ހަބަރު

ސައުދީ ޑިފެންސް މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ

Jul 6, 2016
1

ސައުދީގެ ޑިފެންސް މިނިސްޓަރު، އަދި ޑެޕިއުޓީ ކްރައުން ޕްރިންސް، މުހައްމަދު ބިން ސަލްމާން އާލް-ސައުދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މުހައްމަދު ބިން ސަލްމާންގެ ހާއްސަ، ދައުވަތަކަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު، އާދަމް ޝަރީފް ސައުދީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ދެބޭފުޅުން މިއަދު ބޭއްވި ރަސްމީ ވާހަކަތަކާ ގުޅޭ ގޮތުން، ދިވެހި ސިފައިން އާންމު ކުރި ބަޔާނެއްގައި ބުނީ، ދެ ވަޒީރުން ވެސް ވަނީ، ފިތުރު އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދެންނެވުމުގެ އިތުރުން، ދެގައުމުގެ އަސްކަރީ ގުޅުންތައް އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައި ކަމަށެވެ.

މި ބައްދަލުވުމުގައި މުހައްމަދު ބިން ސަލްމާން ވަނީ ވަރަށް ކައިރި މުސްތަގުބަލެއްގައި ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު އާދަމް ޝަރީފަށް ދެއްވާފައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން އަދި ބުނީ، މިދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ ސައުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައުދު އަށް ފިތުރު އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ދަންނަވާފައި ކަމަށެވެ.