ސައުދީ އަަރަބިއްޔާ

ސައޫދީގައި ދިން ބޮމުގެ ހަމަލާތަކުގައި ހަތަރު މަރު

Jul 4, 2016
3

ސައޫދީ އަރަބިއްޔާގެ މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ ބޭރުގައި މީހަކު އަމިއްލަ އަށް މަރުވެގެން ބޮމުގެ ހަމަލާއެއް ދީފައި ވަނިކޮށް ބޮމުގެ އިތުރު ދެ ހަމަލާއެއްގައި މިއަދު ހަތަރު މީހަކު މަދީނާގައި މަރާލައިފި އެވެ.

ހަރަމްފުޅަށް ފަހު، މުސްލިމުންގެ އެންމެ މާތް ބިނާ ކަމުގައިވާ މަސްޖިދުއް ނަބަވީގެ ބޭރުގައި ބޮން ގޮއްވާލާފައިވާއިރު ދެ ވަނަ ހަމަލާއެއް ދީފައި ވަނީ ޝިއައީންގެ މިސްކިތަކަށް އަމާޒުކޮށެވެ. އެއަށް ފަހު ޖިއްދާގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް އަމާޒުކޮށް ވެސް ބޮމެއް ވަނީ ގޮއްވާލައިފަ އެވެ.

ސައޫދީގެ ދާޚިލީ ވުޒާރާއިން މި ހަމަލާތައް ތަހުގީގުކުރަމުން އަންނައިރު ހަމަލާތަކުގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ. ނަމަވެސް ގިނަ ބަޔަކު ލަފާކުރާ ގޮތުން ސައޫދީގައި މިއަދު ދިން ބޮމުގެ ތިން ހަމަލާގެ ފަހަތުގައި ވެސް ވަނީ ޓެރަރިސްޓް ޖަމާއަތް އިސްލާމިކް ސްޓޭޓް އެވެ.

އިސްލާމީ އުއްމަތުގެ "ހިތް ކަމުގައި ބެލެވޭ" ބިމަށް ބޮމުގެ ނުރައްކާތެރި ހަމަލާތަކެއް ދީފައިވާއިރު މުސްލިމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކީރިތި ރަސޫލާއާއި އަބޫބަކުރުގެފާނާއި އުމަރުގެފާނު ފަސްދާނުލާފައި ވަނީ މަސްޖިދުލް ނަބަވީގަ އެވެ. ބޮން ގޮއްވާލާފައި ވަނީ ނަބަވީ ކައިރިން ޖަންނަތުލް ބާގީގަ އެވެ. އެއީ ރަސޫލާ ކިރުމައިކަމަނާ ހަލީމަތުގެފާނާއި، ހަދީޖަތުގެފާނުން ފިޔަވައި ރަސޫލާގެ އަނބިކަނބަލުންނާއި ދަރިކަލުން އިބްރާހީމާއި ދަރިދަރިކަނބަލުން ރުޤިއްޔާއާއި އުއްމު ކުލްސޫމާއި ޒައިނަބު އަދި ފާތިމަތުގެފާނު ފަސްދާނުލާފައިވަނީ އެތާނގަ އެވެ.