ބޮލީވުޑް

ރަންވީރާއި ދިޕިކާ އެންގޭޖްވީތަ؟

Jul 7, 2016

ޒުވާން އެކްޓަރު ރަންވީރު ސިންގް އަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގެ އެންމެ އުހަށް އެރި އެކްޓަރެވެ. އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ގުނާލެވޭ ރަންވީރުގެ އުފަންދުވަހަކީ އިއްޔެ ކަމަށްވީއިރު، މިއަހަރުގެ އޭނާގެ އުފަންދުވަސް އެހެން އަހަރުތަކަށް ވުރެން ހާއްސަ ކަމަށްވެ އެވެ.

ރަންވީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބަތަލާ ދިޕިކާ ޕަދުކޯން އާއި އޭނާ އެންގޭޖްވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. މިދެތަރިން އެންގޭޖްވެފައިވަނީ ދެފަރާތުގެ އާއިލާގެ މެމްބަރުން ބައިވެރިވި ވަރަށް ކުޑަ ހަފްލާއެއްގައި ކަމަށްވެ އެވެ.

ދިޕިކާ އާއި ރަންވީރު އެންގޭޖްވެފައިވާ މިވަނީ ދިޕިކާ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު ކުޅެން ގިނަ ދުވަހު ކެނެޑާގައި އުޅެން ޖެހުމުންނާއި ރަންވީރު އެހެން ފިލްމުތަކުގެ ޝޫޓިންގައި ބުރަކޮށް އުޅެން ޖެހުމުން މިދެތަރިންނަށް އެކުގައި ހޭދަކުރާނެ ވަގުތު ނުލިބި ރުޅިވެފައިވާ ކަމަށް އަޑުތައް އަރާފައި ވަނިކޮށެވެ.

މިދެތަރިންގެ ދެމެދުގައި މައްސަލަ ޖެހި ރުޅިވެފައިވާ ކަމުގެ ވާހަކަތައް ދެކެވެން ފަށާފައިވަނީ މަފަހުން ބޭއްވި އައިފާ އެވޯޑްސްގެ ހަފްލާގެ ކުރިންނެވެ. ނަމަވެސް އެހަފްލާގެ ތެރެއިން މިދެތަރިން އެކަކު އަނެކަކާ ހީ ސަމާސާކޮށް ވާހަކަދައްކާ މަންޒަރުތަކާއި އެކަކު އަނެކަކަށް ރައްދުވާގޮތަށް ބުނެފައިވާ ލޯބީގެ ވާހަކަތަކުން ދެމީހުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ޖެހިގެން ނޫޅޭކަން ވަނީ ޔަގީންވެފަ އެވެ.

ރަންވީރާއި ދިޕިކީ ލޯބީގެ ގޮތުން ގުޅުނު ކަމަށް ވަނީ މިދެތަރިން އެކުގައި ކުޅުނު "ރާމް ލީލާ" ގެ ޝޫޓިންގެ ތެރެއިންނެވެ. މިދެތަރިން ލޯބީގެ ގޮތުން ގުޅުނު ހިސާބުން ފެށިގެން ވެސް ރަންވީރު ވަނީ އޭނާގެ ހަޔާތުގައި ދިޕިކާ އަކީ ވަރަށް ހާއްސަ މަގާމެއް ދެވިފައިވާ މީހެއްކަމަށް ބުނަމުން އައިސްފަ އެވެ. އެކަކު އަނެކަކަށް ދެމީހުން ރައްދުކުރާ ބަސްތަކާއި ދޭސަމާލުކަމުން ދެމީހުންނަކީ ވަރަށް ލޯބިން އުޅޭ ޖޯޑެއްކަން އެނގެ އެވެ. މިދެތަރިންގެ ތެރެއިން ވެސް ރަންވީރު އަބަދުވެސް ދިޕިކާ އަށް ތައުރީފުކޮށް އޭނާ ދެކެވާ ލޯބި އަބަދުވެސް ހާމަކުރެ އެވެ.

މިދެތަރިން އެންގޭޖްވި ހަބަރުތައް ވަރަށް ގަދަޔަށް ދެކެވެމުން އައި ނަމަވެސް މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް ރަންވީރުގެ ސްޕޯކްސްޕާސަން ވަނީ ބުނެފަ އެވެ. މިހާތަނަށް ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އެއްބަސްނުވާ ދެތަރިން އެންގޭޖްވި ނަމަވެސް އެކަމަށް އެއްބަސްވުމާ މެދު ޝައްކެވެ.