ޕާކިސްތާނުގެ އުތުރުން އަފްޣާނިސްތާނާ ގުޅޭ ބޯޑަރު ސަރަހައްދަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން 40 މީހުން މަރުވެއްޖެ އެވެ. އޭގެތެރެއިން އަށް މީހުންނަކީ ސިފައިން ކަމަށްވެ އެވެ.
މި ވިއްސާރައިގައި ޗިތްރަލް ޑިސްޓްރެކްޓްގެ އުރްސޫން އަވަށުގެ ގިނަ އަދަދެއްގެ ގޭގެއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން މަރުވި ބައެއް މީހުންގެ ހަށިތައް ފެނިފައިވާއިރު އަނެއްބައި މީހުންގެ ހަށިތައް ފެންގަނޑަށް ޣަރަގުވެ އަފްގާނިސްތާނާ ދިމާލަށް ފެންގަނޑުތެރެއިން އޮޔާ ގެންގޮސްފައިވާ ކަމަށް އެ ޑިސްޓްރެކްޓްގެ ޑެޕިއުޓީ ކޮމިޝަނާ އަހްމަދު ވަރާއިޝް ވިދާޅުވެފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އުރްސޫން އަވަށުގެ 82 ގެއަކަށް ފެނުގެ އަސަރުވަނީ ކޮށްފަ އެވެ. ބައެއް ގެތަކާއި މިސްކިތެއް އަދި ސިފައިންގެ ޕޯސްޓެއް ބިންގަނޑު ކަނޑައިގެން ގޮސް ދަމާގެންފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރެއިން 16 މީހުން މަރުވީ އެ މިސްކިތުގައި ނަމާދަށް ހުއްޓަކަމަށް ޕްރޮވިންޝަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ތަރުޖަމާނު ލަތީފުއް ރަހުމާން ވިދާޅުވެ އެވެ.
ގެއްލުން ލިބުނު ސަރަހައްދުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ.
މިދިޔަ އޭޕްރިލް މަހުވެސް އުރްސޫން އަވަށުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 127 މީހުންވަނީ މަރުވެފަ އެވެ. މިދިޔަ އަހަރުގެ ވިއްސާރަ މޫސުމުގައި ލިބުނު ގެއްލުންތަކުގައި ޕާކިސްތާނުން 81 މީހުން މަރުވެ ތިން ލައްކަ އެއްހާ މީހުންނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.