އިރާގު

އިރާގް ހަނގުރާމައަށް ދާން ނިންމުން ގޯސްކަމަށް ބްލެއާ އެއްބަސްވެއްޖެ

Jul 7, 2016
3

ބޮޑު ވަޒީރު ކަމުގެ ދައުރުގައި އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވި ނިންމުމަކީ އިރާގް ހަނގުރާމައިގައި ބައިވެރިވާން ނިންމި ނިންމުން ކަމަށް، އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާ ވިދާޅުވެއްޖެ އެވެ.

ދެހާސް ތިން ވަނަ އަހަރު، އިރާގާ ދެކޮޅަށް އެމެރިކާ އިސްވެ ކުރި ހަނގުރާމައިގައި، އެމެރިކާގެ އެންމެ ބޮޑު މަދަދުވެރިޔަކީ އިނގިރޭސި ވިލާތެވެ.

މި ހަނގުރާމައިގައި އިނގިރޭސި ވިލާތުގެ 179 ސިފައިން ވަނީ މަރުވެފައެވެ. މަރުވި ސިފައިންގެ އާއިލާތަކުން ބްލެއާގެ މައްޗަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ކުރި ތަހްގީގް ގައި ހާމަވެފައިވަނީ އިރާގް ހަނގުރާމައަށް ދިއުމަށް ބްލެއާގެ ސަރުކާރުން ނިންމާފައިވަނީ ބަލަންވާ ވަރަށް ނުބަލާ ކަމަށާއި، އެކަމުގައި ސްލްހައިގެ ވާހަކަތައް މެދުވެރިކޮށް ނަމަވެސް، އެމައްސަލަ ހައްލުކލުރެވެން ފުރުސަތު އޮތް ކަމަށްވެސް ތަހްގީގު ރިޕޯޓްގައި ވެއެވެ.

ޓީވީ މެދުވެރިކޮށް ދިން ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަމުން ބްލެއާ ވިދާޅުވީ "އެ ނިންމުން ނިންމުމުގައި އަހަންނަށްވެސް ގޯސްތަކެއް ހެދިފައި އެބަހުރި" ކަމަށެވެ.

"އެއްވެސް އެސްކިއުޒެއް ނެތި، އެ ނިންމުމުގެ ފުރިހަމަ ޒިންމާ މިއަދު އަހަރެން ނަގަން،" ބްލެއާ ވިދާޅުވިއެވެ.

މިމައްސލަ ތަހްގީގް ކުރި މިނިވަން ތަހްގީގް ކޮމިޓީގެ ޗެއާމަން، ޖޯން ޗިލްކޮޓް ވިދާޅުވީ "އެމެރިކާ އިސްވެ އިރާގާ ދެކޮޅަށް ކުރި ހަނގުރާމަ ދިޔައީ މުޅިން ގޯސްކޮށް، އަދި އިނގިރޭސި ސަރުކާރަށް، އެއިން ހާސިލުވާން ޖެހޭ ކަންކަންވެސް ވަނީ މުޅިން ފެއިލްވެފައި" ކަމަށެވެ.

އިރާގް ހަނގުރާމައިގައި އެމެރިކާއާއި، އިނގިރޭސި ވިލާތުގެ އަސްކަރީ ކޯލިޝަނުން ވަނީ މިލިއަންކަށް ވުރެ ގިނަ ކުށެއް ނެތް ރައްޔިތުން މަރާލާފައެވެ.