ހަބަރު

މުއްރަތު މަރަން ސުޕްރީމް ކޯޓުން ތާއިދުކޮށްފި

ދެހާސް ބާރަ ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން މަރަން ހުކުމްކުރި މ. މަސްރޫރާ، މުއްރަތު މަރަން ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.

މުއްރަތު މަރަން ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ މުއްރަތުގެ މައްޗަށް ދަށު ކޯޓުން އިއްވާ، އަދި ހައިކޯޓުން ތާއީދުކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން އިއްވާފައިވާ ހުކުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގަ އެވެ.

މިއަދު ސުޕްރީމް ކޯޓުން މުއްރަތު މަރަން ހުކުމްކުރީ ފަސް ފަނޑިޔާރުންގެ ވެސް އިއްތިފާގުންނެވެ. އެ ހުކުމުގައި ބުނެފައިވަނީ ނަޖީބު މަރާލި ކަމަށް މުއްރަތު އިއުތިފާރުވެ ކަން ހިނގާދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވާ ކަމަށެވެ. އަދި އިއުތިރާފުވެފައިވަނީ ފުލުހުންގެ މަޖުބޫރުކުރަވައިގެން ކަމަށް ބެލެން ނެތް ކަމަށެވެ. މައްސަލައަކީ ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވެސް ހުކުގައި ފާހަގަކޮށްފައިވެ އެވެ.

ނަޖީބް މަރާލި މައްސަލައިގައި މުއްރަތުގެ އޭރުގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބް ފާތިމަތު ހަނާ މެރުމަށް ވެސް ދަށު ކޯޓުން ހުކުމްކޮށްފައިވާއިރު އެ ހުމުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މުއްރަތަށް ނާކާމިޔާބުވެފައިވާއިރު ދެން މަރުގެ ހުކުމް ސަލާމަތްވެވޭނީ އެންމެ ގޮތަކަށެވެ. އެއީ ވާރިސުން ލުޔެއް ދީފިނަމަ އެވެ. މަރަން ކުރާ ހުކުމްތައް ރައިސުލްޖުމްހޫރިއްޔާއަށް ވެސް ލުއި ނުކުރެވޭނެ އެވެ. ސުޕްރީމް ކޯޓުން މަރަން ހުކުމްކުރި މިއީ ދެވަނަ މީހާ އެވެ. މީގެކުރިން ޑރ. އަފްރާޝީމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު މެރުމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާ ކަމަށް ބުނެފައިވާއިރު، ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރުގަ އެވެ. އެމީހާއަކީ އެންމެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އަވަހާރަކޮށްލުމަށް ސިހުރު ހެދި މީހެކެވެ.