ހަވީރުގެ މައްސަލާގައި ކުރީގެ މުވައްޒަފުންނަށް ފިޔަވަޅު އަޅަން ކުރި ހުކުމާ ދެކޮޅަށް ފިޔަވަޅު ނޭޅޭނެ ކަމަށް ހޯމް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ބަންޑަރާ ނައިބު ވިދާޅުވި ކަމަށް ބުނާ ބުނުމަކީ ބާތިލު ބުނުމެއް ކަމަށާއި ފިޔަވަޅު އެޅޭނެ ކަމަށާއި ކޯޓްގެ ހުކުމާ އެއްގޮތަށް އަމަލު ކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ. މި އަމުރު ކޮށްފައި ވަނީ ހުކުމް ރައްދުވާ ފަރާތްތަކާށާއި މުޅި ދައުލަތުގެ މައްޗަށެވެ.
ސިވިލް ކޯޓުން މިއަދު ނެރުނު އަމުރެއްގައި ބުނަނީ ކޯޓްތަކާބެހޭ ގާނޫނުގެ 77 ވަނަ މާއްދާގައި ކޯޓަކުން ނިންމާ ނިންމުމަކަށް އަމަލު ކުރުން ފަސް ކުރަން އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފު ކުރާ ކޯޓަކުން ނާންގާހާ ހިނދަކު ކޮންމެ ކޯޓެއްގެ ނިންމުމަކީ ވެރިކަން ކުރާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ މަގާމުތަކާއި ހަވާލުވެ ތިބި މީހުންނާއި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ހިދުމަތްތަކުންނާއި އެންމެހާ ރައްޔިތުން އެ މައްޗަށް ތަބާވާން ލާޒިމް ނިންމުމެއް ކަމަށެވެ.
އިއްޔެ އެ ކޯޓުން ހަވީރުގެ މައްސަލާގައި ކުރި ހުކުމާ ގުޅިގެން ހޯމް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ދައުލަތުގެ ބަންޑާރަ ނައިބު މުހައްމު އަނިލް ވިދާޅުވި ކަމަށް ބުނެ މީޑިއާގައި ޝާއިއު ކުރަމުންދާ ހަވީރުގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރި ނަމަވެސް މިހާރުގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ތެރެއިން އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު ނޭޅޭނެ ކަމަށާއި އަދި އެޅޭނެ ފިޔަވަޅެއް ވެސް ނެތް ކަމަށް ބުނާ ބުނުމަކީ ބާތިލު އަދި އެ މައްޗަށް އަމަލު ނުކުރެވޭނެ ޣައިރު ގާނޫނީ ވާހަކައެއް ކަމަށް ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ކަނޑައަޅާފައި ވެއެވެ.
އަދި ބުނެފައި އަމުރުގައި ބުނަނީ ސިވިލް ކޯޓްގެ ހުކުމަށް އެ ކޯޓުން ނުވަތަ މަތީ ކޯޓަކުން ބަދަލު ގެނެސް އެ ނޫން ގޮތަކަށް ކަނޑަނާޅާ އޮއްވާ އެ ހުކުމް ރައްދުވާ ފަރާތްތަކާއި ހުރިހާ ވުޒާރާތަކާއި ދައުލަތުގެ ކަންކަމާ ހަވާލުވެ ތިބި އެންމެހާ ފަރާތްތަކުން އެއަށް އަމަލުކޮށް ކިޔަމަން ވާންޖެހޭނެ ކަމަށެވެ. އަދި އެއީ ގޮތަށް އަމަލު ކުރަންޖެހޭނެ ހުކުމެއް ކަމަށް އަމުރު ކުރާ ކަމަށެވެ.
ހިންގުން ހުއްޓާލާފައި އޮތް "ހަވީރު" ނޫހުގައި އުޅުނު މުވައްޒަފުން އެހެން މީޑިއާގެ އޮފީހެއްގައި މަސައްކަތް ކުރާ ނަމަ ފިޔަވަޅު އަޅަން ހޯމް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށް ހުކުމް ކުރީ އިއްޔެ އެވެ. އެ ހުކުމް އާއިރު ހަވީރުގައި މަސައްކަތް ކުރި ހުރިހާ މުވައްޒަފުން މަސައްކަތް ކުރަނީ "މިހާރު" ގެ ނަމުގައި އުފައްދާފައިވާ ނޫހެއްގަ އެވެ.
ހައިކޯޓުގައި ހަވީރު ނިއުސް އެޖެންސީގެ މިލްކިއްޔާތާ ގުޅޭ ގޮތުން ކޮށްފައިވާ ހުކުމުގައިވާ ކަންކަން ތަންފީޒު ކޮށްދިނުމަށް އެދި ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން ކަމަށްވާ އަބްދުﷲ ފާރޫގު ހަސަނާއި މުހައްމަދު ނައީމް އަދި އިބްރާހިމް ރަޝީދު މޫސާ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ކުރި ހުކުމުގައި ބުނެފައިވަނީ، ހަވީރު ހިންގުން ތިން ހިއްސާދާރުން ސާމިލުވާ ގޮތަށް ހިންގުމަށް ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުނުއިރު ހަވީރުގައި މަސައްކަތްކުރަމުންދާ އެއްވެސް މުވައްޒަފަކަށް އެހެން ނޫހެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި އެގޮތާ ހިލާފަށް އެއްވެސް މުވައްޒަފަކު އަމަލުކުރާނަމަ ހޯމް މިނިސްޓްރީ މެދުވެރިކޮށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަދި އެކަން ދެ އަހަރު ދުވަހުގެ މުއްދަތަށް ހިނގާނެ ކަމަށެވެ.