ބޭރު ކުޅިވަރު

ޔުނައިޓެޑަށް މިޑްފީލްޑަރެއް ބޭނުންވޭ: ވެން ހާލް

މެންޗެސްޓާ ޔުނައިޓެޑަށް މިޑްފީލްޑަރެއް ބޭނުންވާ ކަމަށާއި ހޫނު މޫސުމުގެ ޓްރާންސްފާގައި މިޑްފީލްޑަރެއް ހޯދަން މަސަައްކަތްކުރާނެ ކަމަށް ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލް ބުނެފި އެވެ.

 ވެން ހާލް ބުނީ ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑްގެ އެންމެ ބޮޑު އަމާޒަކަށް ވާނީ މިޑްފީލްޑަރެއް ހޯދުން ކަމަށެވެ.

"އަހަރެން އެބަޖެހޭ ޓީމު ހަމައަޅަކަށް އަޅުވަން. އެކަން ވާން އޮތީ މެދުތެރެ ރަނގަޅުވެގެން،" ވެން ހާލް ބުންޏެވެ.

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ކެޕްޓަން ވޭން ރޫނީ މިޑްފީލްޑަރެއްގެ ގޮތުގައި ބޭނުންކުރާތީ ވެން ހާލަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ.

ވެން ހާލް ބުނީ މެދުތެރެއަށް ކުޅެން ޖެހުނު ނަމަވެސް، ރޫނީ ،29، އެކަމާމެދު ޝަކުވާއެއް ނުކުރާ ކަމަށެވެ.

"ރޫނީ ކުޅެނީ ހިތްހަމަޖެހިގެން. ހިތްހަމަނުޖެހޭނަމަ، އަހަންނަށް އެކަން އަންގަންޖެހޭނެ،" ވެން ހާލް ބުންޏެވެ. "ރޫނީ ކުޅެނީ ވަރަށް ހިތްހަމަޖެހިގެން. އޭނާ ބޭނުންވަނީ އަހަރެން ބުނާ ގޮތަކަށް ކުޅެން."

މި ސީޒަންގެ ކުރީކޮޅު ފޯވަޑަކަށް ކުޅުނު ރޫނީ ވަނީ 14 މެޗުގައި އަށް ލަނޑު ޖަހައިފަ އެވެ. ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ނުވަ މެޗުގައި ރޫނީ އަށް ލަނޑެއް ނުޖެހެ އެވެ. -- ބީބީސީ