ބޮލީވުޑް

"ކަނޭޑާ" ގެ ތަރިންނަކީ އަނުޝްކާ އާއި އަރްޖުން

Jul 7, 2016

ބަތަލާ އަނުޝްކާ ޝަރްމާ އެކްޓްކޮށް ތިން ވަނަ އަށް ޕްރޮޑިއުސްކުރާ ފިލްމު "ކަނޭޑާ" ގައި އޭނާ އާއެކު ލީޑްރޯލުން ފެނިގެންދާނީ "ކީ އެންޑް ކާ" ގެ ތަރި އަރްޖުން ކަޕޫރެވެ.

މިފިލްމު ޑައިރެކްޓްކުރަނީ އަނުޝްކާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން ފުރަތަމަ އަށް އުދެއްދި ފިލްމު "އެންއެޗް 10" ގެ ޑައިރެކްޓަރު ނަވްދީޕް ސިންގް އެވެ.

މިފިލްމުގެ ފަރާތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން ފިލްމުގެ ޑައިރެކްޓަރު ނަވްދީޕް ވަނީ މިފިލްމުގެ ބަތަލުގެ ރޯލު އަރްޖުން އަށް ހުށަހަޅާފަ އެވެ. އަދި މިރޯލު ކުޅެން އޭނާ ސޮއިކުރާނެކަން ވަނީ ޔަގީންވެފަ އެވެ.

މިފިލްމުގައި މިދެއެކްޓްރުން އެކުގައި ފެނިގެންދާނަމަ މިއީ މިދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.

ފިލްމުގެ ފަރާތުން ވާހަކަދެއްކި މީހާ އިތުރަށް ވަނީ "ކަނޭޑާ" މިފިލްމަކީ "އެންއެޗް 10" ކަހަލަ ތްރިލާ ޑްރާމާއެއް ނޫންކަމަށެވެ. މިފިލްމުގެ ނަން ކަނޭޑާ އަކީ ޕަންޖާބު މީހުން ކެނެޑާ އަށް ކިޔައި އުޅޭ ނަން ކަމަށް ބުނެފަ އެވެ. އަދި މިވަގުތު ފިލްމާ ބެހޭ މާގިނަ ވާހަކަތަކެއް ހިއްސާނުކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އަނުޝްކާ ދެވަނަ އަށް ޕްރޮޑިއުސްކުރި ފިލްމު "ޕިލައުރީ" ގައި ވެސް އޭނާ ވަނީ ލީޑްރޯލު ކުޅެފަ އެވެ. މިދިޔަ ހަފްތާގެ ތެެރޭގައި އެފިލްމުގެ ޝޫޓިން ވަނީ ނިމިފަ އެވެ. އަނުޝްކާގެ އެންމެފަހުން ރިލީޒްވެފައިވަނީ އިއްޔެ ނިކުތް "ސުލްތާން" އެވެ. އެފިލްމުގައި އޭނާ ކުޅެފައިވާ ރެސްލިންތެޅުން ތެރިއެއްގެ ރޯލަށް ބެލުންތެރިންގެ ތައުރީފު އަންނަނީ ލިބެމުންނެވެ.

އަރްޖުން އަންނަނީ ބަތަލާ ޝްރަދާ ކަޕޫރާއެކު "ހާފް ގާލްފްރެންޑް" ގެ މަންޒަރުތައް ނަގަމުންނެވެ. "ކަނޭޑާ" ގެ ޝޫޓިން ފެށޭނެ ދުވަހެއް ކަނޑައެޅިގެންދާނީ އަރްޖުން އެފިލްމުގެ މަސައްކަތް ނިމުމުން ކަމަށްވެ އެވެ.