މާލޭގެ ސިނާއީ އަވަށުގައި އިމާރާތްތައް ކުރަން އަމިއްލަ ފަރާތްތަކަށް ދޫނުކުރާނެ ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ، އެތަނުގައި މަލްޓި ސްޓޯރީ ބިލްޑިންތަކެއް އެޅުމަށްފަހު އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދޫކުރުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
މީގެ ފަސް ވަރަކަށް މަސް ކުރިން މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ސަރުކާރުން ތަރައްގީކުރަން ފެށި ސިނާއީ އަވަށުގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށްދާއިރު، އެ އަވަށަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށިތާ ތިން ދުވަސް ތެރޭ ނިންމާލާފައިވަނީ އިއްޔެ އެވެ. މާލޭގެ ސިނާއީ އަވަށުގެ ބޮޑު މިނަކީ 6.9 ހެކްޓަރެވެ.
ސިނާއީ އަވަށް އެއްކޮށް ނިމުމުން މާލޭގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތާއި ނުރައްކާތެރި ކެމިކަލްތައް ބޭނުންކުރާ ވޯކްޝޮޕްތަކާއި މީހުން އުޅޭ ސަރަހައްދުގައި ހުންނަން ނުޖެހޭ ވޯކްޝޮޕްތަކާއި ގުދަންތައް ބަދަލު ކުރާނީ އެ ތަނަށެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ އަވަށުގައި ބޮޑެތި އިމާރާތްތަކެއް ކުރިއަށް އޮތްތަނުގައި އަޅާނެ ކަމަށާއި 160 މިލިއަން ރުފިޔާގެ ބަޖެޓެއް ހަރަދުވާ އެ މަޝްރޫއުގެ ހަރަދު ފޫބެއްދުމަށްޓަކައި ހައުސިން މިނިސްޓްރީން ޕްލޭން ކޮށްފައިވަނީ އެތަނުގައި އަޅާ އިމާރާތްތައް ކުއްޔަށް ދޭން ކަމަށެވެ.
އަދި ވިދާޅުވީ ސިނާއީ އަވަށުގައި މަލްޓި ސްޓޯރީ ބިލްޑިންތަކެއް އަޅާނެ ކަމަށާއި އަމިއްލަ ފަރާތްތަކަށް އެތަނުގައި ގުދަނާއި އިމާރާތްތައް އަޅަން ދޫކޮށްލުމުގެ ބަދަލުގައި ސަރުކާރުން ނިންމާފައިވަނީ އިމާރާތްތަކެއް އެޅުމަށްފަހު އެތަންތަން ކުއްޔަށް ދޭން ކަމަށެވެ. ސިނާއީ އަވަށުން ޖާގަ ދޫކުރާއިރު، މާލޭގައި މިވަގުތު އާންމު ސިއްހަތަށް ގެއްލުންވާފަދަ ކެމިކަލްތަކާއި ސްޕްރޭ ފަދަ ތަކެތި ބޭނުންކުރާ ވޯކްޝޮޕްތައް ހިންގާ ފަރާތްތަކަށް އިސްކަމެއް ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސިނާއީ އަވަށުގެ މަސައްކަތް ޖުލައި 26 އަށް ނިންމަން ހައުސިން މިނިސްޓްރީން އަމާޒު ހިފާފާއިވާއިރު، މުއައްސަސާތަކާއި ކުންފުނިތަކަށް އެތަނުން ޖާގަ ދޫކުރާނެ ރަސްމީ އުސޫލެއް ހައުސިން މިނިސްޓްރީން މިހާތަނަށް އިއުލާންކޮށްފައެއް ނުވެ އެވެ.