ބޮލީވުޑް

ރަންބީރާއި ކެޓްރީނާ "ޖައްގާ ޖާސޫސް" އެކުގައި ޕްރޮމޯޓް ކުރާނެ

Jul 6, 2016
1

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފްގެ ހައަހަރުވީ ލޯބީގެ ގުޅުން ނިމުމަކަށް އައިއިރު މިދެތަރިން އައީ އެކުގައި "ޖައްގާ ޖާސޫސް" ޝޫޓްކުރަމުންނެވެ.

މިދެތަރިން ރުޅިވުމުން މިފިލްމުގެ ޝޫޓިން އަށް ބުރުއަރައި، ފިލްމުގެ ބައެއް މަންޒަރުތައް ނަގައި ނިންމަންޖެހޭ ދުވަހަށް ނުނިމި ވަނީ ފިލްމު ރިލީޒްކުރާ ދުވަސް ފަސްކުރަންވެސް ޖެހިފަ އެވެ. ފިލްމުގެ ޝޫޓްކޮށް ނުނިމި ވަނީ ވަރަށް މަދު މަންޒަރުތަކަކަށްވީއިރު ރަންބީރާއި ކެޓްރީނާ އެކުގައި މިފިލްމު ޕްރޮމޯޓްނުކުރާނެ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

ރަންބީރާއި ކެޓްރީނާ ރުޅިވުމުން އެދެތަރިން އެކަކު އަނެކަަކާ ވާހަކަދެއްކުން ވެސް ހުއްޓާލާފައިވާއިރު، މިފިލްމު އެކުގައި ޕްރޮމޯޓްކުރާނެ ކަމަށް ގިނަބަޔަކަށް ގަބޫލެއްނުކުރެވެ އެވެ. ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރު ސިދާތް ރޯއި ކަޕޫރު ވަނީ މިދެތަރިންނަކީ ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތްކުރަމުން އަންނަ ދެއެކްޓަރުން ކަމަށާއި އެކުގައި މިފިލްމު މިދެތަރިން ޕްރޮމޯޓްކުރާނެ ކަމަށް ބުނެފަ އެވެ.

ކުރިން މިދިޔަ މަހުގެ އެއްވަނަ ދުވަހު ރިލީޒްކުުރުމަށް ހަމަޖެހިފައި އޮތް މިފިލްމު، ޝޫޓިން ނުނިމި ލަސްވުމުން ރިލީޒްކުރާ ދުވަސް ލަސްކޮށްފައިވާއިރު ދެން ރިލީޒްކުރާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާނެކުރާނެ ކަމަށްވެސ ސިދާތް ވަނީ ބުނެފަ އެވެ.

"ފިލްމުގެ ދެން ނުނެގި ހުރީ އެންމެފަހުގެ މަންޒަރުތައް. ފިލްމުގެ ޝޫޓިން އެއްކޮށް ނިމުމުން ރިލީޒްކުރާ ދުވަސް އިއުލާންކުރާނެ" ސިދާތް ބުނެފައިވެ އެވެ.

އެންމެފުރަތަމަ "ޖައްގާ ޖާސޫސް" ރިލީޒްކުރަ ގޮތަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ނަމަވެސް ފިލްމުގެ ލީޑްދެތަރިން އެހެން ފިލްމުތަކުގައި ބިޒީވެ މިފިލްމުގެ ޝޫޓިން ނުނިމި ވަނީ މިއަހަރުގެ ޖޫން އެކެއްގައި ރިލީޒްކުރާ ގޮތަށް ބަދަލުކޮށްފަ އެވެ.

މިފިލްމުގައި ރަންބީރު ފެނިގެންދާނީ ވީނުވީއެއް ނޭނގި ގެއްލިފައިވާ ބައްޕަ ހޯދުމަށް މަސައްކަތްކުރާ ފުރާވަރުގެ އުމުރުގެ ޑިޓެކްޓިވް އެއްގެ ރޯލުންނެވެ. ރަންބީރަށް މިފިލްމުގައި ވާހަކަ ދެއްކުމަށް އުނދަގުލެއް ހުންނައިރު، އޭނާ ވާހަކަ ދައްކަން ބޭނުންވާ ވަގުތުތަކުގައި ލަވަ ކިޔާ ކަމަށްވެ އެވެ.