ބޭރު ކުޅިވަރު

ޕްލެޓީނީ އާއި ރޮނާލްޑޯ އަރާ ހަމަކޮށްފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ފްރާންސްގެ މިޝޭލް ޕްލެޓީނީގެ ރެކޯޑާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަރާ ހަމަކޮށްފި އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ވޭލްސް ކޮޅަށް ޖެހި ގޯލާއެކު ޕޯޗުގަލްގެ ކެޕްޓަން ޔޫރޯގައި ޖެހި ގޯލުގެ އަދަދު ވަނީ ނުވަޔަކަށް އަރައިފަ އެވެ.

ޔޫއޭފާގެ ކުރީގެ ރައީސް، އަދި ފްރާންސްގެ ކުރީގެ ކެޕްޓަން އަދި ކޯޗު ޔޫރޯގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހެދީ 1984 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އޭނާ ޖެހި ނުވަ ގޯލު ވެސް ފެނިގެންދިޔައީ ފްރާންސް ތަށި ހޯދި އެ މުބާރާތުގަ އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ރޮނާލްޑޯގެ ނުވަ ގޯލު ޖަހާފައިމިވަނީ ހަތަރު މުބާރާތުންނެވެ. އޭނާ އެންމެ ފުރަތަމަ ޔޫރޯގައި ކުޅުނީ 2004 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގައި އުމުރުން އެންމެ 18 އަހަރުގަ އެެވެ.

މި ފަހަރުގެ މުބާރާތުގައި ރޮނާލްޑޯ ވަނީ މިހާތަނަށް ތިން ގޯލު ޖަހައިފަ އެވެ. އެއީ ވޭލްސް ކޮޅަށް ޖެހި ގޯލާއި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ހަންގޭރީ ކޮޅަށް ޖެހި ދެ ގޯލެވެ.

ރޮނާލްޑޯ ވޭލްސް ކޮޅަށް ޖެހި ގޯލާއެކު އެހެން ކަމެއް ވެސް ވަނީ ބަދަލުވެފަ އެވެ. އެއީ ޔޫރޯގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ބަޔާން މިއުނިކްގެ ކުޅުންތެރިންނެވެ. އެއީ 31 ގޯލެވެ. އެކަމަކު ރޮނާލްޑޯގެ ގޯލާއެކު މި ރެކޯޑް މިހާރު ވަނީ 32 ގޯލާއެކު ރެއާލް މެޑްރިޑަށް ލިބިފަ އެވެ.