ރަޖިސްޓްރީ ނުކޮށް ހިންގާ ކަމަށް ބުނެ ބްލޮކް ކުރި އައްޑޫލައިވް ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްދީފި އެވެ.
ހޯމް މިނިސްޓްރީ އިން ބުނީ މިއަދުގެ ވަގުތެއްގައި އައްޑޫލައިވް ނޫސް މަޖައްލާތަކުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްދީ ހިންގުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ސަރުކާރަށް ފާޑުކިޔައި ހަބަރުތައް ގެނެސްދެމުން އައި އައްޑޫލައިވް ބްލޮކް ކުރީ ކޭމް އިން ބުނި ގޮތުގައި ރަޖިސްޓްރީ ނުކޮށް އެ ނޫސް ގަވާއިދާ ހިލާފަށް ހިންގާތީ ކަމަށެވެ.
އެ ނޫހުގެ މަސްއޫލުވެރިޔާ އަދި އެޑިޓަރު، މުހައްމަދު ޝަރަފުއްދީން، ޝަރަފު ވިދާޅުވީ އެ ނޫހުން ކުރިއަށް އޮތްތަނުގައި ވެސް ހަބަރުތައް ގެނެސްދެމުން ދާނީ ޒިންމާދާރުކަމާއެކު ދެ ފުށް ފެންނަ ގޮތަށް ކަމަށެވެ. އދި ދައުލަތުގެ މުއައްސަސާތަކުން ހިންގާ އެކިއެކި ޖަރީމާތައް ހާމަ ކުރުމުގައި އެ ނޫހުން އިސް ދައުރެއް އަދާކުރަމުން ދާނެ ކަމަށެވެ.
އެ ނޫސް ބްލޮކް ކުރި މައްސަލައިގައި މިއަދުވެސް ކަންބޮޑުވުން ފާޅުކޮށް ޝަރަފް ވިދާޅުވީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ވެސް އެ ނޫސް ހިންގަމުން އައި ކަމަށާއި ނޫސް ރަޖިސްޓްރީ ނުކުރާތީ މައްސަލައެއް އޭރު ނުޖައްސާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ޖައްސައި އެންމެ ފަހުން ނޫސް ބްލޮކް ކުރީ ކޮރަޕްޝަންގެ ވާހަކަތައް ގެނެސްދޭން ފެށުމުން ކަމަށެވެ.
ނޫސް މަޖައްލާތައް ހިންގުމުގެ ގާނޫނުގައިވާ ގޮތުގައި ނޫސްތައް ހިންގަން ވާނީ ރަޖިސްޓްރީކޮށްގެންނެވެ. އައްޑޫލައިވް އަކީ އައްޑޫގައި ހިނގާ އެކި ހަބަރުތައް ގެނެސްދޭ ނޫހެކެވެ.