ހޯސޭ މޮރީނިއޯ

ޗެލްސީ އަށް ދިއުމަކީ މޮރީނިއޯ ހެދި ގޯހެއް: ފާގަސަން

ދެ ވަނަ ފަހަރަށް ޗެލްސީގެ ކޯޗުކަމާ ހަވާލުވުމަކީ ކޯޗު ހޯސޭ މޮރީނިއޯ ހެދި ބޮޑު ގޯހެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ބުނެފި އެވެ.

ޔުނައިޓެޑުގައި 27 އަހަރު ހޭދަކޮށް އިނގިރޭސި އެންމެ ކާމިޔާބު ކުލަބަށް ޔުނައިޓެޑް ހަދައިދިން ފާގަސަން މިހެން ބުނީ މޮރީނިއޯ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލު ވުމުންނެެވެ.

"ދެ ވަނަ ފަހަރަށް ކުލަބަކާ ހަވާލުވުމަކީ ވަރަށް ގޮންޖެހުން ބޮޑު ކަމެއް. މޮރީނިއޯ އަށް ހެދުނު ގޯހެއް އެއީ. އަހަރެން ގަބޫލުކުރާ ގޮތުގައި ދެ ވަނަ ފަހަރަށް ކުލަބަކަށް ދިއުން އެއީ ކޮށްގެންވާނެ ކަމެއްް ނޫން. މެންޗެސްޓާ ޔުނައިޓެޑަކީ އޭނާ އަށް ވަރަށް ރަނގަޅު ކުލަބަކަށްވާނީ،" ފާގަސަން ބުންޏެވެ.

މީގެ ތިން އަހަރު ކުރިން މޮރީނިއޯ ޗެލްސީއާ ހަވާލުވީ ޔުނައިޓެޑުގެ ކޯޗަކަށް އޭނާ ގެންނަން ފާގަސަން މަސައްކަތް ކުރަމުން ދަނިކޮށެވެ.

"އޭނާގެ ކާމިޔާބީ އަށް ބަލާއިރު އެއޮތީ ވަރަށް ރަނގަޅު ރެކޯޑެއް. ދެ ކުލަބެއްގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައި. އޭނާގެ ރެކޯޑާމެދު ސުވާލެއް ނުއުފެއްދޭނެ. އަހަރެން އުއްމީދު ކުރަނީ ޔުނައިޓެޑުގައި ވެސް އޭނާ ރަނގަޅު ކާމިޔާބީތަކެއް ހޯދާނެ ކަމަށް،" ފާގަސަން ބުންޏެވެ.