ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ވޭލްސް އާއި ޕޯޗުގަލް ވާދަކުރާ މެެޗަކީ މުޅި ދުނިޔޭގެ ލޯ ދެ ކުޅުންތެރިއަކަށް އަމާޒުވެގެންދާނެ މެޗެކެވެ. ޕޯޗުގަލްގެ ކެޕްޓަަން ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ނޫން އެއްޗެއް ގަބޫކުރަން ބޭނުންވާ ކުޅުންތެެރިއެއްނޫނެވެ. ދުނިޔޭގެ ރެކޯޑް ފީއަކަށް އޭނާ ގަތުމަށްފަގހު އެ ރެކޯޑް ރެއާލް މެޑްރިޑުން މުގުރާލީ ވޭލްސްގެ ފޯވަޑް ގެރެތް ބޭލް ގަތުމަށްފަހު އެވެ.
މި ދެ ކުޅުންތެރިން މިރޭ އެކަކު އަނެކަކަށް ހެޔޮއެދެމުން ދަނޑަށް ނުކުންނައިރު ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ކާލޯ އެންޗެލޯޓީ ވަނީ އެއްކަމެއް ފަޅާ އަރުވާލައިފަ އެވެ. އޭަނާ ބުނީ ރެއާލް މެޑްރިޑުގައި ދެ ކުޅުންތެރިން އެކުގައި ކުޅެ، ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ނަމަވެސް ފަރިތަކުރުންތަކުގައި ވެސް ދެ ކުޅުންތެރިން ވާދަކުރާ ކަމަށެވެ.
"އެމީހުންނަކީ ވަރަށް ވާދަވެރި ދެ ކުޅުންތެރިން. ފަރިތަކުރުންތަކުގައި އެކަން ފެނޭ. އަދި އެެެއިޓް އަ ސައިޑް ކުޅޭ އިރު ވެސް ދެ މީހުން ވާދަކުރޭ. އަދި އަހަންނަށް ފެނުނީ މޮޅު ހުރިހާ ކުޅުންތެރިން ވެސް ވާދަވެރިކަަން،" އެންޗެލޯޓީ ބުންޏެވެ.
އޭނާ ބުނީ ގައުމީ ޓީމުގައި ރޮނާލްޑޯގެ ރެކޯޑް ރަނގަޅު ނަމަވެސް ދެ ކުޅުންތެރިން ވެސް ގައުމީ ޓީމަށް ވަރަށް އިސްކަންދޭ ކަމަށެވެ. އަދި އެއީ އޭނާ އަބަދުވެސް ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.
ނަމަވެސް މިރޭ މޮޅުވާނީ ކޮން ކުޅުންތެރިއެއްތޯ އެހުމުން އެސުވާލަށް ސީދާ ޖަވާބުދޭން އެންޗެލޯޓީ ބޭނުމެއްނުވި އެވެ. އޭނާ ބުނީ މިއީ ވަރަށް ތަފާތު ދެ ސްޓައިލެއްގެ ދެ ކުޅުންތެރިން ކަމަށެވެ.
"ކޮންމެވެސް ވަރަކަށް އެއްގޮތް ކަންތައްތަކެއް އެބަހުރި. އެކަމަކު މި ދެ ކުދިންނަކީ ތަފާތު ދެ ސްޓައިލެއްގެ ދެ ކުޅުންތެރިން. ރެއާލްގައި އަހަރެން ކުޅުވީ ބޭލް ކަނާތް ފަރާތަށް. ރޮނާލްޑޯ ވާތް ފަރާތަށް. ބޭލް އަކީ އެޓޭކިންގައި ކޮންމެ މަގާމަކަށް ވެސް ކުޅެވިދާނެ ކުޅުންތެރިއެއް. ރޮނާލްޑޯ ވާތް ފަރާތަށް ކުޅެނީ އޭނާގެ އެންމެ މޮޅު ކުޅުންތެރިން ދެއްކޭނީ އެމަގާމަށް ކުޅެގެން ކަމަށް އޭނާ ގަބޫލުކުރާތީވެ،" އެންޗެލޯޓީ ބުންޏެވެ.
މި ދެ ޓީމު މިރޭ ވާދަކުރާއިރު ދެ ޓީމު ވެސް ބިނާވެފައިވަނީ މި ދެ ކުޅުންތެރިން ވަށައިގެންނެވެ. މިހެންވެ މި އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކަނޑައެޅުމުގައި ވެސް މިރޭގެ މެޗަކީ މުހިންމު ދައުރެއް އަދާކުރާނެ މެޗަކަށް ވާނެ ކަމަށް އެންޗެލޯޓީ ވެސް ގަބޫލުކުރެ އެވެ.