ދުނިޔެ

އައިއެސް އިން މިސްރު ބަޔަކު މަރާލުމާ އެކު ރައްދުގައި ބޮން އަޅައިފި

އިސްލާމިކް ސްޓޭޓް (އައިއެސް) އިން މިސްރުގެ 21 ކްރިސްޓިއަނަކު ހައްޔަރުކޮށް އެ މީހުންގެ ބޯ ކަނޑައި މަރާލުމާ އެކު ރައްދުގައި މިސްރުން އައިއެސްގެ މަގާމުތަކަށް ބޮން އަޅައިފި އެވެ.

މީހުންގެ ބޯ ކަނޑައި މަރާ މަންޒަރު ކަމަށް ބުނާ ވީޑިއޯ އާންމުކުރިތާ ގަޑިއިރުތަކެއް ފަހުން މިސްރުން ހަމަލާ ދީފައި ވަނީ އައިއެސް އަށް ހަމަލާ ދިނުމުގެ ހައްގު މިސްރަށް މިހާރު އެބަ އޮތް ކަމަށް ބުނެ އެ ގައުމުގެ ރައީސް އަބްދުލް ފައްތާހް އައް ސީސީ އިންޒާރު ދެއްވުމަށް ފަހުގަ އެވެ. ނަމަވެސް ހަމަލާތަކާ ބެހޭ ތަފްސީލެއް އަދި ނުލިބެ އެވެ.

އައިއެސް އިން މިސްރު ބަޔަކު މަރާފައި ވަނީ ލީބިއާގަ އެވެ. އެއީ މިދިޔަ ޑިސެމްބަރު މަހާއި ޖެނުއަރީ މަހު ލީބިއާގެ ސިރްތުން ހައްޔަރުކުރި ބައެކެވެ. ސިރްތަކީ އައިއެސް އިން ކޮންޓްރޯލްކުރާ ސަރަހައްދެކެވެ.

"މި އިންސާނިއްޔަތު ކަމެއް ނެތް މީހުންނާ ދެކޮޅަށް، ހަމަލާ ދޭންޖެހޭ ވަގުތުގައި ހަމަލާ ދޭން ޖެހޭ ގޮތަށް ހަމަލާ ދިނުމުގެ ފުރިހަމަ ހައްގު މިސްރަށް ވަނީ ލިބިފައި،" ސީސީ ވިދާޅުވި އެވެ.

ސީސީ ވިދާޅުވެފައި ވަނީ މިސްރުން ވެސް މަސައްކަތްކުރަމުން ދަނީ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކާ ދެކޮޅަށް ދުނިޔެ ކުރާ މަސައްކަތުގައި އެއް އަޒުމެއްގައި ކަމަށެވެ.

މިސްރުން އައިއެސް އަށް ހަމަލާ ދީފައި ވާއިރު ޖޯޑަންގެ ޕައިލެޓަކު ކޮއްޓަކަށް ލައި ހުޅުޖަހައި މަރާލުމާ އެކު ޖޯޑަން އިން ވެސް ވަނީ އައިއެސް އަށް ހަމަލާ ދޭން ފަށައިފަ އެވެ.