ބޮލީވުޑް

މިވަގުތު ހުސްހަށިބައި ކަމަށް ސުޝާންތް ބުނެފި

Jul 5, 2016

ބޮލީވުޑްގެ ޒުވާން ތަރި ސުޝާންތް ސިންގް ރާޖްޕުތް ނުވަ ހަތް އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޓީވީ ތަރި އަންކިތާ ލޯކަންޑޭ އާއި ރުޅިވެ، ބަތަލާ ކްރީތީ ސަނޮން އާއެކު "ރަބްތާ" ގެ ޝޫޓިން ފެށިފަހުން މިދެތަރިން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް އަޑުތައް ވަނީ އަރާފަ އެވެ.

މިފިލްމުގެ ޝޫޓިންގެ ތެރެއިން މިދެތަރިން ދެމެދުގައި ގާތް ގުޅުމެއް އުފެދި، ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާއިރު، މިދިޔަ މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ބުޑަޕެސްޓްގައި ނިމުމުން އެނބުރި އިންޑިއާއަށް އަައުމުގެ ކުރިން ވަނީ ބެންކޮކްގައި އެކުގައި ޗުއްޓީއެއް ވެސް ހޭދަކޮށްފަ އެވެ.

ސުޝާންތް އާއި ކުރީގެ ލޯބިވެރިޔާ އަންކިތާއާ ރުޅިވީ ކްރީތީއާ ސުޝާންތްއާ ދެމެދު ގާތްގުޅުމެއް އުފެދުމުންނެވެ. މިދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އެކި ގޮތްގޮތަށް ވާހަކަދެކެވެމުން އަންނައިރު، މީގެ ދުވަސްކޮޅެއް ކުރިން ކްރީތީ ވަނީ އޭނާއާ ސުޝާންތްއާ ދެމެދު އެއްވެސް ގުޅުމެއް ނޯންނަ ކަމަށް ބުނެފަ އެވެ. ކްރީތީގެ ވާހަކަތަކުންވެސް މިދެތަރިންް އަޅުވާ ކިޔަމުން އަންން ކިޔުންތައް ނުހުއްޓޭއިރު ސުޝާންތް ވެސް މިވަނީ އޭނާއާ ކްރީތީއާ ލޯބީގެ ގޮތުން ގުޅިގެން ނޫޅޭ ކަމަށް ބުނެފަ އެވެ.

ސުޝާންތް ވަނީ އެންމެފުރަތަމަ އޭނާއާ އަޅުވާ ކިޔާފައިވަނީ އެހެން ބަތަލާ އަކާ ކަމަށާއި ދެން އޭގެފަހުން "ރާބްތާ" ގެ ޝޫޓިން އޭނާ ކްރީތީއާ އެކު ފެށުމުން އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވާހަކަތައް ދައްކަން ފެށީ ކަމަށެވެ. އޭނާއާ އެއްވެސް ބަތަލާ އަކީ ލޯބޯގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ދޮގުކުރަމުން ސުޝާންތް ވަނީ މިވަގުތު އޭނާ ހުސްހަށިބައި ކަމަށް ބުނެފަ އެވެ.

ކްރީތީއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކައަކީ ދޮގެއް ކަމަށް ސުޝާންތް ބުނި ނަމަވެސް މިހާތަނަށް ވެސް އޭނާ އާ އަންކިތާ ރުޅިވީ ކޮން ސަބަބަކާ ހުރެ ކަމެއް އެދެތަރިންކުރެ އެކަކުވެސް ހާމަކޮށްފައެއް ނުވެ އެވެ.