ޑެންގީ

ޑެންގީ ހުންޖެހިގެން ކުއްޖަކު މަރުވެއްޖެ

Jul 7, 2016

ޑެންގީ ހުން ޖެހި، ފަރުވާ ހޯދަމުން ދިޔަ ކުއްޖަކު މިއަދު މަރުވެއްޖެ އެވެ. މަރުވީ ލ. އިސްދޫ ޗަމްޕާގޭ މުހައްމަދު ޒައިން ހަމީދު 12، އެވެ.

އިސްދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވަމުން އެ މަރުކަޒުގެ އިސް އޮފިޝަލެއް ކަމަށްވާ އާދަމް މޫސާ ވިދާޅުވީ، ޒައިން އަކީ ތެލަސީމިއާ ބަލި ހުންނަ ކުއްޖެއް ކަމަށާއި، އޭނާ މަރުވީ ޑެންގީ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. މީގެ ދެތިން ދުވަސްކުރިން ޑެންގީ ޖެހިގެން ރިޕޯޓުކުރުމުން ފުރަތަމަ ޒައިންއަށް ފަރުވާދީފައިވަނީ އިސްދޫ ސިއްހީ މަރުކަޒުގަ އެވެ. އޭގެ ފަހުން ގަމު ސިއްހީ މަރުކަޒުން ފަރުވާދިނުމަށްފަހު މާލެއަށް ގެންދިޔައީ ކަމަށް މޫސާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތް ގޮތުން ޒައިން މަރުވީ މިއަދު 12 ޖަހަން އުޅެނިކޮށް، އައިޖީއެމްއެޗްގައި އޭރު ފަރުވާދެމުން ގެންދިޔައީ،" މޫސާ ވިސާޅުވި އެވެ.

ޑެންގީ ހުމުގައި އިސްދޫއަށް ނިސްބަތްވާ ޒައިން މިއަދު މަރުވެފައިވާއިރު އެރަށުގައި ހަލުވިކަމާއެކު ބަލި ފެތުރެމުންދާ ކަމަށް މޫސާ ވިދާޅުވި އެވެ. ބަލި އިތުރުވަމުންދާތީ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއްވެސް އެރަށު ކައުންސިލާއި ސިއްހީމަރުކަޒު ގުޅިގެން މިހާރު ފަށާފައިވާ ކަމަށް މޫސާ ވިދާޅުވި އެވެ.

މިއަހަރުގެ މޭ މަހުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ ފެތުރެން ފަށާފައިވާއިރު، ހެލްތު މިނިސްޓްރީ ބުނެފައިވަނީ ބަލި މިހާރު ވަރަށް މަދުވެފައިވާ ކަމަށެވެ. އަދި ނުރައްކާތެރި ކޭސްތައް އަންނަ މިންވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށާއި އެހެން ނަމަވެސް ބަލި ފެތުރިދާނެތީ އެކަމަށް ސަމާލުވުން މުހިއްމު ކަމަށެވެ.