އެންމެ ދުވަސްވީ ނޫސް، "ހަވީރު"އާ ގުޅޭ ގޮތުން ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފި އެވެ. ހައިކޯޓުން ވަނީ އެ މައްސަލަ އަލުން ބަލަން ސިވިލް ކޯޓަށް އަމުރުކޮށްފަ އެވެ.
ސިވިލް ކޯޓަށް 2016 ވަނަ އަހަރު "ހަވީރު" ގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގް ހަސަން އަދި މުހައްމަދު ނައީމް މައްސަލައެއް ހުށަހެޅި އެވެ. ހަވީރު ނޫސް ބަންދުކުރީ އެ މައްސަލާގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރާ ގުޅިގެންނެވެ.
އެ މައްސަލާގައި އެދުނީ އެ ނޫހުގެ އާމްދަނީން އެ ތިން މީހުންނަށް ލިބެންޖެހޭ ބައި ހޯދުމަށާއި ނޫސް ހިންގުމުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.
ނަމަވެސް އޭރު ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ހުކުމް ކުރެއްވީ ދައުވާގައި ނޭދޭ ގިނަ ކަންތައްތަކެއް ހިމެނުމަށްފަހު އެވެ. އެގޮތުން ހަވީރުގެ އެއްވެސް މުވައްޒަފަކަށް ދެ އަހަރުވަންދެން އެހެން ނޫހެއްގައި މަސައްކަތް ނުކުރެވޭނެ ގޮތަށް ހުކުމްކުރި އެވެ. އަދި އެ މުވައްޒަފުން އެހެން ނޫހަކަށް ގޮސްފިނަމަ ފިޔަވަޅު އަޅަން ދައުލަތުގެ މައްޗަށް އަމުރުކުރި އެވެ.
އޭގެއިތުރުން ހަވީރުގެ ވެބްސައިޓާއި އާކައިވް "ހަވީރު ނިއުސް އެޖެންސީ"ގެ މެޖޯރިޓީ ހިއްސާދާރުން ބޭނުންވާ ގޮތަށް ބަދަލުކުރުމަށް ވެސް ހުކުމްކުރި އެވެ. އެ ހުކުމް ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިން ހައިކޯޓުގައި އިސްތިއުނާފުކުރެއްވި އެވެ.
އެ މައްސަލާގައި މިއަދު ހެނދުނު ހައިކޯޓުގައި އިއްވި ހުކުމްގައި ވަނީ ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ދައުވާގައިވާ ކަންކަމުގެ މައްޗަށް ނޫން ކަމަށް ކަނޑައަޅައި އެ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓުގެ މައްވަށް ތަހުވީލްކޮށްފަ އެވެ.
ހައިކޯޓުގެ ހުކުމްގައި ބުނީ، ދައުވާގައި ނެތް ކަންކަމުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރިިއިރު އެ މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކާ އެކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ. މުވައްޒަފުންނާއި ވެބްސައިޓާއި އާކައިވްއާ ގުޅޭ ގޮތުން ހުކުމްގައި ފާހަގަކުރި އެއްވެސް ކަމަކީ ދައުވާގައި އެދިފައިނުވާ ކަންކަން ހައިކޯޓުން ފާހަގަކުރި އެވެ. ހައިކޯޓުން އެ ހުކުމް ކޮށްފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.
ހަވީރުގެ މުވައްޒަފުން އެހެން ނޫހެއްގައި މަސައްކަތް ކުރުން މަނާކުރުމުން އެ މައްސަލަ ދައުލަތުން ވެސް ހައިކޯޓަށް ހުށަހެޅި އެވެ. އަދި އެ މުވައްޒަފުން ވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. އެ ދެ މައްސަލަ ހައިކޯޓުގައި ކުރިއަށް ދިޔަ އެވެ. ނަމަވެސް ހުކުމްކޮށްފައެއް ނުވެ އެވެ.