އީދަކީ ދެކޮޅު ވެރިކަން ދައްކާ ދުވަހެއް ނޫނެވެ. އީދަކީ އަންނަ ވަރަށް ބޮޑު އުފަލެކެވެ. މުސްލިމުން އުފާކޮށް އެންމެން ހިނިތުން ކުރުވާ ދުވަހަކެވެ. އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ދުވަހެވެ. އެހީވެދޭ ދުވަހެކެވެ.
ދިވެހިންނަކީ އަބަދުވެސް އީދު ފާހަގަ ކުރާ ބައެކެވެ. ހިޖުރީ ގޮތުން 548 ގައި ރާއްޖެ އިސްލާމް ވުމަށްފަހު އީދު ފާހަގަ ކުރާތާ މިއީ 890 ވަނަ އަހަރެވެ. ހާއްސަކޮށް ރަށްރަށުގައި ކޮންމެ އީދެއް ވެސް ފާހަގަ ކުރަނީ ދުރާލާ އީދަށް ތައްޔާރުވެގެނެވެ. އީދު ފާހަގަ ކުރުން ރާއްޖޭގައި ވަރަށް ބޮޑު ސަގާފަތެއްގެ ގޮތުގައި ވެސް ބެލެވިފައި ވެއެވެ. ހިސާބަކަށް ދެކޮޅުވެރިކަން އޮންނަ ފަރާތްތައް ވެސް އީދާއެކު ސުލްހަވެރި ސަލާމް ގަލާންކޮށް އެކުވެރިވެއެވެ. އަދި ރަޙުމަތްތެރިންނާއި ޢާއިލާގެ ގާތަށް ޖެހިލައި އުފާ ފާޅުކުރަން ހާއްސަކުރާ ދުވަހަކަށް ވެސް އީދު ވެއެވެ.
އީދު ދުވަހު އަމިއްލަ ރަށުގައި ނޫޅޭ މީހުން އެމީހުންގެ އަމިއްލަ ރަށްތަކަށް ދާނެ އެވެ. އަދި އެ ގޮތަށް ދާއިރު ރަޙުމަތްތެރިން ގޮވައިގެން ދިއުމަކީ ދިވެހި އެކުވެރިކަމުގެ ސަގާފަތުގެތެރެއިންވާ ކަމެކެވެ. އަދި ރަށުގެ އީދު ކުޅިވަރާއި މަޖާގަޑުގައި ބައިވެރިވެލުމަށް އަމިއްލަގޮތުން ވެސް ބައެއް ގުރޫޕުތައް ރަށްރަށަށް ދަތުރުކުރާނެ އެވެ. އެހެންކަމުން ރަށްރަށުން ޢީދަށް ތައްޔާރުވުމުގެ ކަންކަން ވަރަށް ކުރީބައިގައި ފަށާނެއެވެ.
އަބަދުވެސް ރާއްޖޭގެ ރަށްރަށުގައި އީދު ފާހަގަ ކުރާއިރު އެތައް ސަގާފަތެއް ފެނިގެންދެ އެވެ. އެންމެ ހާއްސަ ސަގާފަތަކީ ހެނދުނު ހެނދުނާ އެންމެން ވެސް އާ ހެދުމެއް ލުމެވެ. އާ ފައިވާނަކަށް އެރުމެވެ. އީދު ނަމާދަށް ފަހު ރައްޓެހިނާއި ތިމާގެ ގޭގެއިންނާއި އަވަށްޓެރިންގެ ގޭގޭގެ ދައުވަތުތަކަށް ޒިޔާރަތްކޮށް ފޮނި ކާއެއްޗެއްގެ ރަހައާއެކު އީދު ތަހުނިޔާ ކިޔުމެވެ.
އީދަށް ކެއްކުން އެއީ ވެސް ވަރަށް ފޯރިގަދަ ކަމެވެ. ބައެއް ރަށްރަށުގައި ހަމަ ކޮންމެ ގެއެއް ބައިވެރިވެ އަވަށްޓެރި ގޭގޭގެ މީހުން އެކުގައި ކައްކައި ސަލަވާތް ކިޔަވައި ކާންދިނުން އޮވެއެވެ. މީގެ އިތުރުން އީދު ގެ ތަކްބީރު ކިޔުމަކީވެސް ކުރަމުން އައި ކަމެކެވެ. ރައްޔިތުންގެ ކޮންމެ ކަމެއް ފެށުމާއި ނިންމުމުގައި ޢީދު ދުވަހާއި މުނާސަބު ދުވަސްތަކުގައި ތަކްބީރުކިޔުން އޮވެެއެވެ.
ވަޅު އީދަކީ ވެސް ބަދަހިކަން ގެނެސްދޭ ބޮޑު ދުވަހެކެވެ. ބައެއް ރަށްރަށުގައި އެ ދުވަހަށް ހާއްސަ ތައްޔާރީތައް މިހާރު ވެސް އޮވެއެވެ. ބައެއް ރަށްރަށުގައި ހެދުނު ހެދުނާ ފެންކުޅި ފަށައެވެ. ބައެއް ރަށްރަށުގައި އިރު އޮއްސުމާހަމައަށް ފެންކުޅި އޮވެއެވެ. ހަގީގަތުގައި އެ ދުވަހަކީ ސަމާސާ ވިހަ ނުވާ ސަމާސާގެ ދުވަހަކެވެ. އާ އެކުވެރިން ލިބި ތިބި އެކުވެރިންގެ ގުޅުން ބަދަހިވެގެންދާ ދުވަހަކަށް ވެސް ވެއެވެ.