވާލުގެ ޖަވާބު ރަންދަރި ފިލްމުން."
އާދޭހެވެ. ފިލްމުގެ "ޓީޒީން ހުސާލާއެއް" އެކުލަވައިލުމުގެ ބޭނުން އަދި ކިރިޔާ މި ޖެހުނީ އެވެ. މާތް ރަސްކަލާނގެ މި "ރަން ދަރިއަށް" ބަރަކާތް ލައްވާނދޭވެ.
މީހުން އެމީހުންގެ ފިލްމުތައް އިޝްތިހާރުކުރުމަށް ނުވަތަ ޓީޒްކުރުމަށް ޖަހާ މަޅީގައި އެމީހުން އަމިއްލަ އަށް ޖެހިފައި ތިއްބައި ދުވަހަކު ވެސް ދެކުނިންތޯ އެވެ. މި ތިއްބެވީ އެވެ. ބައްލަވާށެވެ. ދެން މި ވިދާޅުވަނީ މިހެންނެވެ.
"މިއީ ކޮންމެ ބޭފުޅަކު ވެސް ހިތާއި ނަފުސުން ބަލައިގަންނާނެ ވަރަށް ރީތި ފިލްމެއް ކަމުގެ ޔަގީންކަން އަރުވަން." މިހެންނެވެ.
ފިލްމު ރީތިވާނެ ވަރު އަޅުގަނޑުމެން އެންމެނަށް ވެސް އެނގިއްޖެ އެވެ. އޭގެ ކުރި މަރާލަ ދެއްވީތީ ނިކަން ބޮޑަށް ޝުކުރިއްޔާ އެވެ. ބެލުންތެރިންނަށް ފިލްމު އުފެއްދުމުގެ ބޭނުން ކަނޑާލާފައި ތިޔަ ވިދާޅުވަނީ ފިލްމު ބަލަން އަންނާށޭތޯ އެވެ؟
މި ވާހަކަ ނިންމާލާނީ "ހުލާސާގެ ނިމުން ހަޔެކަށް" މީހަކު ބުނެލާފައިވާ އެއްޗަކުންނެވެ.
"މި ފިލްމުގަ ދެން ބަލާނެ އިތުރު އެއްޗެއް އެބަ އޮތްތަ؟"
ތެދެކެވެ. މަހްމާ ހުސެން ރަޝީދު އާއި މާއެނބޫ އަޅެ ނިކަން ވިދާޅުވެ ބައްލަވާށެވެ.