ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދިއުމަށް މިރޭ ވޭލްސް އާއި ޕޯޗުގަލް ވާދަކުރާ މެޗަކީ ގިނަ ބަޔަކަށް އެންމެ ދެ ކުޅުންތެރިންގެ ހަނގުރާމައެކެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ދެ ކުޅުންތެރިން ކަމަށްވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވޭލްސްގެ ގެރެތް ބޭލް މިރޭ އެކަކު އަނެކަކާ ދެކޮޅަށް ނުކުންނައިރު ތަޖުރިބާކާރުންގެ ގިނަ ބަޔަކު ވަނީ ހިޔާލުތަފާތުވެފަ އެވެ.
ޕޯޗުގަލް ޓީމު ބިނާވެފައިވަނީ ރޮނާލްޑޯ އަށް އެކަނި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެކަމަކު މުބާރާތުގައި މިހާތަނަށް ފެނުނު މަންޒަރުތަކަށް ބަލާއިރު ރޮނާލްޑޯ ގޮވައިގެން ސެމީ އަށް ދިޔައީ ޕޯޗުގަލްގެ ޓީމެވެ. ފުރަތަމަ ދެ މެޗުގައި ގޯލެއް ނުޖެހި މާޔޫސްވި ނަމަވެސް ޖެހިގެން އައި މެޗުގައި ޖެހި ދެ ގޯލާއެކު އޭނާ އިތުބާރު އުފެއްދި އެވެ. އެކަމަކު ޕޯޗުގަލްގެ މެދުތެރެ ދަށްވުމަކީ ރޮނާލްޑޯގެ ބޭނުން ހިފުމަށް އެ ޓީމަށް އަދިވެސް ނުކުރެވި އޮތް ކަންތަކެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ނަތީޖާ ނެރެވިފައިނުވުމަކީ މިކަމަށް ބާރުލިބޭ ކަމެކެވެ.
މިއާ ހިލާފަށް ވޭލްސް ޓީމު ސެމީއާ ހަަމައަށް ގެންދިއުމުގައި ބޭލްގެ ހިއްސާ ވަރަށް ބޮޑެވެ. ވަރަށް ބޮޑަށް ފަހަތަށް ޖެހި ބޯޅަ ހޯދައިގެން އޭނާގެ ނުރައްކާ ވެސް ބޮޑުކޮށް، އެހެން ކުޅުންތެރިންނަށް ފުރުސަތު ތަނަވަސްކޮށްދީފައިވެ އެވެ. ފުރަތަމަ ތިން މެޗުގައި ގޯލު ވެސް ޖެހި އެވެ. ބައެއް ފަހަރު ދޭ ޕާސްތައް ތަކުރާރުކޮށް އޭނާގެ ބޯމަތިން ދިޔަ ނަމަވެސް އެހެން ކުޅުންތެރިންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރުދީ ހަދާފައިވެ އެވެ. އޭނާ ނުލައި ވޭލްސްގެ ނުރައްކާ ވަރަށް ކުޑަވާނެ އެވެ. އެކަމަކު ޓީމެއްގެ ގޮތުގައި ވޭލްސް ޓީމު ފެންނަނީ ވަރަށް ޖޯޝުން ފުރިގެންވާ ދޫނުދޭ ޓީމެއްގެ ގޮތުގަ އެވެ.
ވޭލްސްގެ އާރޮން ރަމްސޭ މިރޭ ނެތުމަކީ އެ ޓީމަށް ލިބޭ އުނިކަމެކެވެ. އެކަމަކު މީގެ އެޑްވާންޓޭޖް ޕޯޗުގަލް އަށް ނެގޭނީ މެދުތެރެ އާއި ފޯވަޑް ލައިން ރަނގަޅަށް ގުޅުވާލެވިގެންނެވެ. ސަންޗޭޒް ވޭލްސްގެ ޖޯ އެލަން އަށް ރަނގަޅަށް ފާރަވެރިވާން ޖެހޭއިރު ޖޯ މާރިއޯ އާއި ޖޯ މޮޓީނިއޯގެ ފާސްތައް ކުރީ ފަސް މެޗަށްވުރެ މިރޭ ރަނގަޅު ކުރަންޖެހޭނެ އެވެ. އަދި ވޭލްސް މޮޅުވާނަަމަ މިދިޔަ ފަސް މެޗުގައި އެލަން ދެއްކި މޮޅު ކުޅުން ތަޖުރާރުކުރަންޖެހޭނެ އެވެ.
ވޭލްސް ޓީމު މުބާރާތް ފެށީ 4-4-1-1 ފޯމޭޝަނަށެވެ. އެކަމަކު ކާލް ރޮބްސަން ކާނޫ ފިޓްވުމާއެކު 4-4-2 އަށް ބަދަލުކުރީ ޓީމަށް އެންމެ ފައިދާހުރީ އެގޮތް ކަމަށްވާތީ އެވެ. އޭނާގެ ސަބަބުން ބޭލް އަށް އިދިކޮޅު ޑިފެންޑަރުންނަށް އިތުރު ސަމާލުކަމެއް ދޭން ޖެހެ އެވެ. ރެއާލް މެޑްރިޑުގައި ބޭލްގެ ދައުރު ކުޑަކޮށްފައި އޮތަސް ވޭލްސް ޓީމުގައި ކޯޗު ކްރިސް ކޯލްމަން އޭނާ އަށް ދީފައިވަނީ މުޅިން ފްރީ ރޯލެކެވެ. މިއާއެކު ފަހަތުން ހޯދާ ބޯޅަތަކާއެކު އޭނާ ސްޕީޑާއި ފިޒީކްގެ ބޭނުން ބޭލް މާރަނގަޅަށް ވެސް ދަނީ ހިފަމުންނެވެ. އެކަމަކު ރޮނާލްޑޯ އަށް ބޯޅަ ނުލިބުމާއި ޓީމުގައި ކޮލިޓީ ދަށްވުމުން އޭނާ ވަށާލައިގެން ތިބޭ ޑިފެންޑަރުންނަށް ރޮނާލްޑޯ ހުއްޓުވަން މާބޮޑަށް ފަސޭހަވެ އެވެ.