ރިޕޯޓް

މާލެ އާއި ވިލިމާލެ ދެމެދު ވެސް ބްރިޖެއް އަޅަނީތަ؟

މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކައަކީ މާލެއާ ހުޅުލެ ދެމެދު އަޅަމުން އަންނަ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު"ގެ ވާހަކައެވެ. އުންމީދުތަކައި އެކު އިރުމަތީ ފަރާތަށް ބްރިޖު ބަލައިލަން ގޮސް އުޅޭ މީހުންގެ އަދަދު ވެސް ދުވަހުން ދުވަހަށް ދަނީ އިތުރު ވަމުންނެވެ. ހަގީގަތުގައި ވެސް މާލެއާ ހުޅުލެ ގުޅައިލުމުން އެތައް ބަޔަކު ހުޅުމާލެ އަށް ދިރިއުޅުން ބަދަލުކޮށް މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް އަތުވުން އެކަށީގެންވެ އެވެ.

ކޮންމެއަކަސް ޒަމާނުއްސުރެއް މީހުން އިންތިޒާރު ކުރަމުން އައި ބްރިޖު އެޅެމުން އެ އަންނަނީ އެންމެންގެ ލޯ މަތީގަ އެވެ. މިފަދަ ބޮޑު މަޝްރޫއެއް ހިންގަމުން އަންނަ އިރު ދެން އުފެދޭ ސުވާލަކީ ރައީސްގެ ވިސްނުންފުޅު ހުރީ ހަމައެކަނި އެހާ ހިސާބުން ނިންމާލަން ހެއްޔެވެ؟ ހުޅުމާލެ ގުޅާލާ ތަން މީހުން ބަލަބަލައި ތިއްބާ، ވިލިމާލެއާ މާލެ ގުޅައިލުމުގެ ވިސްނުން ވެސް މި ސަރުކާރުން އެބަ ގެންގުޅޭ ހެއްޔެވެ؟

ނަން ހާމަ ނުކުރާ ގޮތަށް ޝަރުތުކޮށް "އަވަސް"އާ ވާހަކަދެއްކި ހައުސިން މިނިސްޓްރީގެ އިސް އޮފިޝަލެއް ވިދާޅުވި ގޮތުގައި މާލެއާ ވިލިމާލެ ގުޅައިލުމުގެ މަސައްކަތް ކުރުމަށް އެ މިނިސްޓްރީ އިން އަންނަނީ ރާވަމުންނެވެ. އެގޮތުން މާލޭގެ ހުޅަނގު ދެކުނު ފަރާތުން ހިއްކާ ސިނާއީ އަވަށުގެ މަގުހަދާނީ އެ ސަރަހައްދުން ވިލިމާލެއާ ގުޅުވާލެވޭނެ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަތަރު ހެކްޓަރު ބޮޑުމިނަށް މިހާރު ހިއްކަމުން އަންނަ ސިނާއީ އަވަށުގެ ލޭންޑް ޔޫޒް ޕްލޭނިން ހަދައި އިރު މަގުތައް ހަދާނީ ބައްޓަން ކުރާނީ ވިލިމާލެއާ ގުޅައިލާނެ ބްރިޖެއް ވެސް އެޅޭގޮތައް. މިހާރު އެ މަސައްކަތް ކުރުމަށް މި މިނިސްޓްރީ އިން އަންނަނީ ރާވަމުން،" އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ވިލިމާލެއާ ހުޅުލެ ގުޅައިލުމުގެ މަސައްކަތް މިހާތަނަށް ހަވާލު ކުރުމަށް ރޭވިފައި ވަނީ ހުޅުލެއަށް އަޅައި ބްރިޖުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކުންފުނި، ސީސީސީސީ އާއެވެ. ނަމަވެސް ވިލިމާލެއާ މާލޭ ދެމެދު ބްރިޖު އެޅުމުގެ މަސައްކަތް ކުރާނީ ކޮން އިރަކު ކަމަށެވެ ސާފެއް ނުވެއެވެ.

