ބޮލީވުޑް

"ޑަންގާލް" ގައި 55 އަހަރުގެ މީހެއްގެ ރޯލު ކުޅެން އާމިރް ފުރަތަމަ ބޭނުމެއްނުވި

Jul 6, 2016

މިއަހަރުގެ ޑިސެމްބަރުގައި ރިލީޒްވާ "ޑަންގާލް" ގައި ސުޕަސްޓާ އާމިރް ޚާން ފެނިގެންދާނީ އުމުރުން 55 އަހަރުގެ ރެސްލިންތެޅުން ތެރިއެއްގެ ރޯލުންނެވެ.

މިއީ ފިލްމެއްގައި އާމިރް އޭނާގެ އުމުރަށް ވުރެން ދޮށީ މީހެއްގެ ރޯލު ކުޅޭ ފުރަތަމަ ފަހަރެވެ. މީގެކުރިން މުޅިން ވެސް އާމިރް ކުޅެފައިވަނީ އޭނާގެ އުމުރަށް ވުރެން ދެގުނު ހަނގު ރޯލުތަކެވެ.

އެގޮތުން މިފިލްމުގައި 55 އަހަރުގެ މީހެއްގެ ރޯލުކުޅެން އެއްބަސްވި ގޮތާއި ބެހޭގޮތުން އާމިރް ވަނީ އެންމެފުރަތަމަ އޭނާ މިރޯލު ކުޅެން ބޭނުންވީ އޭނާއަށް 60 އަހަރު ވުމުން ކަމަށް ބުނެފަ އެވެ. ނަމަވެސް މިފިލްމުގެ ސްކްރިޕްޓް އޭނާ އަޑުއެހި ހިސާބުން ފިލްމު ކުޅެން ވަރަށް ބޮޑަށް ޝައުގުވެރިވި ކަމަށް ވެސް އާމިރް ވަނީ ބުނެފަ އެވެ

"އަހަރެން އެންމެފަހުން ކުޅުނު ދެފިލްމު، "ދޫމް 3" އާއި "ޕީކޭ" ކުޅުނީ ޒުވާނެއްގެ ރޯލު، އެހެންވެ މިފިލްމުގައި އެހާ އުމުރުން ދޮށީ މީހެއްގެ ރޯލު ކުޅެންވީމަ ކުޑަކޮށް ފަސްޖެހުނު. މިފިލްމުގެ ޑައިރެކްޓަރު ބޭނުންވީ އަހަރެންގެ ފިލްމުގައި 55 އަހަރުގެ މީހެއްގެ ގޮތުގައި ދައްކާލަން" ފުރަތަމަ ފަހަރަށް އަމިއްލަ އުމުރުގެ ރޯލެއް ކުޅެން ޖެހުމުން ފަސްޖެހުނު ކަމަށް ބުނަމުން އާމިރް ބުނެފައިވެ އެވެ.

މީގެއިތުރުން އާމިރް ވަނީ މިރޯލު ކުޅެން އޭނާ ފަސްޖެހުނީ މިފިލްމަށް އޭނާގެ ބަރުދަން އިތުރުކޮށް ހަށިގަނޑަށް ބޮޑު ބަދަލުތަކެއް ގެނަންޖެހުމުން ބެލުންތެރިންނަށް އޭނާ މިގޮތަށް ކަމުނުގޮސްފާނެތީ އާއ މިފިލްމު ކާމިޔާބި ނުވެއްޖެނަމަ އޭނާގެ ކެރިއަރަށް ވާނެ ގޮތެއް ނޭނގޭތީ ކަމަށެވެ. ނަމަވެސް އާމިރް ވަނީ އަލުން ފިލްމުގެ ވާހަކަ އަޑުއަހައި އޭނާގެ ވިސްނުން ދޫކޮށް ފިލްމު ކުޅެން އެއްބަސްވެފަ އެވެ.

ޑަންގާލް" އަކީ ރެސްލާ މަހާވީރް ޕޯގަތްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. މަހާވީރް ވަނީ އޭނާގެ ތިން އަންހެން ދަރިން ކަމަށްވާ ޖީތާ އާއި ބަބީތާ އަދި ސަންގީތާ އަަށް ގޭގަށް ރެސްލިންތަޅަން ދަސްކޮށްދީ ތާރީހީ ކާމިޔާބީއާ ހަމައަށް އެކުދިން ގެންގޮސްފަ އެވެ. ގީތާ ވަނީ 2010 ވަނަ އަހަރު އޮތް ކޮމަންވެލް ގޭމްސްގައި އިންޑިއާގެ އަންހެނަކަށް އެންމެފުރަތަމަ ރެސްލިންއިން ގޯލްޑް މެޑަލެއް ލިބުނު ކުޅުންތެރިއަކަށް ވެގެން ގޮސްފަ އެވެ. އަދި ހަމަ އެއަހަރަކު ބަބީތާ އަށް ވެސް ވަނީ ސިލްވާ މެޑަލެއް ލިބިގެން ގޮސްފަ އެވެ.

އާމިރް ވަނީ މިފިލްމުގައި މަހާވީރް އުމުރުން ދުވަސްވެފައިވާ ގޮތް ދައްކާލުމަށް ބަރުދަން 95 ކިލޯ އަށް ޖައްސާލާފަ އެވެ. އަދި ބަރުދަން މިހާރު 70 ކިލޯ އަށް ލުއިކޮށް އަންނަނީ މަހާވީރްގެ ޒުވާން ދުވަސްވަރުގެ މަންޒަރުތައް ނެގުމަށް ތައްޔާރުވަމުންނެވެ.