ބޭރު ކުޅިވަރު

ބާސާ އަށް ކުޅުނު 300 ވަނަ މެޗުގައި މެސީ އަށް 23 ވަނަ ހެޓްރިކް

ސްޕެއިން ލީގުގައި ރޭ ލެވަންޓޭ އަތުން 5-0 އިން ބާސެލޯނާ މޮޅުވިއިރު، ބާސާ އަށް ސްޕެއިން ލީގުގައި ކުޅުުނު 300 ވަނަ މެޗުގައި އާޖެންޓީނާގެ ފޯވަޑް ލިއޮނެލް މެސީ ވަނީ ސްޕެއިން ލީގުގައި އޭނާގެ 23 ވަނަ ހެޓްރިކް ހަދައިފަ އެވެ.

ބާސާގެ ދަނޑުގައި ކުޅުނު މެޗުގެ 17 ވަނަ މިނިޓުގައި ބާސާ އަށް ލީޑު ހޯދައިދިނީ ބްރެޒިލްގެ ފޯވަޑް ނޭމާ އެވެ. މެޗުގެ 38 ވަަނަ މިނިޓުގައި ބާސާގެ ދެވަނަ ލަނޑު ޖެހީ މެސީ އެވެ. ދެވަނަ ހާފުގައި މެސީ ވަނީ އިތުރު ދެ ލަނޑު ޖަހައި، ސްޕެއިން ލީގުގައި 23 ވަނަ ހެޓްރިކް ހަދައިފަ އެވެ.

މެޗުގެ 73 ވަނަ މިނިޓުގައި ބާސާގެ ފަސް ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް އެވެ. މިއީ މި މެޗުގައި ފެނުނު އެންމެ ރީތި ލަނޑެވެ.

މެސީ ވަނީ 23 ވަނަ ހެޓްރިކާއެކު، ސްޕެއިން ލީގުގައި އެންމެ ގިނަ ހެޓްރިކް ހެދުމުގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ. މި ރެކޯޑް ކުރިން އޮތީ ރެއާލް މެޑްރިޑްގެ ޕޯޗުގަލް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ އަތުގަ އެވެ.

މެސީ ވަނީ ބާސާ އަށް މިހާތަނަށް ލީގުގައި ކުޅުނު 300 މެޗުގައި 269 ލަނޑު ޖަހައިފަ އެވެ.

ބާސާ ވަނީ އެންމެ ފަހުން ކުޅުނު 11 މެޗުން ވެސް މޮޅުވެފަ އެވެ. މި މޮޅުވުމުގެ ރެކޯޑާއެކު، ބާސާ އިން ވަނީ 2009 / 2008 ވަަނަ އަހަރުގެ ސީޒަންގައި ޖޯސެޕް ގާޑިއޯލާގެ އިރުޝާދުގެ ހެދި ރެކޯޑާ އެއްވަރުކޮށްފަ އެވެ.

"ރެކޯޑްތައް ހެދުމަކީ ހިތްހަމަޖެހުމެއް އެކަމަކު އެއީ އަހަރެން ޝައުގުވެރިވާ ކަމެއް ނޫން،" މެޗަށް ފަހު ބާސާގެ ކޯޗު ލުއިސް އެންރީކޭ ބުންޏެވެ. "ކުޅުންތެރިން ވެސް މާ ބޮޑަށް އެކަން ފާހަގަކުރާކަށް ނޫޅޭނެ. ކުޅުންތެރިންނަަށް އެނގޭ ތައްޓެއް ހޯދަން އުނދަގޫވާނެކަން. މުހިންމީ އަހަރެމެން މޮޅުވާ މެޗުގެ އަދަދެއް ނޫން. މުހިންމީ ތަށި ހޯދުން."

ލެވަންޓޭ އަތުން މޮޅުވެ، ބާސާ އިން ވަނީ ތާވަލްގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑްއާ ދެމެދު އޮތް ފަރަގު އަނެއްކާ ވެސް އެއް ޕޮއިންޓަށް ކުޑަކޮށްފަ އެވެ. -- ބީބީސީ