އިންޑިޔާގެ ބޮޑުވަޒީރު މޯދީ

އެފްރިކާގެ ހަތަރު ގައުމަކަށް މޯދީ ދަތުރުފުޅު ފައްޓަވައިފި

Jul 7, 2016

އެފްރިކާގެ ހަތަރު ގައުމަކަށް ކުރައްވާ ދަތުރު ފުޅެއްގައި އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު މޮޒަންބީކަށް ވަޑައިގެންފި އެވެ.

އެފްރިކާއަށް ކުރައްވާ ދަތުރުފުޅު، މޯދީ އިންޑިއާއިން ފެއްޓެވީ ރޭ ދަންވަރު އެވެ. ބޮޑު ވަޒީރު މޯދީ މޮޒަންބީކަށް ވަޑައިގެންނެވުމުން އޭނާ ވެފައިވަނީ 34 އަހަރު ތެރޭ، މޮޒަންބީކަށް ވަޑައިގެންވި އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރަށެވެ.

މޮޒަންބިކްގެ ދަތުރުފުޅުގައި މޯދީ އެންމެ އިސްކަން ދެއްވާ ދާއިރާތަކަކީ ހައިޑްރޯކާބަންސް އާއި، މެރިޓައިމް ސެކިއިރިޓީ އާއި ވިޔާފާރި އާއި އިންވެސްޓަރުން ބަދަލު ކުރުމުގެ އިތުރަށް ދަނޑުވެރިކަމާ ކާނާއާ ބެހޭ ދާއިރާއިން ދެ ގައުމުގެ ގުޅުން ގާއިމު ކުރުމަށެވެ.

އަދި މޮޒަންބިކްގެ ރައީސް ފިލިޕޭ ނައިއޫސީއާ މޯދީ ބައްދަލު ކުރައްވާ ދެ ގައުމުގެ ދެ މެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމާފަ އެވެ.

އަދި މައުލާނާ ސައިންސް އެންޑް ޓޮކްނޮލިޖީ ޕާކްގައި ދަރިވަރުންނާ ބައްދަލު ކުރައްވާ ތަގްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މޮޒަންބިކްގައި ދިރިއުޅޭ އިންޑިއާ ކޮމިޔުނިޓީއާ ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދުން ފެށިގެން މިމަހު 10 ވަނަ ދުވަހާ ހަމަޔަށް އެފްރިކާގެ ހަތަރު ގައުމަށް ކުރައްވާ ދަތުރުފުޅުގައި މޮޒަންބީކްގެ އިތުރުން ދެކުނު އެފްރިކާއާއި ޓެންޒޭނިއާ އާއި ކެންޔާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.