ޕީޕީއެމް

އައްސަދަށް ފިޔަވަޅު އަޅައިދިނުމަށް އެދި ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް

ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ތްރީލައިންވިޕާ ހިލާފުވި މައްސަލައެއްގައި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އަސްއަދާ މެދު ފިޔަވަޅު އަޅައިދިނުމަށް އެ ޕާޓީގެ ސުލޫކީ ކޮމެޓީއަށް މައްސަލައެއް ހުށަހަޅައިފި އެވެ. މި މައްސަލަ ހުށަހަޅާފައިވަނީ އެ ޕާޓީގެ އާންމު މެންބަރެކެވެ.

ސުލޫކީ ކޮމެޓީއަށް އާންމު މެންބަރަކު ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ، ކުރީގެ ޕީޖީ މުހުތާޒު މުހުސިންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ނިންމާފައިވަނިކޮށް، ޕާޖީ ގުރޫޕްގެ ނިންމުމާ މެންބަރު އައްސަދު ހިލާފުވެފައިވާ ކަމަށެވެ. އަދި އެކަމަށް ސަން ޓީވީގެ ސިޔާސީ އޮއިވަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައްސަދު އިއުތިރާފުވެފައިވާ ކަމަށެވެ.

ސިޓީގައި އެދިފައިވަނީ ޕީޖީ ގުރޫޕްގެ ނިންމުންތަކާ ހިލާފުވާ އެހެނިހެން މެމްބަރުންނާ މެދު ފިޔަވަޅު އަޅާ އުސޫލުން އައްސަދާ މެދު ވެސް ފިޔަވަޅު އަޅައިދިނުމަށެވެ.

މިދިޔަ ހުކުރު ދުވަހު ސަން ޓީވީގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައްސަދު ވަނީ އެ ވޯޓުގައި ބައިވެރިނުވީ، ރައީސް އަބްދުﷲ ޔާމީންގެ ހުއްދައާއެކު ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ވޯޓުގައި ބައިވެރިވުމަށް އުޒުރުވެރިވީ، ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރު އޭނާ ހުންނެވީ މުހުތާޒުގެ ގޭގައި ކަމަށްވުމުންނާއި އެ އާއިލާއަށް އަނިޔާވެރިވާ މީހަކަށްވުމަށް ބޭނުންނުވާތީ ކަމަށް އައްސަދު ވިދާޅުވެފައިވެ އެވެ.