ބޮލީވުޑް

ސަލްމާންގެ "ސުލްތާން" ވެސް ލީކްވެއްޖެ

Jul 6, 2016

ސުޕަސްޓާ ސަލްމާން ޚާންގެ މިއަދު ރިލީޒްކުރި "ސުލްތާން" އަކީ އެންމެ ގިނަބަޔަކު އެފިލްމަކަށް އިންތިޒާރުކުރަމުން އައި ފިލްމެވެ. މުޅި މިއަހަރުވެސް ރިލީޒްވާނެ ކަމަށް ބެލެވޭ އެންމެބޮޑު ފިލްމަކަށްވި މިފިލްމަކީ ސިނަމާތަކާ ހަމައަށް އައުމުގެ ކުރިން އެތަކެއް ރެކޯޑެއް މުގުރާލާނެ ކަމަށް ބުނަމުން އައި ފިލްމެކެވެ.

ގިނަ ރެކޯޑްތަކެއް މުގުރައި އަހަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދާނެކަމަށް ޓްރޭޑް އެކްސްޕާޓުން ބުނަމުން އައި މިފިލްމު މިއަދު އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 5100 ސްކްރީނެއްގައި ދައްކަން ފަށާފަ އެވެ.

އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނި ޔާޝް ރާޖް ފިލްމްސް އިން އުފައްދާފައިވާ މިފިލްމު ރިލީޒްކުރުމުގެ ގަޑިއިރުތަކެއް ކުރިން ވަނީ އޮންލައިންކޮށް ލީކްކޮށްލާފަ އެވެ.

"ސުލްތާން" ރިލީޒްކުރުމުގެ ގަޑިއިރުތަކެއް ކުރިން އޮންލައިންކޮށް ލީކްކޮށްލާފައިވާއިރު، މިިދިޔަ މަހު ނިކުތް ޝާހިދު ކަޕޫރު ލީޑްރޯލުން ފެނިގެން ގޮސްފައިވާ "އުޅްތާ ޕަންޖާބު" ވެސް ވަނީ ރިލީޒްކުރުމުގެ އެއް ދުވަސްކުރިން ލީކްކޮށްލާފަ އެވެ. މިފިލްމުގެ އިތުރުން މިމަމަހުގެ 22 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ކޮމެޑީ ފިލްމު "ގްރޭޓް ގްރޭންޑް މަސްތީ" ވެސް ވަނީ މިދިޔަ ހަފްތާގައި ލީކްވެފަ އެވެ.

ލީކްކޮށްލާފައިވާ "ސުލްތާން" ގެ ކޮޕީ އަދި ޓޮރެންޓުގައި ލިބެން ނެތް ނަމަވެސް ޑާކްނެޓު ކިޔާ ސައިޓަކުން ބަލައިލެވެން އެބަހުރި ކަމަށް ސައިބާ ކްރައިމް އެކްސްޕާޓް ދީޕް ޝަންކަރް ބުނެފައިވެ އެވެ. ދީޕް އިތުރަށް ވަނީ ދެ ގަޑިއިރާއި 36 މިނިޓްގެ ދިގުމިން ހުރި ފިލްމެއް ލީކްވެފައިވާ ކަމަށް ބުނެފަ އެވެ. އަދި މިފިލްމުގެ ލީކްވެފައިވާ އޮންލައިންގައި ދައުރުވާން ފެށުމާއެކު އެކޮޕީ ހުރި ބައެއް ވެބްސައިޓްތަކުގެ ލިންކު ބްލޮކްކޮށް އަދި ބައެއް ވެބްސައިޓްތައް ވެސް ބްލޮކްކޮށްފައި ކަމަށް ދީޕް ވަނީ ބުނެފަ އެވެ.

ނަމަވެސް ޔާޝް ރާޖްގެ ޕްރޮޑިއުސަރަކު ވަނި މިފިލްމުގެ ކޮޕީއެއް ލީކްވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި މިފިލްމު ލީކްވުމާއި ގުޅިގެން އަދި މިހާތަނަށް ފުލުހަށް މައްސަލައެއް ވެސް މިހާތަނަށް ހުށަހަޅާފައެއްނުވެ އެވެ.

އިންޑިއާއަށް އީދު ވަނީ މާދަމާކަމުން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދާނެ ކަމަށް ބެލެވުނު މިފިލްމުގެ ފުރަތަމަ ދުވަހުގެ އާމްދަނީ ކުރިން ލަފާކުރެވުނު ވަރަށް ވުރެން މަދުވާނެ ކަމަށާއި އަދި ފިލްމު ލީކްވުމުގެ ސަބަބުން ވެސް އެކަމުގެ އަސަރު ފިލްމުގެ އާމްދަނީ އަށް ކުރާނެކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ބުނެފަ އެވެ.

ސަލްމާން ރެސްލިންތެޅުން ތެރިއެއްގެ ރޯލުން ފެނިގެންދާ މިފިލްމު އޮންލައިންކޮށް ލީކްވި ނަމަވެސް ފިލްމުގެ ފުރަތަމަ ޝޯތައް ހައުސް ފުލް ކަމަށް ނޫސްތަކުގައިވެ އެވެ. އަދި މިފިލްމު ބެލި ބޮލީވުޑްގެ ފަރާތަކުންނާއި ފިލްމު ކްރިޓިކްސް އިން އަންނަނީ ފިލްމަށް ތައުރީފުކުރަމުންނެވެ.