މިއީ ކުރެވޭ ވަރުގެ ކަމެއް ނޫނޭ ބުނާނެ މީހަކު މިހާރު ނުވާނެ އެވެ. ވިލިމާލެއަށް ވުރެއް މާދުރުގައި އޮތް ހުޅުލެއާވެސް ގުޅައިލަނީ އެވެ. އެހެންވީމައި މިފަހަރު މިކަމަށް އުންމީދު އެބައޮތެވެ.

ވިލިމާލެ-މާލެ އަށް ކޮންމެހެން ބްރިޖެއް ބޭނުންތަ؟

ވިލިމާލެއަށް ބަލައި އިރު ކުއްޔަށް ހިފައިގެން އުޅޭ މީހުން ހިމަނައިގެން ވަރަށް ބޮޑު އާބާދީއެއް އެ އަވަށުގައި ދިރިއުޅޭ އިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ އަބަދުވެސް މާލެއަށް ދަތުރު ކުރަމުން އަންނަ މީހުނެވެ. ކިތަންމެ ހިތް ފަސޭހަ ތަނަކަށް ވިލިމާލެ ވީނަމަވެސް ގިނަ މީހުން ވަޒީފާ އަދާކުރުމަށް ނޫނީ ސްކޫލުތަކަށް ދަރިން ފޮނުވަނީ މާލެއަށެވެ. ހުޅުމާލެ ނަގާފައި ވިލިމާލެ ފެރީއަކީ އެންމެ ބިޒީ ފެރީ އެވެ.

ވިލިމާލޭ ކައުންސިލް މެންބަރު ހުސެން ޝަރީފް ވިދާޅުވި ގޮތުގައި ވިލިމާލޭގައި ދިރިއުޅޭ މީހުން އަބަދުވެސް ކޮންމެވެސް ކަމަކު މާލެ ދާން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު އުޅޭ އާބާދީގެ 80 ޕަސަންޓު މީހުންނަކީ ތައުލީމް ހާސިލް ކުރަން ނޫނީ ވަޒީފާ އަދާ ކުރުމަށް އަބަދުވެސް މާލެއަށް ދަތުރު ކުރާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. ކަން މިހެން އޮތް ނަމަވެސް އެކަށީގެންވާ ފެންވަރަށް ފެރީގެ ހިދުމަތް ނުލިބޭ ކަން ޝަރީފް ފާހަގަ ކުރި އެވެ.

" ގާތްގަނޑަކަށް 6،000 މީހުން އުޅޭ އިރު އޭގެ 80 ޕަސަންޓުހާ މީހުން އަބަދުވެސް މާލެއާ ވިލިމާލެ ދެމެދު ދަތުރު ކުރާނެ. އެއީ ރަނގަޅު ފެންވަރެއްގައި ހިދުމަތް ހޯދަން މީހުން ހިޔާލު ކުރާނީ މާލެ. އެކަމަކު އެހުރިހާ މީހުނަށް ކޭޓާ ކުރެވޭ ވަރަކަށް ފެރީގެ ހިދުމަތެއް ނުދެވޭ. ވަރަށް ގިނަ މީހުނަށް އެކަމައި ހެދި އޮންނަނީ ދަތި އުންދަގޫތަކެއް ކުރިމަތި ވެފައި،" ޝަރީފު ވިދާޅުވި އެވެ.

މި ހާލަތު މިހެން އޮތް އިރު، ވިލިމާލެ އާއި މާލެ މަގަކުން، ގުޅުވައިލުމަކީ މިފަދަ ޝަކުވާތަކަށް ނިމުމެއް އަންނާނެ ދުވަހެކެވެ. އެތަށް ބަޔަކަށް އޭގެންވެސް ފަސޭހަ ވާނެ އެވެ. އަދި ވިލިމާލޭގައި ދިރިއުޅެން ބޭނުންވާ މީހުންވެސް ގިނަ އެވެ. މާލެއަށް ތޮއްޖެހި ބާރުވުމުގެ ބަދަލުގައި ހުޅުމާލެ ނޫނީ ވިލިމާލޭގައި ވެސް އުޅެން މި ލިބެނީ ފުރުސަތެވެ. ފެރީގައި ދަތުރު ކުރަން ޖެހުމުގެ ބުރައެއް އޭރުން ނޯންނާނެއެވެ. ގްރޭޓާ މާލެއަށް މި ލިބެނީ އިތުރު ހިތްފަސޭހަ ކަމެކެވެ.