ބޮލީވުޑް

"ޓިއުބްލައިޓް" ގެ ބަތަލާއަކީ ކެޓްރީނާ އެއް ނޫން

Jul 4, 2016

ކުރީގެ ދެލޯބިވެރިން ކަމަށްވާ ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް އަކީ ޑައިރެކްޓަރު ކަބީރް ޚާންގެ "ޓިއުބްލައިޓް" ގެ ލީޑްތަރިން ކަމަށް ވަނީ އަޑުއަރާފަ އެވެ.

މިމަހުގެ ފަހުކޮޅު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މިފިލްްމުގެ ބަތަލާ އަކީ ކެޓްރީނާ ކަމަށް ވާހަކަތައް ދެކެވެން ފަށާފައިވަނީ މިރޯދަމަހުގެ ތެރޭގައި އޮތް ބާބާ ސިއްދީގީގެ ރޯދަވީއްލުމުގައި ސަލްމާނާ އެކު ކެޓްރީނާ ފެނުމުންނެވެ. އަދި މިރޯދަ ވީއްލުމުގެ ހަފްލާއަށް ކެޓްރީނާ ގޮސްފައިވަނީ ވެސް ޑައިރެކްޓަރު ކަބީރާ ޚާނާ އެކު އެވެ.

މިދެތަރިން އަނެއްކާ ވެސް އެކުގައި ފިލްމަކުން ފެނިގެންދާނެ ކަމަށް އަޑުތައް އަރާފައި ވަނިކޮށް ފިލްމު އުފައްދާ ފަރާތުގެ ގާތްފަރާތަކުން ވަނީ މިފިލްމުގެ ބަތަލާ އަކީ ކެޓްރީނާ ނޫން ކަމަށް ބުނެފަ އެވެ. އަދި އެފަރާތުން ވަނީ މިފިލްމުގައި ސަލްމާނާ އެކު ފެނިގެންދާނީ އެހެން ބަތަލާއެއް ކަމަށާއި އެއީ ކޮން ބަތަލާއެއް ކަން އަދި ކަނޑަނާޅާ ކަމަށް ބުނެފަ އެވެ.

"ޓިއުބްލައިޓް" އަކީ ސަލްމާން ކަބީރްގެ ފިލްމަކަށް ކުޅޭ ތިން ވަނަ ފިލްމެވެ. މީގެކުރިން އޭނާ ވަނީ 2012 ވަނަ އަހަރު ނިކުތް "އޭކް ތަ ޓައިގާ" އާއި މިދިޔަ އަހަރު ނިކުތް "ބަޖްރަންގީ ބައިޖާން" އިން ފެނިގެންގޮސްފަ އެވެ.

އަންނަ މަހުގައި ލަޑަކްގައި ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މިފިލްމުގައި ސަލްމާންގެ ކޮއްކޮ ސޮހެއިލް އޭނާގެ ބޭބެގެ ރޯލުން ފެނިގެންދާނެ އެވެ.

މިފިލްމަކީ އިންޑޯ-ޗައިނާ ބޯޑަރުގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ސިޔާސީ ޕީރިއަޑް ޑްރާމާ އެކެވެ. މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފިތުރު އީދާ ދިމާކޮށެވެ.